ރަޙުމަތުގެ މައްސަރު އަހަރެމެންނާ ވަކިވުމުގެ ވަގުތު ކުޑަތަންވަނީއެވެ. ކުރެވުނު ހެޔޮ ޢަމަލުތަކާ މެދު ވިސްނައި އިތުރަށް ހެޔޮ ޢަމަލުކުރުމުގައި ދެމިތިބުމަށް ކުރެވޭން ހުރީ ކޮން ކަންތަކެއްތޯ ބަލާށެވެ!
އަހަރެމެންނާ މި ބައްދަލުކުރަނީ މި ބަރަކާތްތެރި މައްސަރުގެ ފަހު ދިހައިގެ ދުވަސްތަކެވެ. އަހަރުގެ ތެރޭގައި މައްސަރުތަކާއި ދުވަސްތަކާއި ރޭތައް ﷲ تَعَالَى ވަނީ ޚާއްޞަކުރައްވައިފައެވެ.
އެ ގޮތުން ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހަކީ ހެޔޮ ކަމާއި މާތްކަމުގެ ގޮތުން އެންމެ މާތް ދިހަ ދުވަހެވެ. އެންމެ ހެޔޮ ރޭތަކަކީ ރަމަޟާންމަހުގެ ފަހު ދިހައިގެ ރޭތައްކަމުގައި ލެއްވިއެވެ. އަދި އޭގެ ތެރޭގައި އެއް ހާސް މައްސަރަށް ވުރެ ހެޔޮ ކަން ބޮޑު ލައިލަތުލްޤަދުރި ލެއްވިއެވެ. އެ ރޭ ކީރިތި ޤުރްއާން ބާވައިލެއްވިއެވެ.
ލޮބުވެތި ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ ރަމަޟާންމަހުގެ ފަހު ދިހައިގެ ރޭތަކުގައި الله سبحانه وتعالى އަށް ކުއްތަންވެވަޑައިގެން އަޅުކަންކުރެއްވުމުގައި އިތުރަށް ހީވާގިވެވަޑައިގަތެވެ. أُمُّ الْمُؤْمِنِيْنَ عَائِشَة رَضِيَ اللهُ عَنْهَاގެ އަރިހުން ރިވާވެގެންވެއެވެ. (كَانَ رَسُوْلُ اللهِ صلى الله عليه وسلم يَـجْتَهِدُ فِيْ الْعَشْرِ الْأَوَاخِرِ مَا لَا يَـجْتَهِدُ فِيْ غَيْرِهِ). މާނައީ: "ކީރިތި ރަސޫލާ z އަޅުކަންކުރެއްވުމުގައި، އެ ނޫން ރޭތަކަށް ވުރެ ބޮޑަށް ފަހު ދިހައިގައި އަޅުކަންކުރެއްވުމުގައި ގަދައަޅުއްވައި މަސައްކަތްޕުޅުކުރައްވައެވެ."
ތިމާގެ އަމިއްލަ ނަފުސަށް އެދޭ ހެޔޮ ކަން ތިމާގެ އަހުލުންނަށް އެދުމަކީ އިސްލާމްދީނުގައި ނުހަނު ބާރުއަޅުއްވައިފައިވާ ކަމެކެވެ. އަހަރެމެންގެ ލޮބުވެތި ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހިވަސައްލަމަ ވަނީ އެކަލޭގެފާނުގެ ޢަމަލުފުޅުން އެ ކަން އުންމަތަށް ދައްކަވައިދެއްވައިފައެވެ. أُمُّ الْمُؤْمِنِيْنَ عَائِشَة رَضِيَ اللهُ عَنْهَاގެ އަރިހުން ރިވާވެގެންވެއެވެ. (كَانَ رَسُولُ اللهِ صلى الله عليه وسلم إِذَا دَخَلَ الْعَشْرُ أَحْيَا اللَّيْلَ، وَأَيْقَظَ أَهْلَهُ، وَجَدَّ، وَشَدَّ الْمِئْزَرَ). މާނައީ: "ރަސޫލު اللَّهِ ޞައްލަﷲ ޢަލައިހިވަސައްލަމަ ރަމަޟާންމަހުގެ ފަހު ދިހަ އައުމުން ހުރިހައި ރެއެއް އިޙުޔާކުރައްވައެވެ. އަދި އެކަލޭގެފާނުގެ އަހުލުވެރީން އަޅުކަންކުރެއްވުމަށް އަވަހާރަފުޅުން ނަންގަވައެވެ. އަދި އެކަލޭގެފާނު ކަމަރުކޮޅުބަންނަވައި އަޅުކަންކުރެއްވުމުގައި އިތުރަށް، ހީވާގިވެވަޑައިގަންވައެވެ." ރަމަޟާންމަހަކީ އަޅުކަމުގެ މައްސަރުކަމަށް ވާތީ ރޭ އަޅުކަންކުރުން ގިނަކުރުމަށް ހިތްވަރުދެއްވައި ރަސޫލު اللهِ صلى الله عليه وسلم ޙަދީޘްކުރައްވައިފައި ވެއެވެ. (مَنْ قَامَ رَمَضَانَ إِيْمَانًا وَاحْتِسَابًا غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ). މާނައީ: "އީމާންކަމާ އެކު، ސަވާބަށް އެދޭ ޙާލުގައި ރަމަޟާންމަހު ރޭ އަޅުކަންކޮށްފި މީހާ ދަންނާށެވެ! ފަހެ، އޭނާގެ އިސްވެދިޔަ ފާފަތައް ފުއްސެވޭހުއްޓެވެ."
ރަމަޟާންމަހު ފަހު ދިހައިގެ ރޭތަކަކީ ކާއިނާތުގެވެރި اللهُ سُبْحَانَهُ وَتَعَالَىގެ ރަޙުމަތާއި ފުއްސެވުމާއި ރުއްސެވުމާއި ދިންނެވުން، އޭގެ އިންތިހާއަށް އަޅުތަކުންނަށް ދެއްވާނެކަން އަންގަވައިފައިވާ ރޭތަކެކެވެ. ވީއިރު އެ ރޭތަކުގެ މާތްކަމާއި ދަރުމަ ލިބިގަތުމަށް މަސައްކަތްކުރުމަކީ ސުވަރުގެ އެދޭ ކޮންމެ މީހަކު ކުރާންޖެހޭނޭ ކަމެކެވެ. ރަމަޟާންމަހުގެ ފަހު ދިހައިގެ ރޭތަކުގައި ލައިލަތުލްޤަދުރި ހޯދުމަށް މަސައްކަތްކުރުމާ ބެހޭ ގޮތުން اِبْنُ عُمَر رَضِيَ اللهُ عَنْهُمَاގެ އަރިހުން ރިވާވެގެން ވެއެވެ. (أَنَّ رِجَالًا مِنْ أَصْحَابِ النَّبِيِّ صلى الله عليه وسلم أُرُوْا لَيْلَةَ الْقَدْرِ فِي الْمَنَامِ فِي السَّبْعِ الْأَوَاخِرِ، فَقَالَ رَسُولُ اللهِ صلى الله عليه وسلم: أَرَى رُؤْيَاكُمْ قَدْ تَوَاطَأَتْ فِي السَّبْعِ الْأَوَاخِرِ، فَمَنْ كَانَ مُتَحَرِّيَهَا، فَلْيَتَحَرَّهَا فِي السَّبْعِ الْأَوَاخِرِ). މާނައީ: "މާތްނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ އަޞްޙާބުން ކުރެ ބައެއް ބޭކަލުންނަށް (ރަމަޟާންމަހު) ފަހު ދިހައިގެ ހަތްރެއިން ރެއެއްގައި، ހުވަފެންފުޅުގައި ލައިލަތުލްޤަދުރި ދެއްކެވުނެވެ. ފަހެ، (މި ކަން އެނގިވަޑައިގެން) ރަސޫލު اللَّهِ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރެއްވިއެވެ. "ތިޔަބޭކަލުންނަށް، ފަހު ދިހައިގެ ހަތް ރެއިން ރެއެއްގައި އެއް ކަހަލަ ހުވަފެންފުޅެއް ފެނިވަޑައިގަތްކަމުގައި ތިމަންކަލޭގެފާނު ދެކެވަޑައިގަންނަވަމެވެ. ފަހެ، އެރޭ ލިބިގަތުމަށް އެދޭ މީހާ، ފަހު ދިހައިގެ ހަތްރޭ ގަދައަޅައި މަސައްކަތްކުރާ ހުށިކަމެވެ." ފަހު ދިހައިގެ ހަތްރޭގެ ތެރޭގައި اللهُ سُبْحَانَهُ وَتَعَالَى އެ ރެއެއްގެ މާތްކަން އެއްހާސް މައްސަރުގެ ހެޔޮ ކަން ލައްވައިފައިވާ ލައިލަތުލްޤަދުރި ހިމެނެއެވެ. މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. މާނައީ: "ليلةالقدر ވިލޭރޭ، އެއް ހާސް މައްސަރަށްވުރެ ހެޔޮކަން ބޮޑެވެ. ملائكةންނާއި، جبريلގެފާނު އެބޭކަލުންގެ ވެރިރަސްކަލާނގެ إذنފުޅާ އެކު، ހުރިހައި أمرފުޅަކާއިގެން އެ ރޭ ފައިބައިވަޑައިގަންނަވާނެތެވެ. އެއީ فجرގެ އަލިކަން ފާޅުވެއްޖައުމަށްދާންދެން، أمانކަމާއި، ސަލާމަތްކަން ލިބިގެންވާ ރެޔެކެވެ." އެ ރޭ ލިބިގަތުމަށް އެދޭ މީހާ ކަންކުރާންވީ ގޮތުގެ ވާހަކަ ވެސް ނަބަވީ އިރުޝާދުތަކުން ވަނީ އަންގަވައިދެއްވައިފައެވެ. أُمُّ الْمُؤْمِنِيْنَ عَائِشَة رَضِيَ اللهُ عَنْهَاގެ އަރިހުން ރިވާވެގެންވެއެވެ. (أَنَّ رَسُوْلَ اللهِ صلى الله عليه وسلم قَالَ: تَـحَرَّوْا لَيْلَةَ الْقَدْرِ فِي الْوِتْرِ مِنَ الْعَشْرِ الْأَوَاخِرِ مِن رَّمَضَانَ). މާނައީ: "ހަމަކަށަވަރުން، ރަސޫލު اللهِ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރެއްވިއެވެ. "ތިޔަބައިމީހުން ރަމަޟާންމަހުގެ ފަހުދިހައިގެ އޮނަހިރި ރޭތަކުގައި ލައިލަތުލްޤަދުރި ލިބިގަތުމަށް، ގަދައަޅައި މަސައްކަތްކުރާހުށިކަމެވެ." ލައިލަތުލްޤަދުރިއަކީ އަށްޑިހަ ތިން އަހަރާއި ގާތްގަނޑަކަށް ހަތަރު މަސްދުވަހު މާތް ﷲއަށް އަޅުކަން ކުރުމުގައި ދެމިހުރި މީހަކަށް ލިބޭ ސަވާބާއި ދަރުމަ އެންމެ ރެއަކުން ލިބޭ ރެއެކެވެ. ވީ އިރު، މި ދަރުމައާއި ސަވާބު ޙާޞިލުވޭތޯ ގަދައަޅައި މަސައްކަތްކުރާށެވެ!
ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! ރަމަޟާންމަހު ފަހު ދިހައިގެ ރޭތައް އެންމެ ފުރިހަމަ ގޮތުގައި ބޭނުންހިފާ ބަޔަކުކަމުގައި އަޅަމެން ލައްވާނދޭވެ!
- މިއަދުގެ ހުކުރު ޚުޠުބާއިން..
