ދިވެހިރާއްޖެއަށް އަންނަ އާގު ބޯޓުފަހަރަށް، 24 ގަޑިއިރު ޕޯޓް ލިމިޓް އޭރިޔާއަށް ވަދެވޭގޮތަށް ހުޅުވާލުމަށް ނިންމައިފި އެވެ. ޓްރާސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީން ވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދިވެހިރާއްޖެއަށް އަންނަ އާގު ބޯޓުފަހަރަށް، 24 ގަޑިއިރު ޕޯޓް ލިމިޓް އޭރިޔާއަށް ވަދެވޭގޮތަށް ހުޅުވާލުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން 26 ޖެނުއަރީ 2026 ވާ ހޯމަ ދުވަހުން ފެށިގެން އެ ބަދަލު ގެންނާނެ ކަމުގައި ވިދާޅުވި އެވެ.
މިއީ، 1988 ވަނަ އަހަރުން ފެށިގެން އަމަލުކުރަމުން އައި އުސޫލު ބަދަލުކޮށް، އިޤްތިޞާދީ ގޮތުން އެޅުނު މުހިންމު ފިޔަވަޅެއް ކަމުގައި މިނިސްޓަރު ވިދާޅުވި އެވެ.
މިބަދަލާއެކު، ކުރިންވެސް އުޅަނދުފަހަރަށް ދެމުންއައި ކްލިޔަރެންސް ދިނުމާއި ޕައިލޮޓޭޖުގެ ޚިދުމަތް ދިނުމުގެ ކަންކަންވެސް 24 ގަޑި އިރު ހިނގަމުން ދާނެ ކަމަށްވެސް ވިދާޅުވިއެވެ.
މިނިސްޓަރު ފާހަގަ ކުރެއްވި ގޮތުގައި މި ނިންމުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުތަކުގެ ދަށުން ގެނެވުނު ވަރަށް މުހިންމު ހެޔޮ ބަދަލެކެވެ.
ވިޔަފާރިވެރީންނަށް ފަހިކޮށްދީ ދިވެހި އިޤްތިސާދަށް ދިރުން ގެނައުމަށް މިފަދަ މުހިންމު އެތައް ފިޔަވަޅެއް ސަރުކާރުން ދަނީ އަޅަމުންނެވެ.
