މިއަންނަ މާޗު މަހުން ފެށިގެން ކޮންމެ ހޯމަ ދުވަހަކު ނޫސްވެރިންނާ ބައްދަލުކުރައްވާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް މުއިއްޒު ވިދާޅުވީ މީޑިއާއާ އެކު ބާއްވަމުން އަންނަ ގާތް ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް މީޑިއާއާ ސީދާ އެ މަނިކުފާނު ބާއްވަވާ ބައްދަލުވުންތައް އިތުރުކުރައްވާނެ ކަމަށެވެ އެގޮތުން، އަންނަ މަހުން ފެށިގެން ކޮންމެ ހޯމަ ދުވަހެއްގެ ހެނދުނު 10:00 އިން 11:00 އަށް ނޫސްވެރިންނާ އެ މަނިކުފާނު ބައްދަލުކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކެބިނެޓްގެ ކޮންމެ މިނިސްޓަރަކު ވެސް ހަފުތާއަކު އެއްފަހަރު އެއް ގަޑިއިރަށް ނޫސްވެރިންނާ ބައްދަލުކުރައްވާނެ ކަމަށެވެ. ރައީސް ވަނީ ދައުލަތުގެ ބަޖެޓުން ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް މީޑިއާތަކަށް ފައިސާ ދޫކޮށްފައިވާކަންވެސް ފާހަގަކުރައްވައިފައެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ ބޮޑެތި ކުލީގައި އޮފީސްތައް ހިނގަން ޖެހިފައިވާތީ މީޑިއާތަކަށް ކުރިމަތިވެފައިވާ މާލީ ދަތި ހާލަތުން އަރައިގަތުމަށް، ވަރަށް ކުޑަ އަގެއްގައި އޮފީސް އަދި ސްޓޫޑިއޯ ނެގޭނެ މީޑިއާ ވިލެޖު ބޭނުންކުރުމުގެ ފުރުސަތު މި އަހަރުގެ މެދެއްހާ ހިސާބުގައި ހުޅުވާލާނެ ކަމަށެވެ.
މީޑިއާއާ މަޢުލޫމާތު ޙިއްސާ ކުރުމުގައި މި ސަރުކާރުން މީޑިއާއާ ގާތުން މަސައްކަތްކުރުމުގައި ދެމި އޮންނާނެކަމަށް ވިދާޅުވެ، ސަރުކާރުގެ ހަރަކާތްތައް ހިއްސާކުރައްވައި ސުވާލުތަކަށް ޖަވާބުދެއްވުމުގައި، ނިމިދިޔަ އަހަރު، ރާއްޖެއާއި ބޭރުގެ މީޑީއާތައް ހިމެނޭގޮތަށް 424 ފަހަރު، ސީދާ ވަޒީރުން ވަނީ އެކި މީޑިއާތަކަށް، މަޢުލޫމާތާއި އިންޓަރވިއު ދެއްވަން ވަޑައިގެންފައިކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން 493 ފަހަރު ވުޒާރާތަކުގެ އެކިއެކި އިސްވެރިންވަނީ ރައްޔިތުންނަށް ބޭނުންވާ އެކިއެކި މުހިންމު މަޢުލޫމާތު މީޑިއާގެ ޒަރީޢާއިން ހިއްސާ ކުރައްވާފައިކަން ފާހަގަކުރެއްވިއެވެ.
