ކޭ-ޕާކް ރެޒިޑެންސްގެ ނަމުގައި ހުޅުމާލޭގައި އިމާރާތްކުރަމުންދާ އެޕާރޓްމަންޓްތައް އޮޅުވާލާއިގެން މަކަރާއިޙީލަތުން އެކި މީހުންނަށް ވިއްކައި، ބައެއް އެޕާރޓްމަންޓްތައް އެކަކަށްވުރެ ގިނަ މީހުންނަށް ވިއްކައި، އެފައިސާއަށް ޚިޔާނާތްތެރިވި މައްސަލާގައި މއ. އެރަލްސީ، ޙަސަން މަމްދޫޙްގެ މައްޗަށް ޙުކުމް ކޮށްފި އެވެ.
މި މައްސަލާގައި މަމްދޫޙްގެ މައްޗަށް ވަނީ ޓެކުމާއި، އޮޅުވާލުމާއި، ޞައްޙަނޫން ލިޔުން ދިނުމާއި، މަނީ ލޯންޑްރިންގެ ކުށާ ގުޅުންހުރި 199 ދަޢުވާ އެއް ކޮށްފަ އެވެ. އެ ދައުވާތައް ކޯޓަށް ފޮނުވީ 12 ޑިސެންބަރު 2023 ގައެވެ.
މީގެ ކުރީން އޮތީ ގިނަ ދައުވާތައް ސާބިތުވާ ކަމަށް ކަނޑައަޅާފަ އެވެ. މިއަދު އޮތީ ޙުކުމް ކުރުމެވެ. އެގޮތުން އެ ދަޢުވާތަކުގެ ތެރެއިން 183 ދަޢުވާ ސާބިތުވާ ކަމަށް ކަނޑައަޅާ މިއަދު ވަނީ ޙުކުމް އިއްވާފަ އެވެ.
އެގޮތުން 393 އަހަރާއި، 7 މަހާއި، 6 ދުވަހަށް ޖަލަށްލުމަށް ވަނީ ހުކުމްކޮށްފަ އެވެ. އަދި 30 މިލިއަން ރުފިޔާއިން ވަނީ ޖޫރިމަނާކޮށްފަ އެވެ.
* ޓެކުން – 46 ދަޢުވާ – 364 އަހަރަށް ޖަލަށް
* އޮޅުވާލުމުގެ ޢަމަލެއް ކުރުން – 44 ދަޢުވާ – 13 އަހަރާއި 2 މަހާއި 12 ދުވަހަށް ޖަލަށް
* އޮޅުވާލުމުގެ ނިޔަތުގައި ޞައްޙަނޫން ލިޔުމެއް ދިނުން – 3 ދަޢުވާ – 1 އަހަރާއި 4 މަހާއި 24 ދުވަހަށް ޖަލަށް
* މަނީ ލޯންޑްރިންގ – 1 ދަޢުވާ – 15 އަހަރަށް ޖަލަށްލުމާއެކު، 30 މިލިއަން ރުފިޔާއިން ޖޫރިމަނާކުރުން
މި މައްސަލާގައި ޙަސަން މަމްދޫޙްގެ މައްޗަށް ކޮށްފައިވާ މަނީ ލޯންޑްރިންގގެ ދަޢުވާ ސާބިތުވެފައިވާތީ، އެފްޑަބްލިއު ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްއިން ހުޅުމާލޭގައި ތަރައްޤީ ކޮށްފައިވާ އެފްޑަބްލިއު ރެޒިޑެންސްގެ ނަންބަރު: 02-13 އެޕާޓްމަންޓާއި، އެޕާޓްމަންޓާ ގުޅިފައިވާ ބޭސްމަންޓް ޕާކިންގ ސްލޮޓް ދައުލަތަށް ނެގުމަށް ވެސް ވަނީ އަމުރުކޮށްފަ އެވެ.
