ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ފުރަތަމަ ދެ ވަޒީރުން ކަމުގައިވާ އާދަމް ޝަރީފް އުމަރާއި ތޯރިގު އިބްރާހީމާއި ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް އައްޔަންކޮށްފިއެވެ.
މި ތިން ބޭފުޅުން ވެސް އެ މަގާމުތަކަށް އައްޔަން ކުރެއްވުމާ ގުޅިގެން މިހާރު ވަނީ ފޮރިން މިނިސްޓްރީއަށް ނުކުންނަވަން ފައްޓަވައިފައެވެ.
ރައީސް ޑރ. މުއިއްޒުގެ ސަރުކާރުގައި އާދަމް ޝަރީފް ވަނީ ސިޓީސް، ލޯކަލް ކައުންސިލް އެންޑް ޕަބްލިކް ވޯކްސް މިނިސްޓަރުކަން ކުރައްވައިފައެވެ. އަދި ތޯރިގް ވަނީ ޓޫރިޒަމް، އެންވަޔަރަމަންޓް މިނިސްޓަރުކަން ކުރައްވައިފައެވެ.
ސަރުކާރުގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ 10 މިނިސްޓަރަކު މި މަހުގެ މެދުތެރޭގައި އިސްތިއުފާ ދެއްވި އިރު، ތޯރިގާއި އާދަމް ޝަރީފް ހިމެނިވަޑައިގަންނަވައެވެ.
މި މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ސަރުކާރަށް ލިބުނު ނާކާމިޔާބީއާ ގުޅިގެން ސަރުކާރުގެ ހިންގުމަށް ގެންނަންޖެހޭ ބަދަލުތައް ގެންނަވާނެ ކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.
އެ އިންތިހާބަށްފަހު ބައެއް ވަޒީރުން އިސްތިއުފާ ދެއްވީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގުމަށް ރައީސް މުއިއްޒު ގެންނަވަން ބޭނުންފުޅުވާ ހެޔޮ ބަދަލުތަކަށް ފުރުސަތު ދިނުމަށްޓަކައި ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.
