މި އަހަރު ސްޓޫޑެންޓް ލޯނަށް ހުޅުވާލަނީ މުޅި އަހަރު ހުށަހެޅޭ ގޮތަށް: މިނިސްޓަރު

އެހެން ފަހަރުތަކާ ޚިލާފަށް މި އަހަރު ދަރިވަރުންގެ ލޯނަށް ހުޅުވާލާނީ މުޅި އަހަރު ހުށަހެޅޭ ގޮތަށް ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު މިއަދު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހައިދަރު ވިދާޅުވީ، ދަރިވަރުން ލޯނަށް އެދި ހުށަހަޅަން ވަކި މުއްދަތެއް ކަނޑައަޅާތީ، އެ މުއްދަތުގައި ހުށަހަޅަން ބައެއް ދަރިވަރުންނަށް ދަތިވެ، ލޯނަށް އެދުމުގެ ފުރުސަތު ގެއްލޭ ކަމަށެވެ.

އެހެންވެ، މި އަހަރު ވަކި މުއްދަތެއް ކަނޑަނާޅައި، މި އަހަރު ހުޅުވާލާނީ މުޅި އަހަރު ލޯނަށް ހުށަހެޅޭ ގޮތަށް ކަމަށް ހައިދަރު ވަނީ ވިދާޅުވެފައެވެ.

އެ ބަދަލާ އެއްކޮށް، ލޯނަށް އެދުމުގެ ފުރުސަތު ދަރިވަރުންނަށް ނުގެއްލި، ލޯނަށް ހުށަހަޅަން ދަރިވަރުންނަށް މިހާރަށް ވުރެ ބޮޑަށް ފަސޭހަވާނެ ކަމަށް މިނިސްޓަރު ގަބޫލުކުރައްވައެވެ.

މިނިސްޓަރު ވިދާޅުވީ، ލޯނަށް ކުރިމަތިލާން ހުޅުވާލާނީ ބަންދުތައް ނިމި، ސަރުކާރު ހުޅުވުމުން ކަމަށެވެ.

މިނިސްޓަރު އެފަދައިން ވިދާޅުވިއިރު، ދަރިވަރުންގެ ލޯނަށް މިދިޔަ ފެބްރުވަރީ މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް 79.1 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ވަނީ ދައްކާފައެވެ. އެއީ ދަރިވަރުންގެ ލޯނަށް ޚަރަދުކުރުމަށް މިއަހަރުގެ ބަޖެޓުން ކަނޑައަޅާފައިވާ އަދަދު ކަމަށްވާ 776.6 މިލިއަން ރުފިޔާގެ 10.2 އިންސައްތައެވެ.

 

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *