ގަލްފު ގައުމުތަކުގައި ހުރި އެމެރިކާ ބޭސްތަކަށް އީރާނުން ހަމަލާދީފި

އިސްރާއީލާއި އެމެރިކާ ގުޅިގެން އީރާނަށް ދޭން ފެށި ހަމަލާތަކުގެ ރައްދުގައި އީރާނުން އިސްރާއީލަށާއި، ގަލްފުގެ ގައުމުތަކުގައި ހުރި އެމެރިކާގެ ބޭސްތަކަށް ހަމަލާ ދޭން ފަށައިފިއެވެ.

ތެހެރަނުގެ ޔުނިވަސިޓީ ސްޓްރީޓާއި ޖުމްހޫރީ ސަރަހައްދަށް ގިނަ އަދަދެއްގެ މިސައިލު ހަމަަލާތަކެއް އަމާޒުވެފައިވާކަމަށް އީރާނުގެ ފަރްސް ނިއުސް އެޖެންސީން ބުނެފައިވާއިރު އެ ސިޓީގެ އެކި ސަރަހައްދުތަކުން ދުން އަރާ މަންޒަރު ފެންނަމުންދާކަމަށް އެ ގައުމުގައި ހުރި އަލްޖަޒީރާގެ މުރާސިލާ ހަވާލާދީ އެ ޓީވީން ރިޕޯޓުކޮށްފައިވެއެވެ.

އީރާނުގެ ތަސްނީމް ނޫސް އެޖެންސީން ބުނެފައިވާ ގޮތުގައި ތެހެރާނުގެ ދެކުނުގައި އޮންނަ ޚަންދަން ސަރަހައްދަށްވެސް މިސައިލުތައް އަމާޒުވެފައިވެއެވެ. އަދި މުޅި ގައުމުގެ އެކި ސަރަހައްދުތަކަށް އެމެރިކާއާއި އިސްރާއީލުގެ ހަމަލާތައް އަމާޒުވަމުންދާކަމަށް އީރާނުގެ ނޫސް އެޖެންސީތަކުން ރިޕޯޓުކުރެއެވެ.

އެމެރިކާގެ ރައީސް ޑޮނާލްޑް ޓުރަމްޕު ވިދާޅުވި ގޮތުގައި އެމެރިކާގެ އަސްކަރިއްޔާއިން ފެށި އަސްކަރީ އޮޕަރޭޝަަނަކީ އީރާނުގެ ސަރުކާރުން އެމެރިކާ ރައްޔިތުންނަށް ކުރިމަތިވެދާނެ ނުރައްކާތައް ނެތިކޮށްލުމަށް ފެށި އޮޕަރޭޝަނެކެވެ.

އީރާނުގެ މަސްްއޫލުވެރިޔަކު ރޮއިޓާަސްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވަނީ ދުޝްމަނުން ފުނޑައިލާނެ ވަރުގެ ހަމަލާތަކެއް ދިނުމަށް އީރާނުން ތައްޔާރުވަމުންދާ ކަމަށެވެ. އަދި ބަދަލުހިފައި، އިސްރާއީލަށް ވަރުގަދަ ރައްދެއް އީރާނުން ދޭނެކަމަށް އެ ގައުމުން ބުނެފައިވެއެވެ.

އަދި އީރާނުގެ މަތީ ފަންތީގެ މަސްއޫލުވެރިޔަކު އަލްޖަޒީރާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވަނީ މެދުއިރުމަތީގައި ހުރި އެމެރިކާއާއި އިސްރާއީލުގެ ހުރިހާ އެސެޓަކީ ހަނގުރާމައިގެ އަމާޒުފަތްގަނޑުތަކަކަށް މިހާރުވެފައިވާ ކަމަށެވެ. އަދި އީރާނަށް ދިން އުދުވާނީ ހަމަލާއަށްފަހު ދިފާއުގައި އެ ގައުމުން ހުރަސްނުކުރާނެ ރަތް ރޮނގެއް މިހާރު ނެތް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އިސްރާއީލުގެ އތުރުގެ ބައެއް ސަރަހައްދުތަކުން ވަރުގަދަ ގޮވުންތަކެއްގެ އަޑުއިވިފައިވާއިރު، އީރާނުން އެގައުމަށް ފޮނުވި މިސައިލުތަކުން ދިފާއުވުމަށް އިސްރާއީލުން ގެންދަނީ މަސައްކަތްކުރަމުންނެވެ. އިސްރާއީލު އަސްކަރިއްޔާއިންވަނީ އެގައުމުގެ ވައިގެ ދިފާއީ ނިޒާަމު ބޭނުންކޮށްގެން އީރާނުގެ މިސައިލުތައް ހުއްޓުވާނެ ކަމަށް ބުނެފައެވެ.

ގަތަރުން ބުނެފައިވާ ގޮތުން އެ ގައުމުގައި ހުންނަ އެމެރިކާ ބޭސްއަކަށް އަމާޒުކޮށް އީރާނުން ފޮނުވި މިސައިލެއް ޕެޓްރިއޯޓް ދިފާއީ ނިޒާމުން ހުއްޓުވާފައިވެއެވެ. ބަހުރައިނުން ބުނެފައިވަނީ އެ ގައުމުގައި ހުންނަ އެމެރިކާގެ ކަނޑުގެ އަސްކަރިއްޔާގެ ފަސްވަނަ ފުލީޓުގެ މައި މަރުކަޒަށް މިސައިލު ހަމަލާތަކެއް އަމާޒުވެފައިވާ ކަމަށެވެ. ޔުނައިޓެޑް އަރަބް އެެމިރޭޓްސްގެ ވެރިރަށް އަބޫ ދާބީގައި ގޮވުންތަކެއްގެ އަޑުއިވިފައިވާކަން ރޮއިޓާސްއިން ރިޕޯޓުކޮށްފައިވެއެވެ.

އަދި ކުވައިތުގައިވެސް ގޮވުންތަކެއްގެ އަޑުއިވިފައިވާކަން އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވާއިރު، ގަތަރާއި ކުވައިތާއި ޔޫއޭއީންވަނީ އެ ގައުމުތަކުގެ ވައިގެ ސަރަހައްދު ބަންދުކޮށްފައެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *