ކީރިތި ޤުރްއާނާއި ސުންނަތުގެ އަލީގައި ވާހަކަ ދެއްކި އުޚްތު

އިމާމް އަބޫ ހާނިފާ (ރަޟިއަﷲ އަންޙު) ގެ ދަރިވަރެއް ކަމުގައިވާ ސައްޔިދުނާ ޢަބްދުﷲ އިބްން މުބާރަކް (ރަޟިއަﷲ އަންޙު) ވިދާޅުވިއެވެ.

"ޙައްޖުގެ މަތިވެރި އަޅުކަން އަދާ ކުރުމަށްފަހު، އެނބުރި ޤައުމަށް އައި އިރު ދިމާވި ކަމެކެވެ. އަހަންނަށް ފެނުނީ އެހެން މީހުންނާއި އެކަހެރި ވެގެން އިން އަންހެނެކެވެ. އެކަހެރިވެގެން އިނުމުގެ ސަބަބުން، އޭނާ އިނީ ގެއްލިފައިކަން އަހަންނަށް ވިސްނުނެވެ.

އެެހެންކަމުން އޭނާއާއި ވާހަކަ ދައްކާލަން އަހަރެން އޭނާގާތަށް ދިޔައީމެވެ. ސަލާމް ގޮވާލުމަށްފަހު އޭނާ ގާތު ބައެއް ސުވާލު އެހީމެވެ. އަހަރެން ކުރި ކޮންމެ ސުވާލަކަށް ވެސް އޭނާ ޖަވާބު ދިނީ ތަފާތު ގޮތަކަށެވެ. އެންމެ ފުރަތަމަ އޭނާއަށް ސަލާމް ގޮވާލުމުން، އެއަންހެން މީހާ ސަލާމް ބަލައިގަތުމަށްފަހު ޖަވާބުދިނީ ޔާސީން ސޫރަތުގެ އާޔަތަކުންނެވެ.

އޭނާއަށް ވީކީއްތޯ، އެތަނުގައި ކީއްކުރަނީ ތޯ އަހަރެން ސުވާލު ކުރީމެވެ. ޖަވާބުގައި އަންހެން މީހާ ބުނީ މަގުން ކައްސާލަން މާތް ﷲ އިރާދަކުރައްވައިފި މީހަކަށް، ހެޔޮ މަގު އެހެން އެއްވެސް ފަރާތަކަށް ނުދެއްކޭނެ ކަމަށެވެ. އޭނާ އެހެން ބުނުމުން، އެބުނަނީ މަގު ގެއްލުނު ވާހަކަކަން އަހަންނަށް އެނގުނެވެ.

އެހެންކަމުން އޭނާ ދަނީ ކޮންތާކަށްތޯ ދެން އަހަރެން ސުވާލު ކުރީމެވެ. އެސުވާލުގެ ޖަވާބުގައި އޭނާ ބުނީ އޭނާ ޙައްޖުގެ އަޅުކަން އަދާކޮށް ނިމިއްޖެ ކަމަށާއި އެވަގުތު އޭނާދަނީ ބައިތުލް މަޤްދިސް (މަސްޖިދުލް އަޤްޞާ) އަށް ކަމަށެވެ. އެތަނުގައި އޭނާގެ އަސްގާޑިޔާތައް ވާނެ ކަމަށް ބުނެ އަނެއްކާވެސް ކީރިތި ޤުރްއާނުގެ އާޔަތެއް އޭނާ ކިއެވެ. އެއާޔަތުގެ މާނައިގާ ބުނެފައިވަނީ 'ހަމަކަށަވަރުން އެކަލާނގެ އަޅެއް، ރޭގަނޑުގެ ވަގުތުގައި މަސްޖިދުލް ޙަރާމް އިން މަސްޖިދުލް އަޤްޞާ އަށް ގެންދާ މީހާއަށް ހެޔޮކަން ބޮޑުވެގެންވާ ހުއްޓެވެ.'

އޭނާ އެހެން ބުނުމުން އަހަރެން އެހީމެވެ. މިތަނުގައި ކަނބުލޭގެ ހުންނަތާ ކިހާ އިރެއް ވެއްޖެތޯއެވެ؟ ޖަވާބުގައި އޭނާ ބުނީ އޭނާ އެތަނުގައި ހުންނަތާ ތިން ރޭ ވެއްޖެ ކަމަށެވެ. އޭނާ އެހެން ބުނުމުން ދެން އަހަރެންގެ ސުވާލަކަށްވީ، އޭނާ ކައިގެން ބޮއެގެން އުޅުނީ ކިހިނެއްތޯ އެވެ. އޭގެ ޖަވާބުގައި އެއުޚްތު ބުނީ އޭނާއަށް ކާބޯތަކެތި ދެއްވާ ފަރާތަކީ މާތް ﷲ ސުބްޙާނަހޫ ވަތަޢާލާ ކަމަށެވެ.

އެހިސާބަށް އޭނާގެ ވާހަކަ އިވުމުން ދެން އަހަރެން އޭނާއާއި ކުރި ސުވާލަކީ، ނަމާދު ކުރަން އޭނާ ވުޟޫ ކުރީ ކިހިނެއްތޯ އެވެ. އޭގެ ޖަވާބުގައި އޭނާ ބުންޏެވެ. 'ފެން ނުލިބިއްޖެނަމަ، ވެލިން ތަޔައްމަމު ކުރެވޭނެކަމަށް އަންގަވާފައިވެއެވެ.'
އޭނާގެ ޖަވާބުތަކާއި މެދު އަހަރެން ހައިރާންވިއެވެ. އަހަރެން އަތުގައި ކާބޯތަކެތި ހުރި ކަމަށް ބުނެ، ކާއެއްޗެއް ބޭނުންތޯ އެއުޚްތު ގާތު ސުވާލު ކުރީމެވެ. ޖަވާބުގައި އޭނާ ކީރިތި ޤުރްއާނުގެ އާޔަތެއް ކިޔެވިއެވެ. އެއާޔަތުގެ މާނާގައިވަނީ، 'އިރުއޮއްސުމާއި ޖެހެންދެން ރޯދަ ފުރިހަމަ ކުރާށޭއެވެ.' އެހެން ބުނެފައި އޭނާ ބުނީ އޭނާ ހުރީ ރޯދައަށް ކަމަށެވެ.

އޭނާހުރީ ދާންވީ މަގު އޮޅި ގެއްލިފައި ކަމަށްވާތީ، އޭނާގެ މުދަލާއި މީހުން ހޯދާދޭން އަހަރެން މަސައްކަތް ކޮށްދޭނަން ކަމަށް ބުނީމެވެ. އަދި އަހަންނާއިއެކު ދާނަންތޯ އަހަރެން ސުވާލު ކުރީމެވެ. ޖަވާބުގައި އޭނާ ބުނީ ހެޔޮއަމަލެއް ކޮށްފިމީހާގެ އެޢަމަލެއް ﷲ ސުބްޙާބަހޫ ވަތައާލާ ދެނެވޮޑިގެންވާ ކަމަށާއި އެކަލާނގެއީ ހުރިހާ ކަމެއް ވެސް އެންމެ މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެ ކަމަށެވެ. އަދި ހެޔޮ ޢަމަލަކަށް ހެޔޮ ޢަމަލެއް ލިބޭނެ ކަމަށެވެ.

އެކަމާއި އޭނާ އުފާވިކަން އެގުމުން، އަހަރެން ދަތުރު ކުރަން އިން ޖަމަލަށް އޭނާ އަރުވަން، އެޖަމަލު ތިރިކުރީމެވެ. ޖަމަލަށް އަރަން ބުނުމުން އޭނާ ބުންޏެވެ. ނަޒަރު ތިރިކުރަން ފިރިހެނުންނަށް ހަނދުމަ ކޮށްދެމެވެ. ވަގުތުން އަހަރެން އިސްޖަހާ ނަޒަރު ތިރިކުރީމެވެ.

ޖަމަލަށް އަރަން އުޅުމުގެ ތެރޭގައި އޭނާގެ ހެދުމުން ބައެއް އަޅައިގަތެވެ. އެހިނދު އޭނާ ބުންޏެވެ. 'ހަމަކަށަވަރުން ކޮންމެ މުސީބާތެއް ވެސް ކުރިމަތިވާނީ އެމީހަކު ކުޅަ އަމަލެއްގެ ސަބަބުންނެވެ.' މިހެން ބުނެ އޭނާ އަމިއްލައަށް ހެދުން ނެއްޓުމުން އަހަރެން އެޖަމަލުގެ ވައުތައް ރަނގަޅަށް ބަނީމެވެ. އެއަށްފަހު އޭނާ އެޖަމަލަށް އެރުމުން އަހަރުމެންގެ ދަތުރު ފެށީމެވެ.

ވަކި ހިސާބަކަށް ދެވުމުން ޖަމަލު މާބާރަށް ދާން ފެށިއެވެ. އެހެންކަމުން އޭތި މައިތިރި ކުރަން ތަންކޮޅެއް އަޑުބާރުކޮށް އަހަންނަށް އެޖަމަލަށް ގޮވުނެވެ. އެއަޑު އިވުމުން އަންހެން މީހާ އަހަންނަށް ހަނދުމަކޮށްދިނީ މަޑުމައިތިރިވުމަކީ އިސްލާމް ދީނުގެ ރިވެތި ސިފައެއް ކަމެވެ. އޭނާ އެހެން ބުނުމުން، ޖަމަލު ދުއްވަން ކުރިއަށް އޭނާ އެރުވީމެވެ.

އަހަރުމެން ދާން އުޅުނު ހިސާބާއި ކައިރިވުމުން އަހަރެން އެހީމެވެ. 'ކަނބުލޭގެ އުޅެނީ ކައިވެންޏެއް ކޮށްގެން ހެއްޔެވެ؟' ޖަވާބުގައި އޭނާ ބުނީ ސޯލިޙު އަޅުން އެފަދަ ސުވާލު އެކަހެރިވެ ތިބެ އެހުން ރަނގަޅު ނޫން ކަމަށެވެ. އެހެންކަމުން އެކަމަށް އަހަރެން އޭނާގާތު މާފަށް އެދުމުން، އޭނާ ބުނީ އޭނާ އަހަރެން ކުށްވެރި ނުކުރާ ކަމަށާއި މާފަށް އެދެންވީ ހެއްދެވި ފަރާތް ޙަޟްރަތުން ކަމަށެވެ.

އޭނާ ބުނި ހިސާބާއި ކައިރިވުމުން، އެތަނުގައި އޭނާ ދަންނަ އެއްވެސް މީހަކު ހުރިތޯ އަހަރެން ސުވާލު ކުރީމެވެ. ޖަވާބުގައި އޭނާ ބުނީ އެތަނުގައި އޭނާގެ މުދަލާއި ދަރިިން ތިބިކަމަށެވެ. އެތަނުގައި އޭނާގެ ދަރިން ކީއްކުރަނީތޯ ސުވާލު ކުރުމުން އޭނާ ބުންޏެވެ. 'އެކުދިންނަކީ މިއަސްގާޑިޔާތަކަށް މަގު ދައްކާ ކުދިންނެވެ.'

އަންހެން މީހާގެ އަސްގާޑިޔަލާ ކައިރިވުމުން އޭނާގެ ދަރިންނަށް އޭނާ ގޮވިއެވެ. އޭނާގެ ތިބީ ތިން ފިރިހެން ދަރިންނެވެ. އެއީ މޫސާ، އިބްރާހިމް އަދި ޔަހްޔާ އެވެ. އެކުދިންގެ މަންމަގެ އަޑު އިވުމުން އެކުދިން ދުވެފައި އައީ ވަރަށް އުފަލުންނެވެ. އެވަގުތު އެއަންހެން މީހާ އޭނާގެ ދަރިއަކަށް ބުންޏެވެ. 'މަންމައާއިއެކު މިއިން މީހާއަށް ދޭނެ ޙަލާލް ކާއެއްޗެއް ގަތުމަށް ދާށެވެ. އޭނާ އަހަރުމެންނަށް ވަރަށް އެހީތެރިވެދީފިއެވެ.'

ކާއެއްޗެހި ގެނައުމުން އޭނާ ބުންޏެވެ. 'ސުބްޙާނަﷲ އެވެ. އަވަހަށް ކެއިން ބައްލަވާށެވެ. އަހަރުމެންނަށްޓަކައި ކޮށްދެެއްވި ހެޔޮ ކަންތަކަށްޓަކައެވެ.' އޭނާ އެހެން ބުނުމުން އަހަރެން ހަނދާންވީ، އޭގެ ކުރިން އޭނާ ބުނެފައިވާ ވާހަކައެކެވެ. 'ހެޔޮ ޢަމަލަކަށް ހެޔޮ ޢަމަލެކެވެ.'

އޭނާގެ ވާހަކަ ދެއްކުން ހުރި ގޮތުން އަހަރެން ވަރަށް ބޮޑަށް ހައިރާންވެ، އަހަންނަށް ވަރަށް ރަނގަޅު ފިލާވަޅުކަތެއް ވެސް ދަސްވިއެވެ. އޭނާ މުޅިންވެސް ވާހަކަ ދެއްކީ ކީރިތި ޤުރްއާނާއި ސުންނަތުގެ އަލީގައެވެ.
އެއަންހެން މީހާއަކީ ކާކުކަން ނުބުނަނީސް ނުކާނަންކަމަށް އަހަރެން އޭނާގެ ދަރިން ގާތު ބުނީމެވެ.

އެކުދިން ބުންޏެވެ. 'މިއީ އަހަރުމެންގެ މަންމަ އެވެ. ކީރިތި ޤުރްއާނުގައިވާ މާތް ﷲ ގެ ބަސްފުޅާއި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވި ހަމަތަކުގެ މަތިން ނޫނީ މަންމަ ވާހަކަ ނުދައްކާތާ މިހާރު 40 އަހަރު ވެއްޖެއެވެ.'

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *