2 އިންތިޚާބު އެއްކޮށްލާ ބިލް މަޖިލީހުން ފާސްކޮށްފި

ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށް ބާއްވަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ދެ އިންތިޚާބު އެއްކޮށްލަން ޤާނޫނުއަސާސީއަށް ހުށަހަޅާފައިވާ އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްކުރީ ވޯޓުގައި ބައިވެރިވަޑައިގެންނެވި މެންބަރުންގެ ތެރެއިން 72 މެންބަރުންގެ އިންތިފާޤުންނެވެ. އިޞްލާހު ގެންނަން ފެނިވަޑައިނުގަންނަވާ ކަމަށް ވޯޓު ދެއްވީ އެންމެ މެންބަރެކެވެ. އެއީ އައްޑޫ މީދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުއްރަޙްމާން އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެމްޑީޕީ މެންބަރުން އިހުތިޖާޖުކުރުމާއެކު، ފަސް މެންބަރެއްގެ ނަން އިއްވައި ޖަލްސާގައި ބޭރުކޮށްލާފައިވެއެވެ. އެމްޑީޕީގެ މެންބަރުންގެ ތެރެއިން ބާކީ ތިބި މެންބަރުން މިއަދުގެ ވޯޓުގައި ބައިވެރިވެފައެއްނުވެއެވެ.

ޤާނޫނުއަސާސީއަށް އިޞްލާހު ގެންނަން މަޖިލީހުން ފާސްކުރިއިރު، މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ބިލަށް ރުހުން ދީފައިވަނީ އިއްޔެއެވެ.

ދެ އިންތިޚާބު އެއްކޮށް ބޭއްވުމަށް ފާސްކުރެވޭނީ ރައްޔިތުންގެ އާއްމު ވޯޓަކުން އަގުލަބިއްޔަތު ލިބިއްޖެ ނަމަ އެވެ. އަދި، އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބާއެކު، ދެ އިންތިޚާބު އެއްކޮށް ބޭއްވުމަށް ރައްޔިތުންގެ ޚިޔާލު އެހުމުގެ ވޯޓު ނެގޭތޯ އަންނަނީ މަސައްކަތްކުރަމުންނެވެ.

ދެ އިންތިޚާބު އެއްކޮށްލުމުގެ ބިލު މަޖިލީހުން ފާސްކުރިއިރު، ބިލުގެ ދިރާސާގެ ތެރެއިން ބަންޑާރަ ނައިބާއި އިލެކްޝަންސް ކޮމިޝަން އަދި ސިޔާސީ ޕާޓީތަކުގެ ހިޔާލު ހޯދާފައިވެއެވެ.

ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށް ބޭއްވުމަށް ޤާނޫނު އަސާސީ އިސްލާޙުކުރަން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް އެހުމަށް މަޖިލީހަށް ހުށަހަޅުއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މީގެކުރިން ވިދާޅުވެފައެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *