މަސްވެރިކަން ކުރާ ހުރިހާ ދޯނިތަކަށް ރާއްޖޭގެ ހުރިހާ ހިސާބަކުން އަގު ހެޔޮ ރޭޓުގައި ތެޔޮ ލިބޭނެ އިންތިޒާމް ހަމަޖައްސައިފިއެވެ.
މަސްވެރިކަން ކުރާ ހުރިހާ ދޯނިފަހަރަށް 22 އޭޕްރީލް 2026 އިން ފެށިގެން ރާއްޖޭގެ އުތުރާއި ދެކުނުން އެފް.އެސް.އެމްގެ ޝެޑް ގާއިމުކޮށްފައިވާ ހުރިހާ ހިސާބަކުން އަގު ހެޔޮ ރޭޓުގައި ތެޔޮ ލިބޭނެ އިންތިޒާމް މި ވަނީ ހަމަޖެހިފައެވެ.
މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާއި ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުންދާތީ އެކަމުގެ ސަބަބުން ރާއްޖޭގެ މަސްވެރިންނަށް ކުރާ އަސަރު ކުޑަކުރުމަށްޓަކައި ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
މި ހާލަތުގައިވެސް މަސްވެރިކަމުގެ ސިނާއަތް ހުއްޓުނަނުދީ ކުރިއަށް ގެންދިއުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ދެއްވާފައިވާ އިރުޝާދުގެ މަތިން، ސަރުކާރުން ވަނީ މަސްވެރި، އުޅަނދުފަހަރަށް ހެޔޮ އަގެއްގައި ޑީސަލް ވިއްކަން ފަށާފައެވެ. އެގޮތުން މާރޗް މަހުން ފެށިގެން ހުޅުމާލެ ކ.ހިންމަފުށި. ޅ. ފެލިވަރު، ގއ.ކޫއްޑޫ، ސ.ހުޅުދޫ މިފްކޯ އަދި އެފްއެސްއެމް ޝެޑުން ހެޔޮ އަގެއްގައި ތެޔޮ ވިއްކަން ވަނީ ފަށާފައެވެ. އަދި މިޕްރޮގްރާމް އިތުރަށް ފުޅާކޮށް، ރާއްޖޭގެ ހުރިހާ ހިސާބުތަކެއްގައި އަގު ހެޔޮ ރޭޓުގައި މަސްވެރިންނަށް ތެޔޮ ލިބޭނޭ އިންތިޒާމު ހަމަޖެއްސުމަށް ސަރުކާރުން ކުރި މަސައްކަތުން އެފްއެސްއެމްގެ ސްކިޑް ގާއިމް ކޮށްފައިވާ އިތުރު 8 ރަށަކުން އަގު ހެޔޮ ރޭޓެއްގައި މަސްވެރިންނަށް ތެޔޮ ލިބިގެން ދާނެއެވެ.
