ހާމަނާއީ އަވަހާރަވެފައިވާކަން އިރާނުން އިއުލާންކޮށްފި

އިރާނުގެ އެންމެ އިސް ލީޑަރު އާޔަތުﷲ އަލީ ހާމަނާއީ އަވަހާރަވެފައިވާކަން އިރާނުން އިއުލާންކޮށްފި އެވެ.

ޚާމަނާއީ އަވަހާރަވިކަން އީރާންގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އާ ގުޅިފައިވާ ޚަބަރު ފަތުރާ އިދާރާއެއް ކަމަށްވާ ފާސް ނިއުސް އެޖެންސީން ވެސް ވަނީ ކަށަވަރުކޮށްދީފައެވެ. އައިއާރުޖީސީއަކީ އީރާންގައި އޮތް އެންމެ ވަރުގަދަ އަސްކަރީ ބާރެވެ.

އިރާނުގެ ދައުލަތުގެ މީޑިއާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި ހާމަނާއީ އަވަހާރަވީ އިއްޔެ ހެނދުނު މަގާމުގެ ޒިންމާތައް އަދާކުރެއްވުމުގައި އޮފީހުގައި އިންނަވަނިކޮށް އެމެރިކާ އާއި އިޒްރޭލު ގުޅިގެން ދިން ހަމަލާތަކެއްގައި ކަމަށެވެ.

ހާމަނާއީ ،86، އަވަހާރަވުމާ ގުޅިގެން އެގައުމުގައި މިއަދުން ފެށިގެން ގައުމީ ހިތާމައިގެ 40 ދުވަސް ފާހަގަކުރަން ވަނީ ނިންމާފަ އެވެ. އަދި ކުރިއަށް އޮތް ހަތް ދުވަހަށް ސަރުކާރު ވެސް ވަނީ ބަންދުކޮށްފަ އެވެ.

ޚާމަނާއީގެ އިތުރުން އޭނާގެ އަންހެން ދަރިކަނބަލަކާއި ކާފަ ދަރިކަލަކު ވެސް އަވަހާރަވެފައިވާ ކަމަށް ފާސް ނިއުސް އެޖެންސީން ބުނެފައިވެއެވެ. އަދި އީރާނަށް ދިން ހަމަލާއެއްގައި އަންހެން ދަރިކަނބަލުންގެ ފިރިކަލުންނާއި ދަރިކަލުން ވެސް އަވަހާރަވިއެވެ.

އީރާންގެ އެންމެ އިސް ލީޑަރަކީ އެ ގައުމުގެ އަސްކަރިއްޔާގެ އެންމެ އިސްވެރިޔާ ވެސް މެ އެވެ. އަދި ގައުމުގެ ބޮޑެތި ކަންކަމުގައި ފަހު ބަސް ބުނާ ފަރާތަކީ ވެސް އެއީ އެވެ.

އީރާނުގެ ގާނޫނުއަސާސީގައިވާ ގޮތުން، ސުޕްރީމް ލީޑަރު އަވަހާރަވުމާއެކު ވަގުތީ ލީޑަރޝިޕް ކައުންސިލަކުން ވެރިކަމާ ހަވާލުވާނެއެވެ. މި ކައުންސިލްގައި ހިމެނެނީ ރައީސާއި، އުއްތަމަ ފަނޑިޔާރާއި، އަދި ގާޑިއަން ކައުންސިލާ ގުޅުންހުރި އިސް ދީނީ އިލްމުވެރިއެކެވެ.

ދާއިމީ ސުޕްރީމް ލީޑަރަކު އިންތިޚާބު ކުރެވެންދެން ގައުމު ހިންގުމުގެ ޒިންމާ އުފުލާނީ މި ކައުންސިލުންނެވެ. މި މުއްދަތުގެ ތެރޭގައި، ގައުމުގެ ހަމަޖެހުން ދެމެހެއްޓުމާއި، ބޭރު ގައުމުތަކާއެކު އޮންނަ ގުޅުންތައް ބެލެހެއްޓުމާއި، އަދި ސިފައިންގެ ކަންކަން ކޮންޓްރޯލް ކުރަން ޖެހޭނެއެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *