ޙަޤީޤީ ޙާދިސާ: އަންހެންކޮއްކޮ ވިއްކައިލި ބޭބެއެއްގެ ނިމުން ވަރަށް ހިތި

އެ 3 ބެއިންގެ މައިންބަފައިން މަރުވިއިރު ފިރިހެންދަރިފުޅުގެ އުމުރަކީ 22 އަހަރެވެ. ހަގަށް ތިބީ 16 އަހަރުގެ އަންހެން ކުއްޖަކާއި 14 އަހަރުގެ އަންހެން ކުއްޖެކެވެ.

މައިންބަފައިން މަރުވެ ދެ ކޮއްކޮގެ ޒިންމާ ނަގަން ޖެހުނު ދުވަހު އޭނާ ޚިޔާރުކުރީ އެންމެ ނުބައި މަގެވެ. ޕާޓީކުރުމާއި މަޖާކުރުމެވެ. ނަތީޖާއަކަށްވީ ޢާއިލާއަށް ހައިހޫނުކަން ކުރިމަތިވުމެވެ. ދެބެން ކައިބޮއި އުޅުނީ އަވަށްޓެރިންގެ އެހީތެރިކަމާއިއެކުގައެވެ. އެވަރުންވެސް ފުދުނީއެއް ނޫނެވެ. މީހުން އަތުން ދަރަންޏަށް ފައިސާވެސް ނަގަނީ ވަކިވަރަކަށް ނޫނެވެ.

ދަރަނިވެރިވަމުން ގޮސް ސަލާމަތް ނުވެވޭ ހިސާބަށް ދިއުމުން މަހުޖަނަކަށް ދޮށީކޮއްކޮ ވިއްކައިލީ އޭނާއަށް އަންގައިވެސް ނުލައެވެ. އުމުރުން 18 އަހަރު ކިރިޔާ ފުރުނުތަނުންނެވެ. އެކަމަށް ދެކޮޅު ހެދުމުން ދެބެއިން ގެއިން ނެރެ ބޭރުކޮށްލީއެވެ. ދެބެއިން މަގުމަތިވެފައި ތިއްބައި އެކަން އެނގިގެން ގެންދިއައީ ދުރުތާ ތިމާގެ އަންހެނެކެވެ.

އެއީ ދަރިއަކު ނުލިބޭ ދެމަފިރިންނެވެ. އެދެމަފިރިން އަމިއްލަ ދަރިން ފަދައިން ދެބެއިން ގެންގުޅެ ބޮޑުކުރިއެވެ. ކިޔަވައިދިނެވެ. ދެބެއިންނަށް ރަނގަޅު ވަޒީފާއެއްވެސް ހޯދައިދިނެވެ. ދެބެއިންނަށް ރަނގަޅު ވަޒީފާއެއް ލިބުނުކަން އެނގުމާއިއެކު ބޭބެވެގެން ފައިސާ ހޯދަން އަންނަން ފަށައިފިއެވެ. ނަމަވެސް ދެބެއިން އޭނާއާއި ވާހަކަވެސް ނުދެއްކިއެވެ.

ދޮށީ ކުއްޖާ ކައިވެނިކުރީ ޤާނޫނީ ވަކީލަކާއެވެ. އެހިސާބުން ކޯޓަށް ގޮސް މައިންބަފައިންގެ ގޯތި ބަހައިފިއެވެ. 3 ބެއިންނަށް ވަކި ރަޖިސްޓްރީ ހަދައި ނިމުނުތަނުން ބޭބެގެބައި ވިއްކާލައިފިއެވެ. ބިންކޮޅު ވިއްކާލުމުންވެސް އޭނާގެ ދަރަނިތައް އަދައެއް ނުކުރެވުނެވެ. ފައިސާދިން މީހުން ކޯޓަށް ދިއުމުން ބަންދުކުރާނެ ތަނެއް ނެތިގެން ގެންދަންޖެހުނީ ޖަލަށެވެ. ދެބެއިންކުރެ ކުއްޖަކު އޭނާ ގެއަށް ވައްދަންވެސް އެހީތެރިވާންވެސް އެއްބަސްނުވީއެވެ. އެއީ އެދެބެއިންނާއިމެދު އޭނާ ޢަމަލުކުރި ގޮތުންނެވެ. އަދި އެފަދަ މީހަކު ގޭގައި ނުގެންގުޅެވޭނެތީއެވެ.

ޖަލަށް ގެންދިއަތާ މާގިނަ ދުވަސްތަކެއް ނުވެ ފެނުނީ މަރުވެފައި އޮއްވައެވެ.

މިއީ މީގެ އަހަރުތަކެއް ކުރިން ހަމަ މިމާލޭގައި ހިނގާފައިވާ ކަމެކެވެ. ނޫހުގެ ކިޔުންތެރިންނަށް މިވާހަކަ މިގެނެސްދިނީ މިފަދަ ކަންކަން މިހާރުވެސް ތަކުރާރުވަމުންދާތީއެވެ. މައިންބަފައިން މަރުވުމުން އަންހެންދަރިންނަށް މިފަދަ ނިކަމެތި ޙާލުޖައްސުވާތީއެވެ.

އަޅުގަނޑުގެ އަވަށްޓެރިންގެ ތެރޭގައި ހިނގައިދިއަ ހަމަ މިފަދަ ޙާދިސާއެއްގައި އެކުދިންގެ މަންމަގެ އެއްބަނޑު އަންހެނަކު ވަނީ އޭނާގެ ދައްތަ މަރުވިއިރު ތިބި ކުޑަކުޑަ 3 އަންހެންކުދިން އެމީހުންގެ ރަށަށް ގެންގޮސްފައެވެ. ގެއަށްވެރިވެ ގެ ކުއްޔަށްދީގެން ލިބޭ ހުރިހާ ފައިސާތަކެއް ބޭނުންކުރަނީ ދޮށީ ބޭބެއެވެ.

މިއަދު އެގޮތަށް ކަންތައް ކުރެވިދާނެއެވެ. ނަމަވެސް އެފަދަ ޔަތީމްކުދިންގެ ޙައްޤުތައް ކައިގެން ސަލާމަތް ނުވެވޭނެ ދުވަސް އޮތީ ކުރިއަށެވެ. ވީމާ ވިސްނައިލުން ރަނގަޅުވާނެއެވެ.

– ސަޢީދާ

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *