ފަހަރި ހޯދަން ހެދި ސިހުރު އެނބުރިއައިސް ޅިޔަނަށް ޖެއްސުވި

އަޅުގަނޑުގެ އުމުރުން 24 އަރުގަ، ކައިވެންޏަށް 2 އަހަރުގައި ވަރަށް ބޮޑު ކަމެއް ކުރިމަތިވިއެވެ. އެއީ ބަނޑުކޮޅުން ދިލަ ނެގުމެވެ. ފެންވަރައި ހެދުން ބަދަލުކުރާ ކޮންމެ ފަހަރަކު ދިލަގަދަވެއެވެ. ބައެއް ފަހަރު ދިލަގަދަ ވެގެން ހޭނެތޭ ހިސާބަށް ވެސް ކަންކަން ދެއެވެ.

ޑޮކްޓަރަށް ދައްކައިގެން ޓެސްޓްތައް ހެދުނުވަރެއްވެސް ނޭނގެއެވެ. ކޮންމެ ފަހަރަކުވެސް ބުނަނީ އެއްވެސް މައްސަލައެއް ފާހަގަނުކުރެވޭ ކަމަށެވެ. ދިލަނަގާނަމަ ކެލަމިން ލޯޝަން ފަދަ ހަށިގަނޑަށް ފިނިކޮށްދޭ ލޯޝަން ފަދަ އެއްޗެއް ބޭނުންކުރުމަށެވެ. ދޭނެ ވަކި ބޭހެއް ނެތްކަމަށެވެ.

މިޙާލެއްގައި އަޅުގަނޑު އުޅޭތާ އަހަރަކަށްވުރެވެސް ގިނަދުވަސްވީފަހުން އެއް ރޭ އަޅުގަނޑު ސިޓިންގ ރޫމްގައި އެކަނި އިންދާ ޅިޔަނަކު އައިސް ގާތުގައި އިށީނދެފައި ބުންޏެވެ. "ފަހަރިއެވެ! އަހަރެންނަށް ވަރަށް ބޮޑަށް މާފުކުރާށެވެ! ފަހަރިގެ ގައިން ދިލަނަގާތީ އުޅެން ތިއަ ޖެހުނީ އަހަރެންގެ ސަބަބުންނެވެ. އަހަރެންނަށް ފަހަރި ދެކެ މާބޮޑަށް ލޯބިވެވުނީއެވެ. ވަރިކުރުވައިގެން ކައިވެނިކުރަން ބޭނުންވީއެވެ. އެއީ އެކަމަށް އެދިގެން މީހަކު ލައްވައި ހެދި ސިހުރަކުންވީކަމެކެވެ. މިހާރު އެކަން ބާޠިލުކުރުވައިފީމެވެ. މިކަން ސިއްރުކޮށްދިނުން ވަރަށް ބޮޑަށް އެދެމެވެ. ދެން ދުވަހަކުވެސް އެފަދަ ކަމެއް ނުކުރާނަމެވެ."

ދޭނެ ޖަވާބެއްވެސް ނޭނގިގެން ވިސްނަން އިނދެފައި ސުވާލުކުރީމެވެ. "މިހާރު އަހަރެން ދެކެ ލޯބި ނުވަނީހެއްޔެވެ؟" ޖަވާބުގައި ކިޔައިދިނެވެ.

"ނޫނެކެވެ. ވަރަށް ބޮޑަށް ލޯބިވެއެވެ. ނަމަވެސް އަހަރެންގެ ހިތްބިރުގަންނަން ފެށީއެވެ. ބައެއް ފަހަރު ތުރުތުރުވެސް އަޅަނީއެވެ. އެކަމާއިހުރެ މިހާރު އޮފީހުގައި މަސައްކަތްވެސް ނުކުރެވެއެވެ. ބައެއް ފަހަރު ލޯމައްޗަށް އަނދިރިވަނީއެވެ. ދިރިއުޅެން އުނދަގޫވާވަރުމުން ޙައްލެއް ފެނޭތޯ އެ ސިހުރުހަދައިދިން މީހާއާއި މަޝްވަރާކުރީމެވެ. އޭނާ ބުނީ ޙައްލަކީ ފަހަރިއަށް ހެދި ސިހުރު ބާޠިލުކުރުން ކަމަށެވެ. އެކަމަށް ވަރަށްބޮޑު އަގެއްވެސް ދައްކަން ޖެހުނެވެ. އެކަމާއިހުރެ ވަރަށް ބޮޑުއަދަދަކުން ދަރަނިވެރިވެސް ވެއްޖެއެވެ."

އަހަރެން އޭނާއަކަށް އެއްވެސް ޖަވާބެއް ނުދެމެވެ. ނަމަވެސް ފިރިމީހާއަށް އާދޭސްކޮށްގެން އަހަރެމެންގެ ޢާއިލީގެއަށް ދިރިއުޅުން ބަދަލުކުރީމެވެ. އަދި އެއިގެ ފަހުން ދުވަހަކުވެސް އެގެއަށްވެސް ނުވަންނަމެވެ.

އޭނާ އެބުނީ ތެދެއް ނަމަވެސް ދޮގެއް ނަމަވެސް އެއިގެފަހުން ދިލަނެގުން ހުއްޓުނެވެ. އެކަން ޔަޤީންކުރެވުމުން އެއީ ކުށަކަށްވީނަމަވެސް ފިރިމީހާއަށް އެވާހަކަ ކިޔައިދިނީމެވެ. އެއީ ފިރިމީހާގެގެއިން ނުކުންނަން ޖެހުނު ސަބަބާއި އެގެއަށް ނުވަންނަން ނިންމި ސަބަބު ފިރިމީހާއަށް ބުނެދިނުމަށްޓަކައެވެ.

ނޫހުގެ ކިޔުންތެރިންނަށް ބުނެލަން އޮތީ އަޅުގަނޑަށް ވެވުނު އިހްމާލުގެ ވާހަކައެވެ. އެއީ އެވަރުވެގެންދިއައިރުވެސް ރުޤްޔާ ކުރުމާއިމެދު ވިސްނައިނުލެވުނުކަމެވެ. ބުނެލަން ބޭނުންވަނީ ގޮތް ނޭނގޭ ކަމެއް ކުރިމަތިވެއްޖެނަމަ އަވަހަށް ރުޤްޔާކުރުމުގެ މުހިންމުކަމެވެ. އަޅުގަނޑަށްވެސް ރުޤްޔާ ކުރެވުނުނަމަ ސަލާމަތްވެވުނީސްކަމަށް ޤަބޫލުކުރެވޭތީއެވެ.

އަދި ސުވާލެއްކޮށްލާނަމެވެ! ލޯބިވެއްޖިއްޔާ އޮތީ ސިހުރުހެދުންހެއްޔެވެ؟ ސިހުރުހަދައިގެން އަނެެކާއަށް ކިތަންމެ ބޮޑު ވޭނެއް އެޅިނަމަވެސް އަސަރުނުކުރާ މީހަކު އިންސާނަކު ދެކެ ލޯބިވާނެކަމަށް ޤަބޫލުކުރަންވެދާނެ ހެއްޔެވެ؟

– މަރްޔަމް ސަޢީދާ

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *