ރަސްމާލެ 71 ހެކްޓަރު ހިއްކާ ނިމިއްޖެ

ރަސްމާލެ ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ ޕްރޮޖެކްޓުގެ ދަށުން މިހާތަނަށް 71 ހެކްޓަރުގެ ސަރަހައްދެއް ހިއްކައި ނިންމާފައިވާކަމަށް އެ މަސައްކަތް ހަވާލުކޮށްފައިވާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފި އެވެ.

އެ މަސައްކަތް ކުރަމުންދާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މިއަދު ވަނީ އެ މަސައްކަތްގެ އަދާހަމަ އާންމުކޮށްފަ އެވެ. ހިއްކުމުގެ މަސައްކަތް ކުރަމުންދާ މަންޒަރު ފެންނަ ވީޑިއޯތަކާއެކު އެ ކުންފުނިން ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ މި މަސައްކަތުގެ ދަށުން ހިއްކުމަށް ހަމަޖެހިފައިވާ 137.5 ހެކްޓަރުގެ ތެރެއިން 71 ހެކްޓަރު މިހާތަނަށް ހިއްކައި ނިމިފައިވާ ކަމަށެވެ. މިއާއެކު މި ޕްރޮޖެކްޓުގެ 51.64 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށް އެކުންފުނިން ބުނެފައިވެއެވެ.

ލެ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ގެނެސްދިނުމަށް ސަރުކާރުން އެމްއޭސީއެލްއާ ހަވާލުކޮށްގެން މި މަސައްކަތް ކުރިއަށްގެންދާއިރު، ވީހާވެސް އަވަހަށް މި މަސައްކަތް ނިންމުމަށް އެމްއޭސީއެލްއިން ދަނީ އެންމެ ފަހުގެ ވަސީލަތްތައް ބޭނުންކުރަމުންނެވެ. މިގޮތުން އެމްއޭސީއެލްއިން ވަނީ މި މަސައްކަތަށް 'ކްރިސްޓަބެލް ކޮލޯން"ގެ ނަމުން ނަން ދީފައިވާ ދުނިޔޭގެ އެންމެ ބޮޑު ޓްރެއިލާ ސަކްޝަން ހޮޕާގެ ދެ ޑްރެޖަރު ރާއްޖެ ގެނެސްފައެވެ. މިއީ 46،000 ކިއުބިކް މީޓަރު ހިއްކުމުގެ ކެޕޭސިޓީ ހުންނަ ޑްރެޖަރެކެވެ.

މާލެ އަތޮޅު ފުށިދިއްގަރުފަޅުގައި ރަސްމާލެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެއްޓެވީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުއެވެ. ރަސްމާލެ ތަރައްގީކުރަނީ ތިމާވެއްޓާ ރައްޓެހި "އިކޯ ސިޓީ" އެއްގެ ގޮތުގައެވެ.

ރަސްމާލެ މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާގެ ވަރަށް މުހިންމު ވަޢުދުފުޅަކަށްވާއިރު، ދިވެހިރާއްޖޭގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މިއަހަރު ބޭއްވި ރަސްމީ ޖަލްސާގައި، ޤައުމާ މުޚާޠަބުކުރައްވައި، ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ފަސް މަހެއްހާ ދުވަހުގެ ތެރޭގައި ރަސްމާލޭގައި ހިއްކޭ ބިމުން 15000 ގޯތި ދޫކުރުމަށް އިޢުލާންކުރެވޭނެކަމުގައި ވިދާޅުވެފައެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *