A brother and sister help each other execute a basic engine check on their parents' automobile

ﷲ އަށްޓަކައި މީހަކަށް އެހީތެރިވި ފަގީރު ދެބެއިންނަށް ވަގުތުން ލެއްވެވި ބޮޑު ރަޙްމަތް

އެއީ 19 އަހަރުގެ އަންހެން ކުއްޖަކާއި 23 އަހަރުގެ ފިރިހެންކުއްޖެކެވެ. ދެބެއިންގެ މައިންބަފައިން ނިޔާވުމުން ބޮޑުބޭބެ ވަނީ އެމީހުންގެ ގެއަށް ވެރިވެގެންފައެވެ. ދެބެއިން ކާބޯތަކެތި ހޯދަނީވެސް މަގުމަތިން ބައްދަލުވާ މީހުންނަށް ކުދިކުދި މަސައްކަތްކޮށްލައިދީގެންނެވެ. މަސައްކަތުގައި ދެބެއިން އުޅެނީވެސް އެކުގައެވެ.

އަވިގަދަ ދުވަހެކެވެ. ދެބެއިންނަށް ފެނުނީ މަގުމަތީގައި ވަރަށް މާޔޫސްކަންމަތީގައި ފާރެއްގައި ލެގިލައިގެން އިން މީހެކެވެ. ދެބެއިން އޭނާގެ ގާތަށްގޮސް ފުރަތަމަ މަސައްކަތްކުރީ އެމީހުންގެ އަތުގައި އޮތް ޕާނަކުން އެތިކޮޅެއް ކާންދޭށެވެ. އެމީހާ ބުނީ އޭނާ އިނީ ބަނޑުހައިވެގެން ނޫން ކަމަށާއި ދުއްވަމުން ކާރު ހުއްޓުމުން ޓޯކުރާނެ ވެހިކަލެއްގެ އިންތިޒާރުގައި ކަމަށެވެ.

ބަލައިލިއިރު އެއީ ވަރަށް އަގުބޮޑު ކާރެކެވެ. ދޮށީ ބޭބެއަކީ ކާރުގެ މަސައްކަތް ކޮންމެވެސްވަރަކަށް ދަންނަ ކުއްޖަކަށްވުމުން އިންޖީނާއި ދިމާއިން މަތި ނަގައިދިނުމަށް އެދުމުން އޭނާ މަތިނަގައިދިނެވެ. ރަނގަޅަށް ބަލައިލުމަށްފަހު އެމީހުން ބޯން ގެންގުޅުނު ފެންފުޅިން ފެންއަޅައިދީ އަދިވެސް ބައެއް ކަންކަން ރަނގަޅުވުމުން ކާރު ސްޓާޓްވިއެވެ.

ކާރު ދުއްވާލާފައި ދުއްވޭކަން ޔަގީންވުމުން އޭނާ ކާރުން ފައިބާފައި ދެބެއިންނަށް އަގުދޭން އުޅުމުން ބުނީ އެމީހުންނަކީ ވަރަށް ފަޤީރު ދެބެއިން ކަމަށާއި ނަމަވެސް އޭނާއަށް އެ މަސައްކަތްކޮށްދިނީ ﷲ އަށްޓަކައި ހިލޭ ސާބަހަށްކަމަށްވާތީ އެއްވެސް ފައިސާއެއް ބޭނުން ނޫން ކަމަށެވެ.

އޭނާ ބުންޏެވެ. "އަހަރެން މިއުޅެނީ ފައިސާއިން ބަދަލުދޭކަށް ނޫނެވެ. އަހަރެންނަކީ ތަނަވަސްކަންހުރި މީހެކެވެ. ބޮޑެތި ކުންފުނިތައް ހިންގާ މީހެކެވެ. މިއުޅެނީ ދެބެއިންނަށް ދިރިއުޅެވޭނެ ގޮތެއް ހޯދައިދޭށެވެ. ކާރަށް އަރައިގެން އަހަރެންނާއިއެކުގައި ހިނގާށެވެ. ދެބެއިންނަށްވެސް އުފަލުގައި ދިރިއުޅެވޭވަރުގެ ވަޒީފާއެއް ދޭނަމެވެ."

ދެބެއިން ބުނީ އެމީހުންނަށް މަތީ ތަޢްލީމް ޙާޞިލްކުރެވިފައި ނެތް ކަމަށެވެ. ޖަވާބުގައި އޭނާ ބުނީ ކަލޭމެން ދެބެއިންގެ އަތުގައި ވަރަށް ބޮޑު ހިތެއް އެބައޮތް ކަމަށެވެ. މަތީ ތަޢްލީމް ޙާޞިލުކޮށްގެން ތިބެ ވަޒީފާ ހޯދަން އަންނަ މަދު މީހެއްގެ އަތުގައި ނޫނީ އެކަހަލަ ބޮޑު ހިތެއް ނުއޮންނަ ކަމަށާއި އޭނާ ބޭނުންވަނީ ބޮޑު ހިތެއް (އެހެން މީހުންނަށް ރަޙުމްކުރާ ދީލަތި ހިތެއް) އޮންނަ މީހުން ކަމަށެވެ.

"ކަލޭމެން ތިހައި ދަތިޙާލުގައި އުޅެމުންވެސް އަތުގައި ޕާންކޮޅުން އަހަރެންނަށް ކާންދޭން އުޅެފި. އަތުގައި ހުރި ބޯފެންފޮދު ރޭޑިއޭޓަރަށް އަޅައިދީފި. މިވަރުން ދެބެއިންގެ ހިތުގެ ވަރަށް ރަނގަޅަށް އެނގިއްޖެ." ކަމަށްވެސް އެމީހާ ބުންޏެވެ.

ދެބެއިން ގޮވައިގެން ފުރަތަމަ ދިއައީ ފޭރާން ވިއްކާ ފިހާރައަކަށެވެ. އެތަނުން ރީތި ފޭރާން ގަނެގެން ލައްވައި ރީތިކޮށްގެން ދެބެއިން ގޮވައިގެން ގޮސް ވަޒީފާދިނެވެ. ދިރިއުޅޭނެ އެޕާޓްމަންޓެއްވެސް ދެއްކިއެވެ.

ނޫހުގެ ވަރަށް ގިނަ ކިޔުންތެރިންނަށް މިވާހަކަކޮޅު ޙިއްޞާކޮށްމިލީ އަޅުގަނޑުމެންގެ މުޖުތަމަޢުގައިވެސް މިފަދަ ބޮޑު ހިތް އޮންނަ މީހުން މަދުވަމުން އަންނާތީއެވެ. އޭނާ އެބުނި ފަދައިން ގިނަ ބައަކު ދަނީ ކިޔަވައި މަތީ ފާސްތައް ނަގަމުންނެވެ. ނަމަވެސް އެެހެން މީހުންނަށް ރަޙުމްކުރާ ދީލަތި ހިތެއް އޮންނަނީ ވަރަށް މަދު މީހެއްގެއެވެ. ﷲ އަށްޓަކައި މީހަކަށް އެހީތެރިވެދޭން މަސައްކަތްކުރަނީ ހާދަމަދު މީހެކެވެ. ވީމާ އަޅުގަނޑު އުންމީދުކުރަނީ މިފަދަ ޢިބްރަތްތެރި ވާހަކަތަކުން ފިލާވަޅެއް ލިބި ފައިދާކުރާނެ ކަމަށެވެ.

ހަމައެއާއިއެކު އިތުރު ވާހަކައެއްވެސް ބުނެލަން ބޭނުންވެއެވެ. އެއީ ނިކަމެތިންގެ އަގު ވަޒަންކުރާ މިފަދަ ބޮޑު ހިތެއް އޮންނަ ތަނަވަސް މީހުންވެސް މަދުވަމުން އަންނަކަމެވެ. ގިނަވަމުން އަންނަނީ ތަނަވަސްކަމެއް ލިބިއްޖެ ނަމަ ނިކަމެތިންނަށް ބަލާލަންވެސް ބޭނުންނުވާ މީހުންނެވެ. ވީމާ އެކަންވެސް ފާހަގަކޮށްލަން ބޭނުންވެއެވެ.

– އަސީލް

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *