މަންމަގެ އަގު ވަޒަންކުރެވުމުން ރޯން ޖެހޭ މީހަކަށް ނުވާށެވެ!

މަންމަ ތިބާއަށްޓަކައި އުފުލި ބުރަ ތިބާއަށް ވަޒަން ކުރެވޭނީ ތިބާއަށް މަންމައަކަށް ވެވުމުންނެވެ. މަންމަ ތިބާއަށް ކޮށްދިން ކަންކަން ތިބާގެ ދަރިންނަށް ކޮށްދޭން ތިބާއަށް ޖެހުމުންނެވެ!

މިހެން ބުނުމުން އެހެންކަމަށްވާނަމަ ފިރިހެން ދަރިންނަށް މައިމީހާކޮށްދިން ޚިދުމަތުގެ އަގު ވަޒަން ކުރެވޭނެ ދުވަހެއް ނުއަންނާނެތޯ ސުވާލުވެސް ކޮށްފާނެއެވެ. ޖަވާބަކީ ދަރިން ލިބޭ އަންހެނުންނަށް ވަޒަންކުރެވޭނެ ވަރަށް ފިރިހެނުންނަށް އިޙްޞާޞް ނުކުރެވޭނެ ކަމެވެ! ނަމަވެސް އެއިގެ މާނައަކީ އެއްވެސް ޙާލެއްގައި ފިރިހެން ދަރިއަކަށްވީތީ މައިންނަށް އިހްމާލުވުމެއް ނޫނެވެ. އަމަލީ ގޮތުން ތަޖުރިބާ ކުރަން ނުޖެހުނު ނަމަވެސް ބުއްދި ހިންގައި ފިކުރުކުރުމުން މައިންގެ ޚިދުމަތްތަކުގެ އަގު ވަޒަންކުރެވޭނެއެވެ!

އެހެނީ ދަރިންނަށް ކާންދިނުމާއި ފެންވަރުވައި ރީތިކުރުމާއި ނަޖިހުން ތާހިރުކުރުމާއި ރޭގަނޑުގެ ކޮންމެ ވަގުތެއްގައި ހޭލި ނަމަވެސް ނިދި ނަގާލާފައި ޚިދުމަތްކުރުމާއި ބަލިވެއްޖެ ނަމަ ގޮވައިގެން އުޅުމާއި މިކަންކަމަކީ ޢާންމު ގޮތެއްގައި ފިރިހެނުންނަށް ނުވަތަ ބައްޕައިންނަށް ތަޖުރިބާ ކުރަންޖެހޭ ކަންކަމެއް ނޫނެވެ! އެކަންކަން ތަޖުރިބާކުރަން ޖެހެނީ މަންމައަށެވެ.

ލިސްޓް ކިޔައިލަން ނުވަތަ ލިޔެލަން ވަރަށް ފަސޭހަވެދާނެއެވެ! ކަމުގެ ހުރި ބުރަކަން އެނގޭނީ ހަމަ ތަޖުރިބާކުރަން ޖެހުމުންނެވެ. ހިތާމައަކީ ދަރިން މައިންނަށް ނުވާއިރު، މިބުރަތައް އުފުލަން ނުޖެހޭއިއރު މައިން ކޮށްދިން ޚިދުމަތްތަކުގެ އަގު ވަޒަން ނުކުރެވޭކަމެވެ. މައިންނަށް ޝުކުރުވެރި ނުވެވޭ ކަމެވެ. ތަޖުރިބާތައް ކުރެވި މައިންގެ ޚިދުމަތުގެ އަގު ވަޒަންކުރެވިގެން ބަލައިލާއިރު މައިން ދުނިޔެ ދޫކޮށް ގޮސްފައިވަނީ މަދަކުން ނޫނެވެ!

އެ ޙާލަތުގައި ދެރަވެ ރުއިމުގެ އެއްވެސް ބޭނުމެއް ނެތެވެ! އެކަމުން މައިމީހާއަށް ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟ މަންމަގެ އަގު ވަޒަންކުރެވުމުން ރޯން ޖެހޭ މީހަކަށް ނުވާން މިބުނަނީ އެ ސަބަބަށްޓަކައެވެ.

– އިސްލާމީ ތިލަފަތުގެ ދަރުސަކުން  

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *