ޢިލްމުވެރިއަކު ވިދާޅުވެފައިވެއެވެ.
"ދިރިއުޅުމުގައި އެންމެ ބޮޑެތި ކާމިޔާބީތައް ޙާޞިލުކުރެވިފައިވަނީ އަންނަން އޮތް ދުވަސްތަކަކީ ތިމާއަށް ހުރިހާ ގޮތަކުން ވެސް ކާމިޔާބު ދުވަސްތަކެއްކަން ޔަޤީންކުރާ މީހުންނަށެވެ. އެ ޔަޤީންކަން ލިބޭނީ ތިމާ އެދޭ ކަންކަން ﷲ ތަޢާލާ ފުއްދަވައިދެއްވަވާނެ ކަމުގެ ޔަޤީންކަން ހިތަށް ލިބޭ މީހުންނަށެވެ. އެކަމަށް ޔަޤީންކަން ލިބޭނީ ﷲ ތަޢާލާގެ މަގުގައި ޘާބިތުވެ ހުރެވޭ މީހުންނަށެވެ!"
މިބަސްފުޅު އިިތުރަށް ދިރާސާކޮށްލަމާ ހިނގާށެވެ!
ފުރަތަމަ ކަމަކަށް އެވިދާޅުވަނީ: "ދިރިއުޅުމުގައި އެންމެ ބޮޑެތި ކާމިޔާބީތައް ޙާޞިލުކުރެވިފައިވަނީ އަންނަން އޮތް ދުވަސްތަކަކީ ތިމާއަށް ހުރިހާ ގޮތަކުން ވެސް ކާމިޔާބު ދުވަސްތަކެއްކަން ޔަޤީންކުރާ މީހުންނަށެވެ."
އެއީ އެއްވެސް ޝައްކެއް އޮތްކަމެއް ނޫނެވެ. ﷲ ތަޢާލާގެ ރަޙްމަތްފުޅާއިމެދު ޝައްކުތައް އުފައްދައި މާޔޫސްވާނަމަ އެމީހެއްގެ މުސްތަޤްބަލް އެވަނީ ކަޅުކަން ގަދަ އަނދިރިކަމެއްގެ ތެރޭގައެވެ. ދެލިކައިފައެވެ. އެހެންކަމަށްވާއިއރު ފުރަތަމަ ކަމަށްވެސް ކުރަންޖެހޭ ކަމަކީ ﷲ ތަޢާލާގެ ރަޙްމަތްފުޅާއިމެދު ހިތުގައި ޔަޤީންކަން ބޭއްވުމެވެ.
ދެވަނައަށް ފާހަގަކުރައްވަވާފައިއެވަނީ "އެ ޔަޤީންކަން ލިބޭނީ ތިމާ އެދޭ ކަންކަން ﷲ ތަޢާލާ ފުއްދަވައިދެއްވަވާނެ ކަމުގެ ޔަޤީންކަން ހިތަށް ލިބޭ މީހުންނަށެވެ."
މިބަސްފުޅާއި ކުރީ ބަސްފުޅު ގޮޅުވާލުމުން އެނގެނީ އަންނަން އޮތް ދުވަސްތަކަކީ ތިމާއަށް އުފާވެރި ދުވަސްތަކެއްކަމުގެ ޔަޤީންކަން ހިތަށް ލިބޭނީ ﷲ ތަޢާލާއަށް އެންމެ ފުރިހަމަ ގޮތުގައި ވަކީލްކުރެވޭ އަޅަކަށް ވެވިގެންކަމެވެ.
ދެން 3 ވަނަބައަށް ބަލައިލަމާ ހިނގާށެވެ. އެންމެ ބާރުގަދަ އަދި އެންމެ މުހިންމު ބައަކީ މިއީއެވެ. "އެކަމަށް ޔަޤީންކަން ލިބޭނީ ﷲ ތަޢާލާގެ މަގުގައި ޘާބިތުވެ ހުރެވޭ މީހުންނަށެވެ!" މިބަސްފުޅުގައި އެވަނީ ކުރިން ބަޔާންކުރި ފަދައިން މުސްތަޤްބަލު ކާމިޔާބުކުރެވޭނެ ކަމާއިމެދު ހިތަށް ޔަޤީންކަން ލިބޭނީ އެކަލާނގެ އަނގަވާފައިވާ ގޮތަށް ޢަމަލުކުރާ މީހުނަށްކަމުގައެވެ. އެހެނީ ﷲ ތަޢާލާގެ މަގުގައި ޘާބިތުވުމަކީ ﷲ ތަޢާލާގެ އަމުރުފުޅުތަކަށް ފުރިހަމަގޮތުގައި ޢަމަލުކުރުމެވެ. ސަޅިބައިސާ ކަނޑަމުން ހިނގުމެއް ނޫނެވެ.
މިދެއްކި ވާހަ ވިސްނުނުކަމަށް ހީކުރަމެވެ. އަދިވެސް ކުރުކޮށް ޚުލާޞާކޮށްލާފައި ބުނާނަމަ އުފާވެރި މުސްތަޤްބަލެއް ލިބޭނީ، ތިމާ ބޭނުންވާ ކަންކަން ޙާޞިލުވާނެ ކަމުގެ ޔަޤީންކަން ލިބި އުފަލުގައި ހުރެވޭނީ ވަކީލްކުރާ އަޅުންނަށެވެ. ރަނގަޅު ގޮތުގައި ވަކީލްކުރެވޭނީ ﷲ ތަޢާލާގެ އަމުރުފުޅުތަކަށް ބޯލަނބައި ކިޔަމަންތެރިވެގެން އުޅޭ މީހުންނަށެވެ.
ވީމާ ތިމާހުރި ޙާލު އަމިއްލައަށް ވިސްނާލައި ތިމާއަށް މިހުރެވެނީ ކޮންގޮތަކަށްކަން ވިސްނައިލާށެވެ! އުފާވެރި މުސްތަޤްބަލެއް ލިބުން ޙައްޤު މީހެއްގެ ގޮތުގައިކަން ނުވަތަ ނޫންކަންކަމާއިމެދު ވިސްނައިލާށެވެ! އެއަށްފަހު ގެނަންޖެހޭ ބަދަލުތައް އަވަހަށް ގެންނާށެވެ! ތަޤްވާވެރިކަން އިތުރުކުރަން ޢަމަލުތަކަށް ބަދަލުގެންނަންޖެހޭނަމަ އެކަންވެސް ކުރާށެޥެ! ދުނިޔެއާއި އާޚިރަތް އުފާވެރިކުރަން ލިބުން އޮތީ އެއިރުންނެވެ.
– އިސްލާމީ ތިލަފަތުގެ ދަރުސަކުން
