ނޭޕާލްގެ ބޮޑުވަޒީރުކަމުގެ ހުވާ ބަލެންދުރަ ޝާހް ކުރައްވައިފިއެވެ. އޭނާ މި މަގާމަށް އިންތިޚާބުވީ މިދިޔަ އަހަރު ޒުވާނުން އިސްވެ ތިބެ ކުރި މުޒާހަރާތަކަށްފަހު ބޭއްވި ފުރަތަމަ އާންމު އިންތިޚާބުގައި ހޯއްދެވި ބޮޑު ކާމިޔާބީއަށްފަހުގައެވެ.
"ބަލެން" ގެ ގޮތުގައި މަޝްހޫރުވެފައިވާ އުމުރުން 35 އަހަރުގެ މި ޒުވާން ލީޑަރަކީ، ނޭޕާލްގެ ސިޔާސީ މައިދާނުގައި އެތައް އަހަރުތަކެއް ވަންދެން އޮތް ކޮރަޕްޝަނާއި، އާއިލީ ނުފޫޒާއި، ވަކި ބައެއްގެ މުށުތެރޭގައި އޮތް ވެރިކަމާ މެދު ރައްޔިތުން ކުރަމުންދިޔަ ޝަކުވާތަކުގެ ތެރެއިން އުފެދުނު އާ އުންމީދެކެވެ.
ޝާހްގެ މި ކާމިޔާބީއަކީ ނޭޕާލްގެ ވެރިކަމަށް އައި ޖީލީ ބަދަލެއްގެ ގޮތުގައި ބެލެވެއެވެ. ގައުމުގެ ނިޒާމު އިސްލާހުކޮށް، ސަރުކާރުގެ ހާމަކަން ބޮޑުކުރުމަށާއި ޒިންމާދާރުކުރުވުމަށް އޭނާ ވެވަޑައިގެންފައިވާ ވައުދުތަކަށް ގިނަ އަދަދެއްގެ ޒުވާން ވޯޓުލުންތެރިން ވަނީ ތާއީދުކޮށްފައެވެ.
މަގާމުގެ ހުވާ ރަސްމީކޮށް ކުރެއްވުމުގެ ކުރިން، ޝާހް ވަނީ ގައުމުގެ މުސްތަގުބަލާ މެދު އޭނާ ކުރާ އުންމީދުތައް ސިފަކޮށްދޭ ރެޕް ލަވައެއް އާންމުކޮށްފައެވެ. މި ލަވަ އާންމުކުރިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައި ދެ މިލިއަނަށް ވުރެ ގިނަ މީހުން ވަނީ އެ ލަވަ ބަލާފައެވެ.
ޝާހްގެ ސިޔާސީ ދަތުރު ފެނިގެން ގޮސްފައިވަނީ ވަރަށް ހަލުވިކޮށެވެ. ކަތަމަންޑޫގެ މޭޔަރުކަމުގައި ތިން އަހަރު ހޭދަކުރެއްވުމަށްފަހު، އޭނާ ގުޅުނީ ރާސްތުރިޔާ ސްވަތަންތުރަ ޕާޓީ (އާރު.އެސް.ޕީ) އާއެވެ. މީގެ އެންމެ ހަތަރު އަހަރު ކުރިން އުފެދުނު މި ޕާޓީން ވަނީ މިފަހަރުގެ އިންތިޚާބުގައި ބޮޑު އަޣުލަބިއްޔަތެއް ހޯދާފައެވެ.
ކުރިން ކަތުމަންޑޫގެ މޭޔަރުކަން ކުރެއްވި ބަލެން އަކީ ނޭޕާލުގެ ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގަތް ފުރަތަމަ މަދޭޝީ (ނޭޕާލުގެ ދެކުނު ސަރަހައްދުގެ މީހެއް) އެވެ. ހުކުރު ދުވަހު ބޭއްވި ރަސްމިއްޔާތުގައި، ބަލެން ހުވާކުރެއްވީ އޭނާގެ އާންމު ސްޓައިލް ކަމަށްވާ ކަޅުކުލައިގެ ހެދުމާއި، ނޭޕާލީ ތޮފީ އަދި ކަޅު އައިނު އަޅުއްވައިގެން ހުންނަވައެވެ.
ކޮރަޕްޝަނާއި ވަޒީފާ ނެތުމުގެ މައްސަލައިގައި 30 މިލިއަން މީހުންގެ އާބާދީއެއް އޮތް ނޭޕާލުގައި އުފެދުނު ބޮޑު ހަލަބޮލިކަމަށްފަހު، ބަލެންގެ އަމާޒަކީ ގައުމަށް ސިޔާސީ ހަމަޖެހުން ގެނައުމެވެ. ނޭޕާލުގައި 1990 އިން ފެށިގެން 32 ސަރުކާރެއް ބަދަލުވެފައިވާއިރު، އެއްވެސް ސަރުކާރަކަށް 5 އަހަރުގެ ދައުރެއް ފުރިހަމަކުރެވިފައެއް ނުވެއެވެ.
