ހައްޖު މަހުގެ ފުރަތަމަ ދިހަ ދުވަސް

މާތް ﷲގެ ޙަޟުރަތުގައި އެންމެ ލޮބުވެތިކަން ބޮޑުވެގެންވާ މައްސަރުތަކަކީ ޙުރުމަތްތެރިވެގެންވާ މައްސަރުތަކެވެ. އެއީ ރަޖަބު މަހާއި، ޛުލްޤައިދާ މަހާއި، ޛުލްޙިއްޖާ މަހާއި އަދި މުޙައްރަމު މަހެވެ. އޭގެ ތެރެއިން ވެސް އެންމެ ލޮބުވެތިކަން ބޮޑުވެގެންވާ މައްސަރަކީ ޙައްޖު މަހެވެ. ޙައްޖު މަހުގެ ފުރަތަމަ ދިހަ ދުވަހަކީ އެ މަހުގެ އެންމެ މާތް ދުވަސްތަކެވެ. ދުނިޔެއަށް އަންނަ އެންމެ މާތް ދުވަސްތަކަކީ ޙައްޖު މަހުގެ ފުރަތަމަ ދިހަ ދުވަހެވެ. މި ކަން ބަޔާންކުރައްވައި މާތް ﷲ ވަޙީކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "ފަތިސް ގަންދެއްވަމެވެ. އަދި ދިހަ ރޭ ގަންދެއްވަމެވެ." عَبْدُ اللهِ بْنُ عَبَّاس رَضِيَ اللّٰهُ عَنْهُمَا  ވިދާޅުވެފައިވަނީ މި އާޔަތުގައިވާ ދިހަ ރޭގެ މުރާދަކީ ޙައްޖު މަހުގެ ފުރަތަމަ ދިހަ ރެއެވެ. މި ދިހަ ދުވަހުގެ މާތްކަން ބަޔާންކޮށްދެއްވައި ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރައްވައިފައި ވެއެވެ. (مَا مِنْ أَيَّامٍ أَفْضَلُ عِنْدَ اللهِ مِنْ أَيَّامِ عَشْرِ ذِي الْـحِجَّةِ)[2] މާނައީ: "ﷲގެ ހަޟުރަތުގައި، ޛުލްޙިއްޖާ މަހުގެ ފުރަތަމަ ދިހަ ދުވަހަށް ވުރެ މާތްކަން ބޮޑުވެގެންވާ އެހެން އެއްވެސް ދުވަސްތަކެއް ނުވެއެވެ."

މުސްލިމް އަޚުންނޭވެ! އަހަރެމެންގެ ކުރު މި ޙަޔާތުގައި، ހެއު ކަމުގެ މާތް މޫސުންތައް، ގިނަގުނަ ދަރުމަޔާއި ޘަވާބުލިބޭނޭ ގޮތަށް، ތަކުރާރުވާ ގޮތެއްގައި މާތް الله ލައްވައިފައިވުމީ، އެކަލާނގެ އޯގާވަންތަކަމާއި ރަޙުމަތްވަންތަކަމުގެ ބޮޑުކަން ހާމަވާ ކަމެކެވެ. ބަރަކާތްތެރި ރަމަޟާން މަހުގެ ހަނދާންތައް ފިލައިނުދަނީސް އަހަރެމެންނާ ކުރިމަތިވަމުން މި އަންނަނީ ދުނިޔެއަށް އަންނާނޭ އެންމެ މާތް ދުވަސްތަކެވެ. ހެއު ޢަމަލުކުރުމަށް މާތް ﷲ އެންމެ ލޯބިވެވޮޑިގެންވާ ދުވަސްތަކެވެ. ރަސޫލާ z ޙަދީޘްކުރައްވައިފައި ވެއެވެ. (مَا مِنْ أَيَّامِ نِالْعَمَلُ الصَّالِحُ فِيْهَا أَحَبُّ إِلَى اللّٰهِ مِنْ هَـٰذِهِ الْأَيَّامِ) يَعْنِيْ أَيَّامَ الْعَشْرِ، قَالُوْا: يَا رَسُوْلَ اللّٰهِ، وَلَا الْـجِهَادُ فِيْ سَبِيْلِ اللّٰهِ؟ قَالَ: (وَلَا الْـجِهَادُ فِيْ سَبِيْلِ اللّٰهِ، إِلَّا رَجُلٌ خَرَجَ بِنَفْسِهِ وَمَالِهِ، فَلَمْ يَرْجِعْ مِنْ ذَ ٰلِكَ بِشَيْءٍ)[3] މާނައީ: "މި ދިހަ ދުވަހަށްވުރެ، ﷲ ގެ ޙަޟްރަތުގައި ޞާލިޙު ޢަމަލު ކުރުމަށް ލޮބުވެތިކަން ބޮޑުވެގެންވާ ދުވަސްތަކެއް ނުވެއެވެ." އަޞްޙާބުބޭކަލުން ދެންނެވިއެވެ. ﷲގެ ރަސޫލާއެވެ! ﷲގެ މަގުގައި ޖިހާދުކުރުމަށް ވުރެ ވެސް ބޮޑަށްތޯއެވެ؟ އިތުރު އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. "މާތް ﷲގެ މަގުގައި ޖިހާދުކުރުމަށް ވުރެ ވެސް މެއެވެ. ޖިހާދުކުރުމަށް ޓަކައި އޭނާގެ ނަފުސާއި މުދާ ހިފައިގެން ނުކުމެ، އެއިން އެއްވެސް އެއްޗަކާއިގެން އެނބުރި ނައި މީހާ ފިޔަވައެވެ."

މި ދުވަސްތަކަކީ ދުނިޔެއަށް އަންނަ އެންމެ ހެޔޮ ދުވަސްތަކަށް ވުމުގެ ސަބަބެއް ކަމުގައި ޢިލްމުވެރީން ބަޔާންކުރައްވަނީ، އެންމެ މަތިވެރި ހެއު ޢަމަލުތައް މި ދުވަސްތަކުގައި ޖަމާވާތީއެވެ. ނަމާދާއި ރޯދައާއި ޞަދަޤާތާއި ޙައްޖުގެ މަތިވެރި އަޅުކަން ޖަމާވާތީއެވެ. އެހެންކަމުން މި ދުވަސްތަކުގެ ބޭނުން ހެއު ގޮތުގައި ހިފުމަށްޓަކައި ހެއު ޢަމަލުކުރުމަށް އަވަސްވާށެވެ!

އެންމެ ފުރަތަމަ ކަމަކަށް ތެދުވެރި އިޚުލާޞްތެރި ތައުބާއަކުން ތައުބާވެ މި ދުވަސްތައް ފަށާށެވެ! ތައުބާވާ އަޅުންދެކެ މާތް ﷲ ލޯބިވެ ވޮޑިގަންނަވައެވެ. އަދި ތައުބާވުމަކީ އެންމެ ގިނައިން ކީރިތި ޤުރްއާނުގައި ގޮވައިލައްވައިފައިވާ އެއް ކަންތަކެވެ. މާތް ﷲ ވަޙީކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "އޭ މުއުމިނުންނޭވެ! ތިޔަބައިމީހުން އެންމެން ﷲއަށް ތައުބާވާށެވެ! (އެއީ) ތިޔަބައިމީހުން ދިންނަވައި ނަޞީބުލިބުމަށް ޓަކައެވެ." މި ދުވަސްތަކުގައި ކުރެވޭން އޮތް އެންމެ ހެޔޮ ޢަމަލުތަކުގެ ތެރޭގައި ރޯދަހިފުން ހިމެނެއެވެ. ޚާއްޞަކޮށް ޙައްޖު މަހުގެ ނުވަވަނަ ދުވަހުގެ ރޯދައިގެ ދަރުމައާއި ޘަވާބު މަތިވެރިވެގެން ވެއެވެ. ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ޙަދީޘްބަސްފުޅުގައި ވަނީ އެ ދުވަހުގެ ރޯދައަކީ ވޭތުވެދިޔަ އަހަރާއި އަންނާން އޮތް އަހަރުގެ ފާފަތައް ފުއްސަވާނޭ ރޯދައެއް ކަމުގައެވެ.


 

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *