ސަރުކާރުން ފަށަން ނިންމާފައިވާ ޓެކްސީ ލައިންގެ ޚިދުމަތުގެ ވަޒީފާއަށް ބޭނުންވާ ޑްރައިވަރުންގެ ވޯކް-އިން އިންޓަވިއުތައް މިއަދު ފަށައިފިއެވެ. ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވުޒާރާގެ ބެލުމުގެ ދަށުން ޓެކްސީ ލައިންގެ ޚިދުމަތް ދެނީ އެމްޓީސީސީ އިންނެވެ.
ކުރިން އިއުލާނުކޮށްފައިވާ ގޮތަށް އެމްޓީސީސީއިން ޑްރައިވަރުންގެ އިންޓަވިއުތައް ކުރިއަށްގެންދަނީ މާފަންނު ބަސް ޓާމިނަލްގައެވެ. އެގޮތުން ޕާޓްޓައިމް އަދި ފުލްޓައިމް މުވައްޒަފުންގެ ވޯކް-އިން އިންޓަވިއުތައް މިއަދު އިރުއޮއްސި 6 ޖެހުމާ ހަމައަށް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
ޓެކްސީ ލައިންގެ ވަޒީފާތަކަށް މާފަންނު ބަސް ޓާމިނަލަށް ގިނަ އަދަދެއްގެ ޑްރައިވަރުން ގޮސް އިންޓަވިއުކޮށްފައިވާކަމަށް އެމްޓީސީސީއިން ވަނީ ބުނެފައެވެ. އެމްޓީސީސީއިން ޓެކްސީ ލައިންގެ ޚިދުމަތަށް ނަގަނީ 407 ޑްރައިވަރުންނެވެ. އޭގެތެރެއިން 122 ޑްރައިވަރުން ހަމަޖައްސާނީ ފުލްޓައިމްކޮށެވެ.
ވަޒީފާއަށް އެދި ހުށަހެޅުމަށް ހުޅުވާލީ ޑިސެމްބަރު 17 ވަނަ ދުވަހުގެ ނިޔަލަށެވެ. އެ މުއްދަތުގައި 366 މީހަކު ވަނީ ޓެކްސީ ލައިންގެ ވަޒީފާއަށް އެދި އެމްޓީސީސީއަށް ހުށަހަޅައިފައެވެ.
އެމްޓީސީސީން ބުނީ، ޚިދުމަތަށް ބޭނުންވާ މުވައްޒަފުންގެ ތެރެއިން ޑްރައިވަރުން ނެގުމުގައި، މިވަގުތު ދަތުރުފަތުރާ މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާގައި އެކުލެވިފައިވާ ޓެކްސީ ޑްރައިވަރުންގެ ދަފްތަރުގައި ރަޖިސްޓްރީ ކޮށްފައިވާ މީހުންނަށް އިސްކަންދޭނެ ކަމަށެވެ.
އެމްޓީސީސީން ބުނީ ޓެކްސީ ލައިނުގެ ޚިދުމަތް ދޭނީ އިލެކްޓްރިކް ވެހިކަލް (އީވީ) ބޭނުންކޮށްގެން ކަމަށެވެ. ޚިދުމަތް ދޭނީ އެކަމަށް ޚާއްޞަ އެޕްލިކޭޝަނެއް ތައްޔާރުކޮށް ރާއްޖޭން ބޭރުގައި ބޭނުންކުރާ ކާމިޔާބު ބައެއް ޚިދުމަތްތައް ދޭ ގޮތަށެވެ. ރާއްޖޭގައި އަލަށް ފަށާ ޓެކްސީ ލައިނުގެ ޚިދުމަތް 24 ގަޑިއިރު ދޭނެކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
