ހެޔޮ ޢަމަލުކުރުމުގެ މަގުތައް ތަނަވަސްވެގެންވެއެވެ. މާތް اللهގެ އަޅުތަކުންނަށް އެހީތެރިވުމާއި، ފައިސާއާއި މުދަލުން ހޭދަކުރުމާއި ޞަދަޤާތްކުރުމަކީ، ދަރުމަހުރި ކަންކަމެވެ. އެންމެ ކުޑަމިނުން އުފާވެރި މޫނަކާއިގެން ބައްދަލުކޮށް، ހެޔޮ ބަހެއް ބުނުމީ ވެސް ކުރެވޭ ޞަދަޤާތެކެވެ. ބައެއް ހެޔޮ ޢަމަލުތަކުގެ ސަވާބު އެތައް ގުނައަކަށް އިތުރުވެއެވެ.
އޭގެ ތެރޭގައި މީހެއްގެ ފުރާނަ ސަލާމަތްކުރުމަށް ޓަކައި އަމިއްލަ ހަށިގަނޑުގައި ހުރި ލޭ ހަދިޔާކުރުމަކީ ޞަދަޤާތެކެވެ. ތިމާއަށް ކޮށްލެވޭ މި ފަދަ ހޭދައެއްގެ ސަބަބުން ނިޢުމަތްތަކުން ފުރިގެންވާ ސުވަރުގެ ވަނުމުގެ ނަޞީބު ލިބެއެވެ. ސުވަރުގޭގެ ނިޢުމަތްތަކަކީ، މާތް ﷲގެ އަޅާ އުފަލުން ފޮޅޭ ވަރުގެ މަތިވެރި ނިޢުމަތްތަކެކެވެ. މާތް الله ވަޙީކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "ހެޔޮ ޢަމަލުކުޅަ މީހުންނަށް، އެންމެ ހެޔޮ ޖަޒާ ހުއްޓެވެ. (އެއީ ސުވަރުގެއެވެ.) އަދި އޭގެ އިތުރަށް ވެސް ހުއްޓެވެ. (އެއީ اللهގެ ދީދާރުފުޅު ދެއްކެވުމެވެ.) އަދި އެއުރެންގެ މޫނުތަކަކަށް ހިރަފުހެއް ނުވަތަ ދެރަކަމެއް ނާރާނެތެވެ. އެއުރެންނަކީ، ސުވަރުގޭގެ އަހުލުވެރީންނެވެ. އެއުރެން އެތާނގައި ދެމި ތިބޭހުށްޓެވެ."
މާތް اللهގެ އަޅުތަކުންނަށް ޖެހޭ ބޭނުންތައް ފުއްދައިދީ، އެއުރެންނަށް ޖެހޭ ބޮޑެތި ކަންކަމުގައި މިއަދު އެހީތެރިވުމަކީ، މާދަމާ؛ (އާޚިރަތްދުވަހުން) ތިޔަބައިމީހުން އުފުލާންޖެހޭ ބޮޑެތި މުޞީބާތްތަކުން ދިންނަވާނޭކަމެކެވެ. ކޮންމެ މުސްލިމަކު ވެސް މިއަދު އަވަސްވެގަންނާންވީ އެ ދުވަހުގެ ބިރުވެރިކަމާއި، އަޒާބުން މިންޖުވާނޭ ޢަމަލެއް ކުރެވޭތޯއެވެ. އެ ކަން ކުރެވޭން އޮތީ މިއަދުކަމަށް ވާތީއެވެ. މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވައިފައި ވެއެވެ. (مَنْ كَانَ فِيْ حَاجَةِ أَخِيْهِ كَانَ اللهُ فِيْ حَاجَتِهِ، وَمَنْ فَرَّجَ عَنْ مُسْلِمٍ كُرْبَةً فَرَّجَ اللهُ عَنْهُ كُرْبَةً مِنْ كُرُبَاتِ يَوْمِ الْقِيَامَةِ)[1] މާނައީ: "ތިމާގެ އަޚާގެ ބޭނުންތައް ފުއްދައި ދިނުމުގައި ދެމިހުންނަ މީހާގެ ބޭނުންތައް ފުއްދައި ދެއްވުމުގައި الله ދެމިވޮޑިގެންވެއެވެ. ދުނިޔޭގައި މުސްލިމެއްގެ ކިބައިން މުޞީބާތެއް ދުރުކޮށްދީފި މީހަކަށް، ޤިޔާމަތް ދުވަހުގެ މުޞީބާތްތަކުގެ ތެރެއިން މުޞީބާތެއް الله ދުރުކޮށްދެއްވާނެއެވެ." މިއީ ކިހައި އުފާވެރި ޚަބަރެއްހެއްޔެވެ! މުސްލިމުން އަބަދު ވެސް ކުރިއަރައި ދާންވީ އެ ބައިމީހުންގެ އަޚުންނަށް ދިމާވާ ދަތިތަކާއި މުޞީބާތްތައް ކުޑަކޮށްދިނުމުގައެވެ. މި ދުނިޔޭގެ ދަންފަޅި ހަމަކުރާންވީ، މި ފަދަ ޢަމަލުތައްކުރުމުގައެވެ.
ލޭ އަޅާން ބޭނުންވާ ޙާލަތްތަކުގައި، ބަލި މީހަކަށް އަޅާން ބޭނުންވާ ލޭ ހަދިޔާކޮށްދިނުމަކީ، އޭނާގެ ފުރާނަ ސަލާމަތްކޮށްދިނުން ފަދަ ކަމެކެވެ. ހަމަ އެންމެ އިންސާނެއްގެ ފުރާނަ ސަލާމަތްކޮށްދިނުމަކީ، ކިހައި ވަރެއްގެ އަޖުރަކާއި ސަވާބެއް ހުރި ކަމެއްކަން ތިޔަބައިމީހުން ދަންނަމުހެއްޔެވެ؟ ޙައްޤަކާ ނުލައި އެންމެ މީހަކު މެރުމަކީ، ދުނިޔޭގައި ވާހައި ބަޔަކު މެރުން ފަދަ ނުބައިކަމެކެވެ. ހަމަ އެ ފަދައިން އެންމެ މީހެއްގެ ފުރާނަ ސަލާމަތްކޮށްދިނުމަކީ، އެ އެންމެން ނުމަރައި ދިރިތިބޭން ދޫކޮށްލުން ފަދަ ހެޔޮ ކަމެކެވެ. މާތް ﷲ ވަޙީކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "ހަމަކަށަވަރުން ނަފުސެއް މަރައިގެން، ނުވަތަ ބިމުގައި ފަސާދައެއް އުފައްދައިގެން ނޫން ގޮތަކަށް، ނަފުސެއް މަރައިފި މީހަކު، އެންމެހައި މީސްތަކުން މެރި ފަދައެވެ. އަދި އެ ނަފުސު ދިރުވައިފި މީހާ (އެބަހީ: ނުމަރައި ދުނިޔޭގައި ބަހައްޓައިފި މީހާ) އެންމެހައި މީސްތަކުން ދިރުވި ފަދައެވެ." ބަލިމީހެއްގެ ހަށިގަނޑަށް އަޅާންޖެހޭ ލޭ ނުލިބުމަކީ އޭނާ ދުނިޔެ ދޫކޮށްފާނޭ ކަމެކެވެ. އަދި އޭނާގެ ހަށިގަނޑަށް އަޅާން ބޭނުންވާ ލޭ ހަދިޔާކުރުމަކީ އޭނާއަށް ދުނިޔޭގައި ދިރިހުރުމުގެ ފުރުޞަތު ހޯދައިދިނުމަށް ޓަކައި ކުރެވޭ ހެޔޮ ކަމަކަށްނޫނީ ނުވާނެއެވެ. ވީ އިރު އެއީ ކިޔެވިދިއަ އާޔަތުގައިވާ ފަދައިން މަތިވެރި ސަވާބާއި ގިނަގުނަ އަޖުރު ލިބޭނޭކަމެކެވެ.
މިއަދު ދިވެހިރާއްޖޭގެ ބުލަޑުބޭންކުތައް ވަނީ، ލޭހަދިޔާކުރާނެ މީހުންނަށް ބޭނުންވެފައެވެ. ތިޔައިން ބޭކަލަކު ހަދިޔާކުރާ ލެއަކީ، މީހެއްގެ ފުރާނަސަލާމަތްވުމުގެ ސަބަބަކަށް ވެއްޖެ ނަމަ ލިބޭނޭ ސަވާބާއި ދަރުމައާ މެދު ވިސްނައިލާށެވެ! އެންމެ މީހެއްގެ ފުރާނަ ސަލާމަތްކޮށްދިނުމަކީ އެތައްބަޔެއްގެ ފުރާނަ ސަލާމަތްކޮށްދިނުމެވެ. ވީމާ ދަރުމަހުރި، އިންސާނިއްޔަ މި ޢަމަލާއިގެން ކުރިއަށްދިއުމަށް ގޮވައިލަމެވެ! ޝަރުޢީ އަދި ޞިއްޙީ ހަމަތަކުގެ މަތީން ލޭ ހަދިޔާކުރުމަށް ޝަރުޠުހަމަވާ އެންމެން މި ކަމުގައި ބައިވެރިވާށެވެ! ލޭހަދިޔާކުރުމަކީ ދެމިގެންވާ ޞަދަޤާތެއްކަމުގައި ޢިލްމުވެރީން ދެކެވަޑައިގަނެއެވެ. އެއީ އިންސާނާ މަރުވުމަށް ފަހުގައި ވެސް، އެ ޞަދަޤާތެއްގެ ހެޔޮ އަސަރު ދެމިހުރިހައި ހިނދަކު، ޞަދަޤާތްކުރި މީހާއަށް ސަވާބު ލިބިލިބި ހުންނާނޭ ކަމެކެވެ. މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވައިފައި ވެއެވެ. (إِذَا مَاتَ الْإِنْسَانُ اِنْقَطَعَ عَنْهُ عَمَلُهُ إِلَّا مِنْ ثَلَاثَةٍ: إِلَّا مِنْ صَدَقَةٍ جَارِيَةٍ، أَوْ عِلْمٍ يُنْتَفَعُ بِهِ، أَوْ وَلَدٍ صَالِحٍ يَدْعُوْ لَهُ)[2] މާނައީ: "އިންސާނާ މަރުވުމަށް ފަހު ތިން ކަމަކުން ފިއަވައި އޭނާއަށް ސަވާބެއް ނުލިބޭނެތެވެ. ދެމިގެންވާ ޞަދަޤާތަކުންނާއި، ފައިދާކުރަނިވި ޢަމަލަކުންނާއި، އޭނާއަށްޓަކައި ހެޔޮ ދުޢާކުރާ ދަރިއެއްގެ ކިބައިން ފިއަވައެވެ." ޙަދީޘުގައިވާ ފަދައިން ލޭހަދިޔާކުރުމަކީ ދެމިގެންވާ ޞަދަޤާތެކެވެ. މީހަކު ބަލިމީހަކަށް ލޭ ހަދިޔާކުރުމުގެ ސަބަބުން އޭނާގެ ފުރާނަ ސަލާމަތްވެއްޖެ ނަމަ، އޭނާގެ މަރުދުވަހަށް ދާންދެން، އޭނާގެ ފުށުން، ލޭ ހަދިޔާކުރި މީހާއަށް ސަވާބު ލިބިލިބިހުންނާނެއެވެ.
– މިއަދުގެ ޚުޠުބާއިން
