ދޮގުހަދާ މީހަކާ ކައިވެނިނުކުރަންހުރި އަންހެނަކަށް ދޮގު ނުހަދާ ފިރިއަކު ލިބުނު ގޮތް

އަޅުގަނޑަކީ ރަނގަޅު މުސާރައެއް ލިބޭ ވަޒީފާއެއް އަދާކުރަމުން އަންނަ އަންހެނަކީމެވެ. އަދި ކައިވެނިކުރަން ބޭނުންވެގެންވެސް ހުރި އަންހެނަކީމެވެ. ދެ މީހަކާ ކައިވެނިކުރަން މަސައްކަތްކުރެވިއްޖެއެވެ. ނަމަވެސް ފަހުވަގުތު ހުއްޓެނީއެވެ. ހުއްޓެން މެދުވެރިވާ ސަބަބަކީ އެމީހުން އަމިއްލައަށް ދައްކާ ވާހަކަތަކުން އެމީހުންނަކީ ދޮގުހަދާ މީހުންކަން ފަޅާއެރުމެވެ.

އަޅުގަނޑަކީ އެއްވެސް މިންވަރަކަށް ދޮގުހަދާނަމަ އެމީހަކާ އެއްވެސް މިންވަރަކަށް އެއްވެސް ގުޅުމެއް ބާއްވަން ބޭނުންވާ އަންހެނަކީމެއް ނޫނެވެ. އެކަން އެންމެންގެ ގާތުގައިވެސް ފުރަތަމަ ވާހަކައަކަށް ބުނަމެވެ. ގުޅުން އުފައްދަނީވެސް އެކަން ޤަބޫލުކުރުމާއިއެކުގައެވެ.

ކޮންމެއަކަސް ތެދުވެރި ފިރިއަކު ދެއްވެވުން އެދި އަބަދުވެސް ދުޢާކުރަމެވެ. އަޅުގަނޑަކީ އެއްވެސް ކަމެއްގައި އުންމީދުކަނޑާލާ އަންހެނަކީމެއް ނޫނެވެ. ސަބަބަކީ އަޅުގަނޑަށް އެނގިގެން ދުވަހަކުވެސް އަޅުގަނޑު ފާފައެއް ނުކުރަމެވެ. ﷲ އަށް އަދާކުރަންޖެހޭ ޙައްޤުތައް އަދާކުރަމެވެ. ވީމާ އަޅުގަނޑަށް ހެޔޮ ރަޙްމަތް މިންވަރު ކުރައްވަވާނެ ކަމަށް އަބަދުވެސް ޔަޤީން ކުރަމެވެ.

އެއްފަހަރަކު ބައްޕަ ބަލިވެގެން ހޮސްޕިޓަލުގައި ބާއްވަން ޖެހުނެވެ. ބައްޕަގެ ޙާލުހުރިގޮތުން ބާއްވަން ޑޮކްޓަރުން ނިންމީ ވޯޑުގައެވެ. އެއިރު އެވޯޑުގައި ޒުވާނަކު އޮވެއެވެ. އޭނާ ގާތުގައި އެއްވެސް އެހީތެރިއަކު ނުއިނދެއެވެ. އޭނާއަށް ކާންދީ ކަންކަންކުރަނީވެސް ވޯޑުގައި ތިބޭ އެހެން ބަލިމީހުންގެ އެހީތެރިންނެވެ.

އަޅުގަނޑު އެޒުވާނާ އާއި އެއްދުވަހަކު ވާހަކަ ދައްކައިލީމެވެ. އޭނާ ކިޔައިދިނެވެ.

"އޭނާގެ ޢާއިލާއެއް ނެތެވެ. މައިންބަފައިން ވަނީ ނިޔާވެފައެވެ. ހުރީ އަޅުގަނޑު އެކަންޏެވެ. ބައްޕަ އާއި މަންމަގެ ޢާއިލާގެ އެއްވެސް މީހެއްގެ އެހީތެރިކަމެއް ދުވަހަކުވެސް ނުލިބެއެވެ. ކާފައަށްވުރެ ކުރިން ބައްޕަ ނިޔާވެފައިވުމުން ކާފަގެ ގެއިން ބައްޕައަކަށް ނުލިބުނެވެ. އެހެންވެ ބޯހިޔާވަހިކަމެއް ވެސް ނެތެވެ. އުޅުނީ ކޮޓަރި ކުއްޔަށް ހިފައިގެންނެވެ. ކޮޓަރި ކުލިވެސް ނުދެއްކެއެވެ. ﷲ ގެ ރަޙްމަތްފުޅުން ގަދަވި ދުވަހަކުން ދޫކޮށްލީމަ ނުކުމެގެން ދިއައިމަ ވައްދާނެކަމެއްވެސް ނުއެނގެއެވެ.

ކައިވެނިކޮށްގެން ދިރިއުޅެން ފެށިތަނާ ފުއްޕާމެއަށް މައްސަލައެއް ދިމާވެގެން ހޮސްޕިޓަލުގައި ބޭއްވިތާ 3 ވަނަ ދުވަހު ވަރިވާން އެދުނީމާ ވަރިކުރީއެވެ. އއެކަނި މިހެން އޮންނަތާ މަސްދުވަސްވީއެވެ. ވޯޑުގައި އުޅޭ މީހުން ވަރަށް ރަނގަޅެވެ. އަހަރެންނަށް ބޭނުންވާ ކަންކަން ކޮށްދެއެވެ."  

ޒުވާނާގެ ވާހަކަތައް އަޑުއަހާފައި ވަރަށް އަސަރުކުރިއެވެ. ބުނީމެވެ. "އެކުވެރިޔާއެވެ. މިހާރު ތިއައީ ވަރަށް ގާތް އެކުވެރިއެކެވެ. މިހިސާބުން ފެށިގެން އެއްވެސް ކަމަކަށް ނުވިސްނާށެވެ. ހުރިހާ ކަމަކާއި މިޙަވާލުވީއެވެ. ދޫކޮށްލީމާވެސް ޙަވާލުވާނަމެވެ."

އެއިރު އެޒުވާނާ ހިކިގެންގޮސް އޮތީ ކަށިގަނޑަކަށްވެފައެވެ. އާންމުކޮށް ކިޔާނަމަ މައްޔިތަކަށްވެފައެވެ. ﷲ އަށްޓަކައި އަޅުގަނޑު އޭނާ ބެލެހެއްޓީމެވެ. ކަންކަން ކޮށްދިނީމެވެ. އޭނާ ދޫކޮށްލީ ބައްޕައަށްވުރެ 2 ހަފްތާ ފަހުންނެވެ. މަންމަގެ ހުއްދައާއެކު ދޫކޮށްލީމާ ގެންދިއައީ ގެއަށެވެ. އޭނާއަށް އުޅެލެވޭވަރުވީ ގޭގައި ބަހައްޓައިގެން 3 މަސް ދުވަހު ފަރުވާކުރި ފަހުންނެވެ.

ރަނގަޅަށް ކާންލިބި ހިތްހަމަޖެހިގެން އުޅެވެން ފެށުމުން ކުޑަދުވަސްކޮޅެއްގެ ތެރޭގައި އޭނާގެ ކުރީގެ ސިފަ އޭނާއަށް ލިބިއްޖެއެވެ. ބަލާލަންވެސް ވަރަށް ރީތި ޒުވާނެކެވެ. ވަރަށް ހިޮތްހެޔޮ، ތަޤްވާވެރި ބަސްމަދު ޒުވާނެކެވެ. މަންމައަށްވެސް މަންމަ ކިޔައި ގޭގައި އުޅުނީ ދަރިއެއް ފަދައިންނެވެ.

އެއްރޭ ކާން ތިބެފައި 3 މީހުން އެކަނިވުމުން މަންމަ ބުންޏެވެ. "މަންމަ ވަކިގޮތަކަށް ކަމެއް ކުރަން ބުނަނީއެއް ނޫނެވެ. މަންމަގެ ހިތަށް އަރާ، ނޫނީ މަންމަގެ ހިތް އެދޭ ކަމެއްގެ ވާހަކަ ބުނަނީއެވެ. ލޯބިވާ ވާހަކަ އާއި ލޯބީގެ ވާހަކައެއް ނުދައްކަމެވެ. މަންމަ ވަރަށް އުފާވާނެ ކަމެއްގެ ވާހަކަ ބުނަނީ އެވެ. ހަމައެކަނި ﷲ އަށް ލޯބިވެގެން ނިކަން ތިއަ ދެ ދަރިން ކައިވެނިކޮށްބަލާށެވެ."

މަންމަ އެހެން ބުނުމުން ބުނާނެ އެއްޗެއްވެސް ނުއެނގިފައި ދެމީހުންވެސް ތިބެފައި އިސްނެގީ އަޅުގަނޑެވެ. އެއީ އޭނާ ޖަވާބުނުދޭނެކަން ވިސްނޭތީއެވެ. "މަންމަ ތިއަ އެދުނު ފަދައިން މަންމަ އުފާކޮށްދޭން ﷲ އަށް ލޯބިން ކައިވެނިކުރަން ތައްޔާރެވެ. އެކަމަކު ޝަރުޠަކާއެކުގައެވެ. ކިތަންމެ ކުޑަނަމަވެސް ދޮގެއް ހަދައިފިނަމަ ވަރިވާނަމެވެ."

މިއަދުނޫހުގެ ކިޔުންތެރިންނޭވެ! އެކައިވެންޏަށް މިހާރު 30 އަހަރު ފުރިއްޖެއެވެ. އަދި މިހައިތަނަށް ފިރިމީހާ ހަމަ އެންމެ ދޮގެއް ހެދިކަންވެސް އެނގިފައެއް ނެތެވެ. އިންސާނަކަށްވީތީ ކުށެއް ކުރެވުނަސް ސުވާލުކުރުމުގެ ކުރިން އެކަމެއްގެ ވާހަކަ ކިޔައިދޭނެއެވެ. އެހެންވެ އެއްވެސް ކަމަކާއި ސުވާލުކުރާކަށްވެސް ނުޖެހެއެވެ. އަޅުގަނޑުވެސް ދޮގެއް ނުހަދަމެވެ. ދެމަފިރިންގެ މެދުގައި އުފަލާއި ހިތްހަމަޖެހުން ނޫން ކަމެއް ނެތެވެ. ޝައްކުކޮށް ފާރަވެރިވާން ދުވަހަކުވެސް ނުޖެހެއެވެ.

އެކަމުގެ ސަބަބުން ބަރަކާތް ލެއްވެވީ ވަކިކަމަކުން ނޫނެވެ. ހުރިހާ ކަމަކުންނެވެ. އެދުވަހު ކޮޓަރީގެ ކުލި ނުދެއްކިގެން ކަންބޮޑުވި ފިރިމީހާއަކީ މިއަދު ދިގުމައްތަކަށް ޢިމާރާތްކޮށްގެން ރިއަލް ސްޓޭޓް ވިޔަފާރިކުރާ މީހެކެވެ. އިން ޝާ ﷲ

ލޮބުވެތި ކިޔުންތެރިންނޭވެ! ލޯބި ފޭކްވަމުން މިދަނީވެސް ވަރިވެ ޢާއިލާތައް ރޫޅެމުން މިދާ އެންމެ ބޮޑު އެއް ސަބަބަކީ ދޮގުބުނުންކަމަށް އަޅުގަނޑު ޔަޤީންކުރަމެވެ. ދޮގު ބުނާނަމަ ހުރިހާ ކަމެއް ދާނީ ހަލާކުވަމުންނެވެ. މިއީ މިދެންނެވިފަދައިން އަޅުގަނޑުގެ ޚިޔާލެވެ.

– ޝަހީދާ 

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *