ގިނަ ފިރިން ބުނާ ގޮތުގައި، އެމީހުންނަށް އެންމެ އުނދަގޫ އެއް ކަމަކީ އަނބިމީހާ އުފަލުގައި ބެހެއްޓުމެވެ. އަނބިމީހާ އުފަލުގައި ބަހައްޓަން އެމީހުންގެ ނަޒަރުގައި ވަރަށް ގިނަ ކަންތައްވެސް ކުރެއެވެ. ނަމަވެސް ގިނަ ފަހަރަށް އެކަންތައްތައް ވަނީ ފެއިލް އެވެ.
އަނބިން އުފަލުގައި ހިތްހަމަ ޖައްސާފައި ބެހެއްޓުމަށް އަޅުގަނޑުމެންގެ މާތް ވެގެންވާ އިސްލާމްދީން ވެސް ބާރު އަޅާއިރު، އަނބިންނަކީ ކޮންމެ ފިރިއެއްގެ ދިރިއުޅުމުގައި ވެސް އެންމެ މުހިންމު އެއް މީހާ ކަމުގައިވާން ޖެހޭނެއެވެ.
އަނބިން އުފާކޮށް ދިނުމޭ ބުނުމުން ބައެއް މީހުން ދެކޭ ގޮތުގައި އެއީ އަނބިދަށުވުމެވެ. އަދި އެއީ ކުރަންވާނެ ކަމެއް ނޫނެވެ. ތެދެކެވެ. އަނބިދަށުވާކަށް ނުވާނެއެވެ. ނަމަވެސް އަނބިމީހާ އުފަލުގައި ބެހެއްޓުމާއި، އަނބިދަށުވުމަކީ ތަފާތު ދެކަމެކެވެ.
އަނބިދަށުވުމަކީ ތެދެއް ދޮގެއް ނުބަލާ އަނބިމީހާ ބުނާހާ އެއްޗެއް ޤަބޫލުކޮށް ބުނާހާ ކަމެއް ކޮށްދީގެން އުޅުމެވެ. އޭނާ ކުރާ ނުބައި ކަންތަކުގައިވެސް، އެއީ ނުބައި ކަމެއްކަން އެނގިހުރެވެސް، އެވަރު އޭނާއަށް ވިސްނާ ދިނުމުގެ ހިތްވަރެއް ނުބަހައްޓާ އޭނާ އާއި އެކަމާ އެއްބައިވުމެވެ.
އަނބިމީހާ އުފަލުގައި ބެހެއްޓިދާނެ އިސްލާމީ 8 ގޮތެއް ލިޔެލާނަމެވެ.
• އަނބިމީހާގެ މައްޗަށް ދީލަތިވެ އޯގާތެރިވޭ
އަނބިމީހާ އަށް ދީލަތިވުމޭ ބުނާ ބަހުގެ މާނައަކީ، އަނބިމީހާއަށް އޭނާ އުފާވާނެފަދަ އެއްޗެހި ހޯދައި ދިނުމެވެ. އަބަދާއި އަބަދު ހޯދައި ނުދެވުނަސް، މަދު މަދުން ވިޔަސް އަނބިމީހާ އަށް އެއްޗެއް ދިނުމަކީ ލޯބި އިތުރުވެ، އޭނާ ވަރަށް އުފާވާނެ ކަމެކެވެ. އަނބިންގެ އުފަލަށްޓަކައި އެއްޗެހި ހޯދާ ދިނުމަކީ މާތް ނަބިއްޔާ މުޙައްމަދު (ޞޢޥ) ވެސް ގެންގުޅުއްވި ރީތި އާދައެކެވެ.
• އަނބިމީހާ ދައްކާ ވާހަކަ އަޑުއެހުން
ފިރިންނަކީ ވެސް ދިރިއުޅުމުގައި ވަރަށް ބުރަކޮށް އުޅޭ ބައެކެވެ. އާމްދަނީ ހޯދުމަށްޓަކައި އެތަކެއް މަސައްކަތްތަކެއް ކުރުމަށްފަހު ގެއަށް ދިޔުމަށްފަހު ދެން އެންމެ އަވަހަށް ބޭނުންވާނީ އަރާމުކޮށްލާށެވެ. ނަމަވެސް، ހިތްވަރެއް ކޮށްފައި އޭގެން ކުޑަ ވަގުތުކޮޅެއް އަނބިމީހާ އާއި ވާހަކަ ދެއްކުމުގައިވެސް ހޭދަ ކޮށްލާށެވެ. އޭނާ ދައްކަން ހުރި ވާހަކަތަށް އަޑު އަހާ، ޙިޔާލެއް ދޭންވާކަން ކަމުގައި ޙިޔާލެއްވެސް ދޭށެވެ. މިއީ އަނބިމީހާ ވަރަށް އުފާވެ، ތިމާދެކެ އިންތިހާއަށް ލޯބިވެސް ވާނެ ކަމެކެވެ.
• އަނބިމީހާއަށް ރައްކާތެރިކަން ދޭނެކަން އިޙްސާސްކޮށްދީ
އަނބިމީހާ އަބަދުވެސް ރައްކާތެރިކޮށް ބަހައްޓާނެކަން އޭނާއަށް ޔަޤީންކޮށް ދިނުމަކީ ވެސް އަނބިމީހާ ވަރަށް އުފާވާނެ ކަމެކެވެ. އޭނާ ދެރަވެ ނުވަތަ ބިރުގަންނަ ކަންތައްތަކާއި މެދު ފުރަތަމަ އޭނާއާއި ވާހަކަ ދައްކާ، އެއަށްފަހު އޭނާ އެކަންކަމުން ރައްކާތެރިކޮށްދޭށެވެ.
• އޭނާ ގެ ފައިދާ ނުނަގާ
ފައިދާ ނުނަގާށޭ މިބުނާ ބަހުގެ މާނައަކީ، ހަމައެކަނި މަސައްކަތްތައް ކުރުމަށް އެކަނި އޭނާ ނުގެންގުޅޭށޭ އެވެ. ތިމާގެ އަނތްބަކަށް އޭނާ ވުމުގެ މާނައަކީ، ގޭގައި ގެންގުޅޭ މަސައްކަތު މީހަކަށް އޭނާ ހެދުމެއް ނޫނެވެ. އޭނާއަކީ ޙިއްސުތަކަކާއި އިޙުސާސުތަކެއް ދެއްވާފައިވާ އިންސާނެކެވެ. އެހެންކަމުން އަނބިމީހާއަށް އިޙްތިރާމް ކުރާށެވެ.
• ކުރެވޭ ކުދި ކުށްތައް ހަނދާން ނައްތާލާ ކޮށްދޭ ރަނގަޅު ކަންތައް ހަނދާންކޮށްލާ
"މިއަދު ކެއްކި ބަތުން ލޮނު ރަހައެއް ނުލާ! ކިހިނެއްތަ ތި ކައްކަނީ މިހަރު؟" މިފަދަ ބަސްތަށް ބުނުމުން އަނބިމީހާ ވަރަށް ބޮޑަށް ހިތުގައި ޖެހޭނެއެވެ. ބަތްތެލިން ލޮނުރަހަ މިއަދު ނުލިޔަސް، އޭނާ އެހާ ބުރަކޮށް އުޅެމުންވެސް ތިމާއަށް ކާންދޭން އެއްޗެހި ތައްޔާރު ކުރިކަން ހަނދާން ކުރާށެވެ. އަދި ކަމަކާއި އޭނާ ވިސްނާ ފިކުރު ކުރަނީތޯ އަހާ އޮޅުން ފިލުވާށެވެ. މިއީ ކުޑަ ކުޑަ މިސާލެކެވެ. މިފަދަ ވަރަށް ގިނަ ކުދިކުދި މައްސަލަތަށް ޖައްސާ ބޮޑު ޒުވާބެއް އުފެދި ބައެއް ފަހަރު ކައިވެނި ރޫޅެންވެސް ދިމާވެއެވެ. މިފަދަ ކަންތައްތައް ހަނދާން ނައްތާލާ، ނުވަތަ މާބޮޑު ކަމަކަށް ނުހަދާ އަނބިމީހާއަށް މާފު ދިނުން ބުއްދިވެރިއެވެ.
• އަނބިމީހާގެ މައްޗަށް ދުޢާ ކުރުން
ނަމާދު ކުރުމަށްފަހު ތިމާ ކުރާ ދުޢާގައި އަނބިމީހާ މަތިން ހަނދާންކޮށް، އަނބިމީހާއަށް ހެޔޮ ދުޢާ ކުރުމަކީ، ފިރިއަކަށް އަނތްބަކަށް ދެވޭނެ އެންމެ ބޮޑު ހަދިޔާއެވެ. އެންމެ ބޮޑު އުފާވެރިކަމެވެ.
• ގޭތެރޭގެ މަސައްކަތްތަކުގައި އަނބިމީހާއަށް އެހީތެރިވެދިނުން
ގޭތެރޭގެ ކަންކަން ކުރުމުގައި އަނބިމީހާއަށް އެހީތެރިވެ ދިނުމުގައި އަނބިދަށުވުމެއް ނޫނެވެ. ބައެއް މީހުންނަށް މިހެން ޙީވި ކަމުގައި ވިޔަސް، އަނބިމީހާއަށް ގޭތެރޭގެ ކަންކަމުގައި އެހީތެރިވެ ދިނުމަކީ ވަރަށް ރީތި އާދައެއްގެ އިތުރުން ދެމަފިރިންގެ ދެމެދު ލޯބި އިތުރުވާނެ ކަމެކެވެ. އަދި މީގެ އިތުރުން މިއީ މާތް ނަބިއްޔާ މުޙައްމަދު (ޞޢޥ) ގެ ސުންނަތުން ހިމެނިގެންވާ ކަމެކެވެ.
• އެހެން މީހުން ކުރިމަތީގައި އަނބިމީހާ އަށް ތަޢުރީފު ކުރަމާ
މިޒަމާނުގެ ގިނަ ފިރިހެނުންގެ ކިބާގައި އަށަގެންފައިވާ އާދައަކީ މީހުން ކުރިމަތީގައި އަނބިންނާއި ދިމާއަށް އެއްޗެހި ގޮވާ، ނުވަތަ ކޮންމެވެސް ކަހަލަ ބޭއަދަބީ ބަހެއް ބުނެ އަނބިމީހާ ލަދު ގަންނަވާލުމެވެ. ބައެއް ފަހަރު މަޖަލަކަށް ވެސް މިފަދައިން ކަންތައް ކުރެއެވެ. ނަމަވެސް، މިހެން ކަންތައް ނުކޮށް އެހެން މީހުން ކުރިމަތީގައި އަނބިމީހާ އަށް ތަޢުރީފު ކުރުން މާރަނގަޅު ވާނެއެވެ. އޭނާ ކޮށްދޭ ކަންތައްތަކާއި ނުވަތަ އޭނާއަށް ކުރެވުނު ރަނގަޅު ކަމެއްގެ ވާހަކަ ދައްކާ އެކަމާއިމެދު އުފާވެ ފަޚުރުވެރިވާ ވާހަކަ މީހުންގާތު ބުނުމުން، އަނބިމީހާ އިންތިހާއަށް އުފާވާނެއެވެ. އަދި ފިރިމީހާއަށް ވަރަށް އިޙްތިރާމްވެސް ކުރާނެއެވެ.
