ﷲ އަށް ބިރުވެތިނުވާ މީހަކާ ކައިވެނި ނުކުރަން މަޑުކުރި އަންހެނަކަށް ލިބުނީ ޖަވާހިރެއްފަދަ ފިރިއެއް

ރާއްޖެއަށް ބަލައިފިނަމަ ކައިވެންޏެއް ނުކުރެވިހުރެ ކައިވެނިކުރާ ޢުމުރު ގެއްލިދަނީއެވެ. އަޅުގަނޑަށް ކައިވެނި ނުކުރެވިގެން މިއުޅެނީ އެމީހާއަކީ ﷲ އަށް ބިރުވެތިވާ މީހެއްކަމަށް އަޅުގަނޑަށް ޤަބޫލުކުރެވޭ މީހަކާ ބައްދަލުނުވެގެންނެވެ. މިޙާލަތުގައި އަޅުގަނޑު ޢަމަލުކުރަން އެންމެ ރަނގަޅު ގޮތަކީ ކޮބައިތޯ؟ ޚިޔާލެއް ދެއްވަފާނަންތޯ؟

ކިޔުންތެރިޔާގެ ސުވާލުގެ ޖަވާބުގައި މިގެނެސްދެނީ ހަމަ ތިޔަފަދަ ގޮތަކަށް ކަންކަން މެދުވެރި ކަނބަލެއްގެ ވާހަކައެވެ! ވިދާޅުވެ ޢިބްރަތް ޙާޞިލްކުރައްވާށެވެ!

އަހަރެންގެ އުމުރަކީ މިހާރު 35 އަހަރެވެ. އަހަރެންގެ ގިނަ އެކުވެރިން މިހާރު ކައިވެނިކޮށްފިއެވެ. ގިނަކުދިން މިހާރު ދަރިންވެސް ހޯދައިފިއެވެ. ބައެއް ކުދިން ވަރިވެސް ވެއްޖެއެވެ.

އަހަރެންވެސް ކައިވެނިކުރަން ބޭނުންވެއެވެ. ނަމަވެސް އަހަރެންނަށް އަދިވެސް ފިރިއަކު ލިބޭނެ ގޮތެއް ނުވެއެވެ. ކައިވެނި ކުރަން ބޭނުން ކަމަށް ބައެއް ފިރިހެނުން ބުނަންވެސް ބުނެއެވެ. ނަމަވެސް އަހަރެން ބޭނުންވާ ގޮތާއި އެމީހުން ދައްކާ ވާހަކަ ދިމާނުވަނީއެވެ.

އެމީހުން ދައްކަނީ އަހަރެންގެ ސިފައިގެ ވާހަކަ އާއި އަހަރެން ދެކެ ލޯބިވާ ވާހަކައެވެ. ނަމަވެސް އަހަރެންނަށް އެއްވެސް މުހިންމު ވާހަކަތަކެއް ނޫނެވެ! އަހަރެންގެ ސިފަ ބަދަލުވާނެއެވެ. ރީތިކަންވެސް ގެއްލޭނެއެވެ. ލޯބިވެސް ގެއްލޭނެއެވެ. ވީމާ އެދައްކާ އެއްވެސް ވާހަކައަކަށް އަހަރެންގެ އެއްވެސް ސަމާލުކަމެއް ނެތެވެ.

އަހަރެން ބޭނުންވަނީ ހަމައެކަނި އެންމެ ޝަރުޠެކެވެ. އެއީ ﷲ ތަޢާލާއަށް ބިރުވެތިވުމެވެ. ﷲ ތަޢާލާއަށް ބިރުވެތިވާ މީހާ ތަޤްވާވެރިވާނެއެވެ. އަދި ހިތްހަމަ ނުޖެހޭ ކަމެއް މެދުވެރިވާއިރަށް އަހަރެންނަށް އަނިޔާއެއް ނުކުރާނެއެވެ. އަދި އަހަރެންގެ ލޮލުން ކަރުނަ ބާލާ މީހަކަށްވެސް ނުވާނެއެވެ.

އަހަރެންގެ ފިރިމީހާއަކީ ތަނަވަސް ފައިސާވެރިއަކަށްވާކަށްވެސް ބޭނުމެއް ނޫނެވެ. އޭނާއަކީ ﷲ ތަޢާލާއަށް ބިރުވެތިވާ މީހަކު ކަމުގައި ވަނީ ނަމަ ﷲ ތަޢާލާ އަހަރެމެންނަށް ރިޒްޤް ދެއްވަވާނެތެވެ. އަދި އެހެން ބޭނުންތައްވެސް ފުއްދަވައި ދެއްވަވާނެތެވެ! އިން ޝާ ﷲ.

ކައިވެނި ނުކުރެވި ލަސްވާތީ އަހަރެން ހިތާމައެއް ނުކުރަމެވެ. ކަންބޮޑެއްވެސް ނުވެއެވެ. ތަންކޮޅެއް ލަސްވި ނަމަވެސް އަހަރެން އެދޭ ފަދަ ފިރިއަކު އަހަރެންނަށް ﷲ ތަޢާލާ ދެއްވަވާނެ ކަމާއިމެދުގައި އަހަރެން އެއްވެސް ވަރަކަށް ޝައްކެއް ނުކުރަމެވެ. އަހަރެން މިހިރީ އަހަރެންނަށް އަހަރެން އެދޭވަރަށްވުރެވެސް ފުރިހަމަ ފިރިއެއް ދެއްވަވާނެ ކަމުގެ ޔަޤީންކަމުގައެވެ.

މިއީ މީގެ 2 އަހަރުކުރިން އަހަރެންގެ ޑައިރީގައި ލިޔުނު ވާހަކައެކެވެ. މިއަދުގެ ވާހަކަ އިތުރުކޮށްލަމާ ހިނގާށެވެ!

އަހަރެންގެ ކައިވެންޏަށް މިހާރު މިއީ 18 މަސް ދުވަހެވެ. އަހަރެންގެ ފިރިމީހާއަކީ ޔުނިވަރސިޓީގައި ކިޔަވައިދޭ ލެކްޗަރަރ އެކެވެ. 18 މަސްދުވަސް ފާއިތުވިއިރުވެސް ދުވަހަކުވެސް ހިނިތުންވެފައި ހުރެގެން ނޫނީ ވާހަކަ ވެސް ނުދައްކައެވެ. ގެއަށް އައުމަށްފަހު އެންމެ ސީރިއަސް ކަމާއިއެކު ކުރާ ސުވާލަކީ މެންދުރު ނަމާދާއި ޢަޞްރު ނަމާދު ކުރި ވަގުތެވެ! ނިދަން އެނދަށް އަރަމުން ކޮންމެ ރެއަކުވެސް 3.30 އަށް ގަޑި ސޯނާކުރިންތޯ ސުވާލުކުރާނެއެވެ. އެ ސުވާލުތައްވެސް ކުރަނީ ހިނިތުންވެ ހުރެއެވެ.

ވީމާ އަހަރެންގެ ޙަޔާތުގެ މިވާހަކަ ކިޔާފައި އަމިއްލަ އަށް ފާޑުކިޔާށެވެ! އަހަރެން އަމިއްލައަށް ވަކި އެއްޗެއް ބުނާކަށް ނެތީމެވެ!

 

– ޢިބްރަތްތެރި ވާހަކަ

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *