އެންމެ ފަހުން ނުނިދިގެން އަނަމް ތެދުވިއެވެ. ކޮފީތައްޓެއް ހިފައިގެން ގޯތިތެރެއަށް ނިކުތެވެ. ރޭ ހަތަރުދަމު ނުނިދާ ހުރުމުގެ ސަބަބުން އޭނާ އާއްމުކޮށް ފަތިހުގެ ދުވުމަށްވެސް ނުގޮސް މަޑުކޮށްލީއެވެ. އުނދޯލި ހެއްލާލަމުން ކޮފީ ބޮމުން ދިޔައެވެ. އެވަގުތު ކިރަން އައިސް އެތެރެއަށް ވަނެވެ.
"ކޮބާ؟ ރޭގައި އެ ފެނުނު އެތި." ކިރަން އައިސް އަނަމް ގާތުގައި އިށީނެވެ.
"ކޮންއެއްޗެއް؟ އާނ. އަވައްޓެރި ދައިތަދޯ. އެހާ ފަތިހު ތިއައީ އެވާހަކަ އަހަންތަ؟" އަނަމް ހޭންފެށިއެވެ.
"ސަކަރާތް ނުޖަހަބަލަ. އަހަރެން މިހުރީ އަދިވެސް ހުމާ." ކަރުގައި އަތްޖައްސާލުމުން ކިރަން ބުންޏެވެ.
"އެއީ މިގެ ދޫކޮށްފައި ދެން ހުރިގޭގައި އުޅޭ ޓީޗަރު." އަނަމް ބުންޏެވެ.
"ވަރަށްފަހުން ސްކޫލާ ގުޅުނު ނަބާމިސްތަ؟. އޭނާ އެހާ ދަންވަރު ކީއްކުރަނީ؟" ކިރަން ހުރީ ހައިރާންވެފައެވެ.
"ހީވަނީ އޭނާއަށް އަދި މިރަށުން ރައްޓެއްސެއް ނުލިބެނީހެން. ދޭބަލަ އެމަންޖެ އަތުން ކޮފީތައްޓެއް ލިބޭތޯ." އަނަމް ސަކަރާތަކަށް ހަދާފައި ބުންޏެވެ.
ކިރަން ތެދުވީ ނަބާ މިސްގެއަށް ދާށެވެ. ހޮނިހިރުދުވަސްކަމުން ނަބާ ގޭގައި އުޅޭނޭކަން އޭނާއަށް އެނގެއެވެ. އަނަމްއަށް ނޭނގުނު ކަމުގައިވިޔަސް ނަބާ އޭނާއާ ކޮންމެވެސް ވަރަކަށް ވާހަަކަ ދައްކައެވެ. ނަބާ އެރަށަށް އައިދުވަހު ފިހާރައެއް ނުފެނިގެން އުޅެނިކޮށްވެސް އެހީތެރިވެދިނީ އޭނާއެވެ. އޭނާ ދަމުން އަނަމްގެ އަތުގައި ހިފާ ނަބާމެން ގެއިން ކޮފީއެއް ލިބޭތޯ އެކުގައި ދާން ބުންޏެވެ. ނަމަވެސް އޭނާ އެކަމާ އިންކާރު ކުރިއެވެ. ކިރަން ދިއުމުން އަނަމް ކޮޓަރިއަށް ވަނެވެ. މިއަދު ޑިއުޓީ އޮންނަނީ މެންދުރުފަހުގައި ކަމުން އޭނާ ބޭނުންވީ ނިދާލާށެވެ. ކުއްލިއަކަށް ދޮރުގައި މީހަކު ޓަކި ޖަހައިފިއެވެ. އޭނާ ގޮސް ދޮރު ހުޅުވާލިއިރު ދޮރުމަތީ ހުރީ ކިރަންއެވެ. އޭނާގެ ފަހަތުން ނަބާއައިސް ކޮފީތައްޓެއް ދިއްކޮށްލިއެވެ.
"ކިރަން ބުނީ ޑޮކްޓަރު އުޅުއްވަނީ ކޮފީއެއް ހަދާދޭނެ މީހަކު ނެތިގެންނޯ. ކޮބައިތޯ މިގޭގައި ކައްކަން އުޅޭ ދައްތަ؟" ނަބާ ބުންޏެވެ. އޭނާ ނަބާއާދިމާއަށް ބަލަން ހުރެވުނެވެ. އެއީ ރީތި ކުއްޖެކެވެ. ތޫނު ކަޅިރަވައަކާއި ބޮޑު ދެލޮލެވެ. ހަނދުވަރުގެ އަލީގައި އޭނާގެ ރީތިކަން އަނަމްއަކަށް ފާހަގައެއް ނުކުރެވުނެވެ. އެ މޫނަކީ އޭނާ ކޮންމެވެސް ތާކުން ދުއް މޫނެއްހެން ހީވެއެވެ.
"އެއީ ދޮގެއް. ރޭގައި ނަބާމިސް ފެނިގެން ޖިންނިއެއްކަމަށް ހީކޮށް ބިރުން ހުންއައި މީހެއްގެ ވާހަކަ ތި ދައްކަނީ." އަނަމް ބޭނުންވީ ނަބާއާ ރަހްމަތްތެރި ވެލާށެވެ.
"އެހެން ވެދާނެދޯ. ދަންވަރު ހުދު ހެދުމެއް ލައިގެން މިރަށު އަންހެން ކުއްޖެއް އުނދޯލި ހެއްލާކަށް ނީންނާނެވިޔަ؟" ކިރަން ބުންޏެވެ.
ތިން މީހުން އިރުކޮޅަކު ވާހަކަ ދައްކަން ތިއްބެވެ. އެކަކު އަނެކަކަށް ފޯނު ނަންބަރުވެސް ދިނެވެ. އެމީހުންނަކީ އެކުވެރިން ކަމުގައިވީ ހީވެސް ނުކުރާހާ އަވަހަށެވެ. ހަފްތާ ފެށުމުން އާދައިގެ މަތީން އަނަމް ގިނަވަގުތު އުޅުނީ ސިއްޙީ މަރުކަޒުގައެވެ. ގެއަށް އަންނަން ލިބޭ ކުޑަ ވަގުތުކޮޅުގައި އަރާމު ކޮށްލުމަށްފަހު ފިލްމެއް ބަލާލައެވެ. ނަބާ އުޅުނީ ސްކޫލުގައި އޮތް އިނާމުދިނުމުގެ ޖަލްސާއަށް ކުރަންޖެހޭ އެންމެހާ ކަމެއް ކުރުމުގައެވެ. އެކަކު އަނެކަކު ހޯދާކަށް ނޫޅެއެވެ. ފޯނު ނަންބަރު އޮތަސް ގުޅާލާކަށްވެސް ނޫޅެއެވެ.
އިނާމުދިނުމުގެ ޖަލްސާއަކީ ރަށުގައި ބޭއްވޭ އެންމެ ވަރުގަދަ ހަފްލާއެވެ. އެހެންކަމުން އެރޭ ހުރިހާ އަންހެނުންވެސް ހެދުންއެޅުމަށް ކަނޑައެޅިފައިވަނީ ދިވެހި ދިގުހެދުމެވެ. ނަބާ ޖަލްސާއަށް ދިއުމަށްޓަކައި ފެހީ ރަތްކުލައިގެ ދިގުހެދުމެކެވެ. އިނާމު ދިނުމުގެ ޖަލްސާ ތަޢާރަފްކުރުމުގެ ފުރުޞަތު ލިބިފައިވަނީ ނަބާއަށެވެ. ވަރަށް ފާޑުވެރިކަމާއިއެކު އޭނާ މޭކަޕް ކޮށްލިއެވެ. އަދި އޭނާއަށް އެންމެ މީރުވަސްދުވާ ސެންޓް ޖަހާލިއެވެ. އޭނާ އަވަސް އަވަހަށް ސްކޫލަށް ދިއުމަށްޓަކައި ބޭރަށް ނިކުތެވެ. އަރާފައިވާ ފައިވާނުގެ ފުންނާބު އުސްކަމުން އޭނާއަށް ރަށުގެ މަޑުފަސްގަނޑުގައި ހިނގާފައި ނުދެވޭނެކަން އެނގޭތީ ކާރަކަށް ގުޅޭތޯ ބެލިއެވެ. އަނަމް ސިއްޙީ މަރުކަޒުން ގެއަށް އައީ އެވަގުތެވެ. އޭނާއަށް ނަބާ ގަޑިޖެހިގެން އުޅޭހެން ހީވެގެން ކައިރި ކޮށްލިއެވެ.
"ކާރެއް ނުލިބިގެން." ނަބާ ރަކިވެލާފައި ބުންޏެވެ.
"ނަބާއަށް ދާންކެރެންޏާ އަރާ. އަހަރެން ގެންގޮސްދީފާނަން." އަނަމް ހިނިތުންވެލިއެވެ.
ނަބާހުރީ ގަޑި ކައިރިވަމުން ދާތީ ވަރަށް ލަސްވެފައެވެ. އެހެންކަމުން އޭނާ އަވަހަށް އަނަމްގެ ސައިކަލު ފަހަތަށް އެރިއެވެ. އަނަމް މަޑުމަޑުން ސައިކަލު ދުއްވާލިއެވެ. އޭނާގެ ހިތުގައި ތަފާތު އިހުސާސްތަކެއް ކުރަމުން ދިޔައެވެ. ދިގުހެދުމުގައި ނަބާ ކިހާ ރީތިހެއްޔެވެ؟ ބަނިޔާދަން ހަށިގަނޑެކެވެ. ދިގު އިސްތަށިގަނޑެކެވެ. މޭކަޕް ކުރުމުގެ ހުނަރުން އޭނާގެ ރީތިމޫނު މިހާރު މާ ރީއްޗެވެ. ނަބާ ޖަހާފައިވާ ސެންޓްގެވަސް ކިހާ ހިތްގައިމު ހެއްޔެވެ؟
"މަޑުކޮށްލާ." އަނަމް ސިއްސައިގެން ދިޔައީ ސްކޫލާ ހަމައަށް ދެވުނުކަން ނަބާ ބުނީމައެވެ.
"ގުޑް ލަކް." އަނަމް ބުންޏެވެ.
"ޝުކުރިއްޔާ." ނަބާ ދިގުހެދުމުގެ އެއްފަރާތުގައި ހިފާ ހެދުން ކުޑަކޮށް ހިއްލާލާފައި ހިނގައިގަތެވެ. އަނަމް ކަޅިޖަހާނުލާ ނަބާ ސްކޫލްގެ ގޯތިތެރެއަށް ވަންނަންދެން ބަލަން ހުރެވުނެވެ.
އަނަމް އިނީ ނެޓްފްލިކްސްގެ ފިލްމުތަކުގެ ލިސްޓްތައް ހާވާށެވެ. އޭނާއަކަށް މާ ކަމުދާ ފިލްމެއް ނުފެނުނެވެ. މިރޭ ފިލްމު ބަލާހިތެއްވެސް އޭނާ ނުވެއެވެ. ފާޑަކަށް ހުންނަނީ ފޫހިވެފައެވެ. އެހެންކަމުން ނިދޭތޯ އޮށޯވެލިއެވެ. އޭނާއަށް ހޭލެވުނީ ދަންވަރު ތިނެއްޖެހި އިރު ރަށުގެ ސިއްޙީ މަރުކަޒުން ގުޅާތީއެވެ. ބަލިމީހަކު ވަރަށް ހާލު ދެރަވެގެން ގެނެސްގެންނެވެ. އޭނާ އަވަސް އަވަސް ކޮށްލައިގެން ސިއްޙީ މަރުކަޒަށް ދިޔައެވެ.
"ނަބާތަ؟ ކިހިނެއް ވަނީ؟" އަނަމް ސުވާލު ކުރިއެވެ.
"ވަރަށް ގިނައިން ހޮޑުލެވުނީ. ބޯވެސް އަނބުރާ. ވަރަށްބޮޑަށް ހުން ގަދަވެގެން އަސްލު އައީ." ނަބާ ވަރު ދެރަގޮތަކަށް ބުންޏެވެ.
"އަލަށްތަ ތިހެންތިވީ؟." އަނަމް ނަބާ ބެލުމަށްްފަހު ބޭސް ސިޓީ ލިޔަމުން ބުންޏެވެ.
"ނޫން. ފަހަކަށް އައިސް ވާގޮތެއް. މިރޭ ދެން ހުންއައީ." ނަބާ އިނީ އިސްޖަހާލައިގެންނެވެ.
ނަބާގެ ހުންމަޑުވަންދެން ސިއްޙީ މަރުކަޒުގައި ބޭއްވިއެވެ. ރޭގަނޑު ދަންވަރުގެ ވަގުތުކަމުން ދެތިން މުވައްޒަފެއް ފިޔަވާ އިތުރު ބަޔަކު މަރުކަޒުގައެއް ނޫޅެއެވެ. އަނަމް ގެއަށް ދިއުމުގެ ބަދަލުގައި ނަބާ ގާތުގައި މަޑުކޮށްލީއެވެ. އޭނާ ނަބާއާއި ވަރަށް ވާހަކަ ދެއްކިއެވެ. ނަބާ ވަރަށް އަސަރާއިއެކު އޭނާގެ ބައެއް ވާހަކަތައް އަނަމްއަށް ކިޔައިދިނެވެ. އޭނާއަކީ މުއްސަނދި އާއިލާއެއްގެ ހުރި ހަމައެކަނި އަންހެން ކުއްޖާއެވެ. ބޮޑުވެގެން އައިއިރު މައިންބަފައިިން އުޅުނީ އެމީހުންގެ އަމިއްލަ ދުނިޔޭގައެވެ. ފައިސާ ހޯދުމާއި މަޖާކުރުމުގައެވެ. ރާއްޖޭން ބޭރުގަޔާއި ރިސޯޓްތަކަށް ދަތުރުކުރުމުގައެވެ. އޭނާބެލީ ގޭގައި އުޅުނު ބަންގާޅު އަންހެކެވެ. ފުރާވަރަށް އެޅިއިރު ސްކޫލުން އޭނާއަށް ރަހްމަތްތެރިން ލިބުނެވެ. އެމީހުންނާއިއެކު އޭނާ ބޭރަށްގޮސްލާ ސަކަރާތްޖަހާ ހެދިއެވެ. އޭރުގެ ރައްޓެހިން ކުދިންނާ ރައްްޓެހިވެގެން އުޅޭތީ އޭނާވެސް ކުއްޖަކާ ރައްޓެހިވިއެވެ. ނަމަވެސް އެއީ ޑްރަގް ބޭނުންކުރާ ކުއްޖެކެވެ. މަންމައަށް އެކަން އެނގުމުން ނަބާ ލަންކާއަށް ކިޔަވަން ފޮނުވިއެވެ. ވަރަށް އުނދަގުލުން އޭނާގެ ޑްރަގްނަގާ ރަހްމަތްތެރިޔާ ގާތުން ސަލާމަތްވިއެވެ.
ޔުނިވަސިޓީގައި އުޅުނުއިރު އޭނާ އެހެން ކުއްޖަކާއި ރައްޓެހިވިއެވެ. އެއީ ރާއްޖޭގެ އުތުރު ރަށެއްގެ ކުއްޖެކެވެ. މައިންބަފައިން މަރުވެފައިވާ ނިކަމެތި ކުއްޖެކެވެ. ނަބާގެވެސް އެހީތެރިކަމާއެކު ރަޔާން ލަންކާގައި ކިޔަވަމުން ދިޔައެވެ. އެދެމީހުން އުޅުނީ ވަރަށް ލޯބިންނެވެ. ރަޔާން އަބަދުވެސް ދިޔައީ އަމިއްލަ މަސައްކަތުން އާމްދަނީ ހޯދުމުގެ ވާހަކަ ދައްކަމުންނެވެ. އޭނާ އެކިއެކި މަސައްކަތުން އަމިއްލަ ފައިމައްޗަށް ތެދުވަން މަސައްކަތްކުރިއެވެ. ނަމަވެސް އޭނާ ޚިޔާރުކުރި މަގުތައް ގޯހެވެ. ނަބާ ވާހަކަ ހުއްޓާލިއެވެ.
"އެވާހަކަތައް ދެން ދެއްކުމެއް ނެތެއްނު." ނަބާ ހިނިތުންވެލިއެވެ. އޭނާ ވަރުބަލިވީއެވެ.
"ނަބާގެ މައިންބަފައިން ކޮބާ؟ ކީއްވެ އެކަނި މިރަށުގައި ތިއުޅެނީ؟" އަނަމް އެހިއެވެ.
"އެއީ ވަރަށް ބޮޑު ވާހަކައެއް. ބައްޕަ ވަނީ މަރުވެފައި. އަހަރެންގެ ސަބަބުން. މަންމަ އަހަރެން ގެއިން ނެރެލީ." ނަބާ މަޑުމަޑުން ބުންޏެވެ. ބޭހުގެ އަސަރު ކުރަން ފެށުމުން ނަބާގެ ގައިން ހުންފިލާފައިވުމުން އޭނާ ގާތަށް ނިދި އައެވެ. އޭނާއަށް ނިދުނީ އަނަމް ވާހަކަ ދައްކަދައްކާ ހުއްޓައެވެ.
އަނަމް ނަބާއަށް ބަލާލިއެވެ. ނަބާ ބަލިކޮށް އުޅޭއިރުވެސް ކިހާ ރީތިހެއްޔެވެ؟ އަނަމްގެ ހިތުގައި ނަބާގެ ރީތި ތަސްވީރު ބިންވަޅު ނެގުނެވެ. އޭނާ ނަބާގާތުގައި އަބަދު ހުންނަ ހިތްވެއެވެ. ނަބާއާ ވާހަކަ ދައްކާ ހިތްވެއެވެ. ނަބާއަށް ނިދިފައި ވުމުން އޭނާގެ ކޮޓަރިއަށް ދިޔައެވެ. އިރުކޮޅަކުން ޓެސްޓްތަކުގެ ނަތީޖާ ހިފައިގެން ނަރުސް ކުއްޖާ އައެވެ. އޭނާ އެ ރިޕޯޓްތައް ބެލިއެވެ. އަދި ކަންބޮޑުވިއެވެ. އޭނާ ރިޕޯޓްތައް ހިފައިގެން ނަބާގާތަށް ދިޔައިރު ނަބާ އޮތީ ހޭލައެވެ.
"ބާއްޖަވެރި ހެނދުނެއް ޑޮކްޓަރ." ނަބާ ހިނިތުންވެލިއެވެ. އަނަމް ނަބާގެ ނިތްކުރީގައި އަތްޖައްސާލާ ހުން ހުރިތޯ ބަލާލިއެވެ. ދެން ކައިރީގައި ހުރި ގޮނޑީގައި އިށީނެވެ.
"ހުމެއް ނެތް. ނަބާ. ދޮގު ނުހަދާ ބުނޭ. ނަބާގެ ބައްޔަކީ ކޮބާ؟ މިތަނަކީ އެހާ ރަނގަޅު ޓެސްޓްވެސް ހެދޭނެ ތަނެއްނޫން. އަދި އަމްދުން ރަނގަޅު ފަރުވާވެސް ދެވޭނެ ތަނެއް ނޫން. ރަނގަޅު ފަރުވާ ނުދެވިއްޖެ ނަމަ ނަބާ އަބަދަށް ގެއްލިދާނެ. ޕްރެގްނެންސީ ޓެސްޓްގެ ނަތީޖާވެސް ސާފެއްނުވޭ." އަނަމް ނަބާގެ އަތުގައި ހިފާލިއެވެ.
"ކީއްވެ ޕްރެގްނެންސީ ޓެސްޓް ހެދީ؟" ނަބާ ހިތްހަމަ ނުޖެހުނެވެ.
"ބޭސްތަކެއް ދިނުމުގެ ކުރިން ބަލަންވާނެއްނު." އަނަމް ނަބާއަށް ބަލަމުން ދިޔައެވެ.
"އަހަރެން ގެއްލުނަސް އެއްވެސް މީހަކު ކަންބޮޑެއް ނުވާނެ. ހަގީގަތަކީ އަހަރެންނަށް ކޮންމެ ގޮތެއްވިޔަސް ޚުދު އަހަރެންވެސް ކަންބޮޑު ނުވާކަން. އެކަމާ އަހަރެން އެއްވެސް ފަރުވާލެއް ނެތް." ނަބާއަށް ރޮވުނެވެ. އޭނާ ހުރީ އޭނާގެ ހާލަތު އެއްވެސް މީހަކަށް ކިޔައިދޭކަށް ނޫނެވެ. އޭނާގެ ބަލީގެ ހަގީގަތް މީހަކަށް އަންގާކަށްވެސް ބޭނުމެއް ނޫނެވެ. ނަމަވެސް އަނަމްއާއި ދިމާވި ދުވަހުން ފެށިގެންވެސް އޭނާ އަނަމްއާއި ގާތްކަމެއް އުފެދުނެވެ. މިވަރަށްވެސް ވާހަކަ ހިއްސާ ކުރެވުނީ އަނަމް އޭނާއަށް ބަހައްޓާ ގާތްކަމުންނެވެ.
"އެއްވެސް މީހަކު ކަންބޮޑުނުވިޔަސް އަހަރެން ކަންބޮޑުވަން. އަހަރެން ނަބާ ތިހާލުގައި އުޅޭތަން ދެކޭކަށް ބޭނުމެއް ނޫން." އަނަމް އޯގާތެރިކަމާއެކު ބުންޏެވެ.
"އަހަރެން ގެއަށް ދިޔަދީ. މިހާރު ރަނގަޅެއްނު. މިހާރުވެސް މާގިނަ ވާހަކަ ދެއްކިއްޖެ." ނަބާއަށް އަނެއްކާވެސް ރޮވުނެވެ. އޭނާގެ ހަޔާތުގެ ވާހަކައަކީ ރީތި ވާހަކައެއް ނޫނެވެ. އޭނާއަކީ ކުށްވެރިއެކެވެ. އެ ކުށުގެ ސަޒާ އޭނާއަށް އެދަނީ ލިބެމުންނެވެ. އެވާހަކަތައް އަނަމްއަށް އޭނާ ކިޔައިދޭނީ ކިހިނެއް ހެއްޔެވެ؟
ނަބާގެ ލޮލުން ކަރުނަ ފައިބާތަން ފެނުމުން އަނަމްއަށް ފުން އަސަރެއް ކުރިއެވެ. އޭނާގެ ކުރިމަތީގައި ކިތައް ބަލި މީހުން ރޮއިހަދާ ހެއްޔެވެ؟ ނަމަވެސް ނަބާ ދެރަވުމުން އޭނާއަށް ބަޔާންކުރަން ދަތި އިހުސާސްތަކެއް ކުރިމަތި ކުރިއެވެ. ނަބާ ރޯތަން ދެކޭކަށް އޭނާއަކަށް ފަސޭހައެއް ނުވިއެވެ. އެހެންކަމުން އިތުރު ވާހަކައެއް ނުދައްކާ ބޭސް ދިނުމަށްފަހު ނަބާ ގެއަށް ފޮނުވާލުމުގެ ލިޔުންތައް ތައްޔާރު ކުރުވިއެވެ. އަދި ނަބާ ގޮވައިގެން ގެއަށް ދިޔައީވެސް އަނަމްއެވެ.
ނަބާ ގޮވައިގެން އޭނާގެ ކޮޓަރިއާ ހަމައަށް އަނަމް ވަނެވެ. ނަބާ އެނދުގައި ބޭންދުމަށްފަހު ބޭސްތައް މޭޒުމަތީ ބެހެއްޓިއެވެ. ދެން އައިސްއަލަމާރިން ޖޫސްތައްޓެއް ގެނެސް ނަބާއަށް ދިނެވެ. އެވަގުތު އޭނާގެ ލޮލުގައި އަޅައިގަތީ ފާރުގައި ހަރުކޮށްފައިވާ ބޮޑު ފޮޓޯ ލޯގަނޑެވެ.
"އެއީ މަންމައާއި ބައްޕަ." ނަބާ މަޑުމަޑުން ބުންޏެވެ.
"ވަރަށް ދެކޭ ފާޑުޖަހާ ބައެއް. އަހަރެން އެމީހުން ދަންނަން ކަންނޭނގެ." އަނަމް ބުންޏެވެ.
"ވެދާނެ. މާލޭގެ މަޝްހޫރު ބައެއްވިއްޔަ." ނަބާ ބުންޏެވެ.
އަނަމް އެނދުގައި އިށީނުމަށް ނަބާ ބުންޏެވެ. އަނަމް ނަބާގެ ގާތުގައި އެނދުގައި އިށީނެވެ. އަދި ނަބާގެ ސިއްޙަތަށް ވަމުންދާގޮތް އޮޅުންފިލުވަން ބޭނުން ކަމުގައި ބުންޏެވެ. ނަމަވެސް ނަބާ އިންކާރު ކުރިއެވެ. އަބަދު ބަލީގެ ވާހަކަ ދައްކާނަމަ މީހާގެ ބުއްދި ސަކަރާތް ވެދާނެކަމަށް ބުނެ މައުލޫޢު އޮޅުވާލިއެވެ. އެދެމީހުން އެކަކު އަނެކަކާ ވަރަށް ވާހަކަ ދެއްކިއެވެ. ކުޑައިރުގެ މަޖާ ވާހަކަތަކެވެ. ކިޔަވަން އުޅުނުއިރުގެ ހަނދާންތަކެވެ. އަނަމް ރޭ ހަތަރުދަމު ނުނިދާ ހުރުމުގެ ސަބަބުން އޭނާއަށް ނިދުނީއެވެ. ނަބާގެ ކޮޓަރީގައި ނަބާގެ އެނދުގައެވެ.
ނަބާ ކަޅި ޖަހާނުލާ އަނަމްއަށް ބަލަމުން ދިޔައެވެ. އަނަމްގެ އޯގާތެރިކަމާއި ރީތިކަން އޭނާއަށް ގަބޫލު ކުރެވެއެވެ. އަނަމް އޭނާއާއިއެކު އަބަދު އުޅެވޭނެ ނަމައޭ ހިތަށް އެރިއެވެ. ނަމަވެސް އޭނާއަކީ ކުށްވެރިއެއްކަން އެނގޭހިސާބުން އަނަމްވެސް އޭނާއާއި ވަކިވާނެއެވެ. ނަބާ މަޑުމަޑުން ތެދުގެންގޮސް ފާރުގައި ހުރި ފޮޓޯ ލޯގަނޑު ނަގާ އަލަމާރިއަށް ލިއެވެ. އެއީ ކޮންބައެއްކަން އެއްވެސް މީހަކަށް އަންގާކަށް ނަބާ ބޭނުމެއް ނުވިއެވެ. އަނަމް ހޭލަންވާއިރަށް ނަބާ ހުރީ މެންދުރުގެ ކެއުން ތައްޔާރުކޮށްފައެވެ. ކުރީމީ މެކްރޯނިޔާއި ގްރިލްޑް ޗިކަންއެވެ.
"ކީއްކުރަން މިހާވަރަށް ކެއްކީ." އަނަމް ޝަކުވާ ކުރީ ނަބާ ބަލިިވެ އުޅުނުއިރުވެސް ކެއްކީމައެވެ.
"ޑޮކްޓަރު ތިހުރީ ރެއިންސުރެ އެއްވެސް އެއްޗެއް ނުކައި. އެވެސް ނަބާގެ ހައްގުގައި." ނަބާ ހިނިތުންވެލިއެވެ.
"ނަބާއަށް މިހާ މީރުކޮށް ކައްކަންވެސް އެނގޭތަ؟" އަނަމް މިގޮތަށް ނުކާތާ ވަރަށް ދުވަސްވެފައި ހުރުމުން ވަރަށް އުފާވިއެވެ.
"އަނަމްއަަށް ނޭނގޭ ކިތަންމެ ކަމެއް އަދި އަހަރެންގެ ހުންނާނެ." ނަބާ ސީރިއަސް ސަމާސާއެއް ކޮށްލިއެވެ.
ނަބާ އަމިއްލަ ނަފުސަށް ހެޔޮކޮށް ހިތުމަށް ހިތްވަރުދީފައި ބޭސްކާންވީގޮތް ކިޔައިދީފައި އަނަމް ދިޔައެވެ. އޭނާގެ މަސައްކަތުގައި ވަރަށް ބުރަކޮށް އުޅުމަށްްފަހު އާދެވުނީ ރޭގަނޑު ވަރަށް ދަންވީފަހުންނެވެ. ނަބާގެ ޚަބަރެއް ބަލާލުމަށް އޭނާ ނަބާގެ ގެޔަށް ދާހިތްވިއެވެ. ނަމަވެސް ދާކަށް ނުކެރުނެވެ. އޭނާ ނަބާދެކެ ވަރަށް ލޯބިވެއެވެ. ނަމަވެސް ނަބާ އޭނާދެކެ ލޯބި ވާނެކަމެއް ނޭނ ގެއެވެ. ނަބާގެ ހިތްވަނީ މީހަކަށް ދެވިފައެވެ. އެ ލޯބީގެ ސަބަބުން ނަބާ ވަނީ ބަލިމީހަކަށް ވެފައެވެ. އެހެންކަމުން ނަބާގެ ހިތުގައި އޭނާއަށްޓަކައި ލޯތްބެއް އުފެދުމުގެ ޖާގައެއް ނެތްކަން އަނަމް ގަބޫލު ކުރެއެވެ.
ބުރާސްފަތި ދުވަހުގެރޭ ހދ. ކުޅުދުއްފުށިން ޑޮކްޓަރުންގެ ޓީމެއް ކަނޑިތީމަށް އައެވެ. އަނަމް އުޅުނީ އެމީހުންނާއި އެކުގައި ވަރަށް އަވަދިނެތިއެވެ. އެ ޓީމް ދެދުވަހެއް ވާންދެން އެރަށުގައި ތިބެން ހަމަޖެހިފައިވާތީ އެމީހުންގެ ހުރިހާކަމެއްގައި އިސްކޮށް އަނަމްއަށް އުޅެން ޖެހުނެވެ. ބުރާސްފަތި ދުވަހުގެ ރޭއާއިއެކު ހުކުރުދުވަހުގެ އިޝާ ވީއިރުވެސް އަނަމްއަކަށް ގެއަކަށް ނުދެވެއެވެ. އޭނާ ކިތަންމެ ބުރަކޮށް އުޅުނު ނަމަވެސް ނަބާގެ ޚިޔާލުތަކާއި ދުރެއް ނުވެވުނެވެ. އެ ރީތި ލޮލުގައިވާ އަސަރުތަކުން އަނަމްގެ ހިތްވަނީ ފަތަހަ ކޮށްފައެވެ.
ހަވީރުން ފެށިގެން މޫސުން ގޯސްވުމުގެ އަސަރުތައް ފާޅުވާން ފަށައިފިއެވެ. ބޯކުރަމުން ކަޅުކުރަމުން ދިޔަ ވިއްސާރަ ވިލާތައް ހީވަނީ ދެންމެ ދެންމެ އޮހިގެން ފާނެހެންނެވެ. ފެންވަރާލާ އަރާމުކޮށްލަން ދެ ގަޑިއެއްހާއިރު ބޭނުމޭ ބުނެފައި އަނަމް ގެއަށްދާން ހިނގައިގަތެވެ. ވާރޭ އޮއްސާލީ ކުއްލިއަކަށެވެ. ތެމިފޯވެގެން ހުރެގެން އޭނާ ނަބާގެ ގޭގެ ދޮރުގައި ޓަކިޖަހާލިއެވެ. އެހާގިނައިރު ނަބާގެ ޚަބަރެއް ނުބަލާ ގެއަށް ވަންނަން އޭނާގެ ޒަމީރު އެއްބަސް ނުވީއެވެ. ނަބާ ދޮރުހުޅުވާލިއިރު އަނަމް ހުރީ ތެމިފޯވެފައެވެ. އޭނާ ލައިގެން ހުރި ހުދުގަމީސް ވަނީ އެ ރީތި ހަށިގަނޑުގައި ތަތްލާފައެވެ. ބޮލުން ފައިބަމުންދާ ފެންތިކިތައް އެ ޒުވާން ރީތި މޫނުމަތީން ފައިބަމުން ދެއެވެ.
"ޑޮކްޓަރ. އަވަހަށް އެތެރެއަށް ވަދޭ." ނަބާ ހުރީ އަނަމްގެ ޚަބަރެއްނުވާތީ ދެރަވެފައެވެ. ކުއްލިއަކަށް އަނަމް ހީނުކުރާކަހަލަ ގަޑިއެއްގައި އައުމުން އޭނާ ވަރަށް އުފާވިއެވެ.
"އެތެރެއަށް ނުވަނަސް ރަނގަަޅުވާނެ. ނަބާގެ ހާލުބަލާލަން އައީ. އަސްލު މިއުޅެނީ ވަރަށް އަވަދިނެތި." ހަގީގަތުގައި ދޭތެރެއެއް ހާވާލާފައި އޭނާ އައީ ނަބާގެ ހާލުބަލާށެވެ.
"އިހަށް އެތެރެއަށް ވަދެބަލަ. ވާރޭގައި ހުރެގެން ޑޮކްޓަރު ބަލިވެއްޖެއްޔާ މާދެރައެއްނު." ނަބާ ވަރަށް ގާތްގޮތަކަށް ބުންޏެވެ. އަނަމް އެތެރެއަށް ވަނެވެ. އޭނާ އަނަމްއަށް ތުވާއްޔެއް ދިނުމަށްފަހު ފާޚާނާ ދެއްކިއެވެ. އަނަމް ތެތްބާލައިގެން ނިކުތްއިރު ނަބާހުރީ ކާން ހަދާފައެވެ.
(ނުނިމޭ)

ކިޔުންތެރިންގެ ޚިޔާލުތައް
ވާހަކައިގެ 2 ވަނަ ބައިވެސް އެހާ ރީތި، ނަބާގެ ނޭގޭ ކޮން ކަންތައްތަކެއބާ ހުރީ، ވަރަށް ޝައުގުވެރި. އިތުރު ބައިތަކެއް އަވަހަށް ގެނެސް ދެއްވާ.