ދިވެހި ބަހުގެ އެކަޑެމީގެ ރައީސްކަމަށް ހަސަން ޝާކިރު މުޙައްމަދު

ދިވެހިބަހުގެ އެކަޑެމީގެ ރައީސްގެ މަގާމަށް މަޝްހޫރު ޅެންވެރިޔާ އަދި ލިޔުންތެރިޔާ ހ.ހުދުފިނިފެންމާގޭ ހަސަން ޝާކިރު މުހައްމަދު ހޮވިވަޑައިގެންފިއެވެ.

މިއަދު ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގައި ބޭއްވި ދިވެހި ބަހުގެ އެކަޑެމީގެ ބައްދަލުވުމެއްގައި މެންބަރުންގެ މެދުގައި ނެގި ވޯޓުން އެ އެކަޑެމީގެ ރައީސްކަމަށް ޝާކިރު އިންތިހާބުވެވަޑައިގެންފައިވާއިރު، އެކަޑެމީގެ ނައިބުރައީސްކަމަށް ހޮވިވަޑައިގަތީ ޒުލްފާ އިބްރާހީމެވެ.

ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ފަސް މެންބަރުންގެ އިއްތިފާގުން ބަހުގެ އެކަޑެމީގެ ރައީސްކަމަށް ޝާކިރު ހޮވިވަޑައިގެންފައިވާއިރު ޒުލްފާއާއި ޝާކިރުގެ އިތުރަށް އެކަޑެމީގައި ހިމެނިވަޑައިގަންނަވަނީ އިތުރު ތިން މެންބަރުންނެވެ. އެއީ:

1- އިޔާޒު ޖާދުﷲ ނަސީމް

2- އިބްރާހީމް ވަހީދު

3- ފާތިމަތު އައްޒަަ

ޙަސަން ޝާކިރު މުޙައްމަދަކީ ކުޅަދާނަ ޅެންވެރިއެކެވެ. ލިޔުންތެރިއެކެވެ. މިހައިތަނަށް އަށް ފޮތް ލިޔުއްވައި، ނެރުއްވައިފައި ވެއެވެ. ޙަސަން ޝާކިރު މުޙައްމަދަށް ވަނީ، ދިވެހި ޅެންވެރިކަމުގެ ރޮނގުން 1998 ވަނަ އަހަރު، ޢާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު، އަދި 2007 ވަނަ އަހަރު، ދިވެހި އަދަބިއްޔާތަށް ޚިދުމަތް ކުރުމުގެ ދާއިރާއިން، ދިވެހިބަހުން ވާހަކަދެއްކުންތެރިކަމުގެ ރޮނގުން ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގެންފައެވެ. އަދި 2022 ވަނަ އަހަރު ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ޝަރަފުވެރިކަމުގެ ޤައުމީ އިނާމުވެސް ޝާކިރަށް ވަނީ ލިބިވަޑައިގެންފައެވެ.

ޙަސަން ޝާކިރު ވަނީ ވަރަށް ގިނަ އަދަބީ ޚިދުމްތަކެއް ކުރައްވައިފައެވެ. އޭގެ ތެރޭގައި ޅެންވެރިކަމުގެ ކޯސްތައް އެކި ފެންވަރުގައި ހިންގެވުމާއި އަދަބީ މަސައްކަތް ކުރާ މީސްމީހުންނަށް އެހީތެރިވުމާއި އަދަބީ މުބާރާތްތަކުގެ ފަނޑިޔާރުކަން ކުރެއްވުން ހިމެނެއެވެ. އަދި ލިޔުންތެރިންްގެ ޖަމްއިއްޔާ އުފެއްދެވުމުގައި އިސްކޮށް މަސައްކަތްކުރައްވައި އެ ޖަމްއިއްޔާގެ ނައިބުރައީސްކަަން ދެ ދައުރެއްގެ މަތިން އަދާކުރެއްވިއެވެ.

 އެކަޑެމީގެ ރައީސްކަމުގައި ކުރިން ހުންނެވި ޑރ.އަޝްރަފު އަބްދުއްރަހީމް އެ މަގާމުން އަދި އެކަޑެމީގެ މެންބަރުކަމުން އިސްތިއުފާދެއްވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އެކަޑެމީގެ މެންބަރުކަމަށް އައްޔަންކުރެއްވީ ޝާކިރެވެ. އެކަޑެމީގެ ރައީސްގެ މަގާމަަށް ބޭފުޅަކު ހޮވަނީ އެކަޑެމީގެ ހިންގާ ކޮމިޓީގެ މެންބަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *