(5 އެޕްރީލް 2022 ނޫހާއިގުޅޭ)
12. އުފާވެރިކަން ލައްވާފައިވެއެވެ. އެކަމަކު އެފެންނަނީ ކާކަށް ހެއްޔެވެ؟
އުފާވެރިކަން ހޯދަން މަސައްކަތް ނުކުރާ އެއްވެސްމީހަކަށް އެ އުފާވެރިކަމެއް ލިބުމެއްނެތެވެ. އެކަމަކު އެމީހަކު އެހޯދަން މަސައްކަތް ކުރަންވާނީ އޭގެ އެންމެ ރަނގަޅު ގޮތުގައެވެ. އޭގައި އިޚުލާޞްތެރިކަމާއި، ހިތްވަރާއި، ބުރަ މަސައްކަތްކުރުން އޮންނަން ޖެހެއެވެ. އެހެން މީހުންނާމެދު ލޯބިވުމާއި ގުޅިގެން މަސައްކަތްކުރުމާއި އަމިއްލައެދުން ކުޑަކުރަން ޖެހެއެވެ. އެކަމުގައި އެމީހަކު އެކުރަނީ ރަނގަޅުކަމެއްތޯ ނުވަތަ ރަނގަޅު ނޫންކަމެއްތޯ އެނގެން ޖެހެއެވެ. އުފާވެރިކަމަކީ ހީއެއްނޫނެވެ. އެއީ ހަގީގަތުގައިވެސް ވާއެއްޗެކެވެ. ވަރަށް ގިނަމީހުން ހޯދާފައިވާ އެއްޗެކެވެ. އަހަރެމެންނަށް އެ ލިބެނީ ދަސްކޮށްގެން، ތަޖުރިބާކޮށްގެން އަދި ދިރިއުޅުމުގައި ދިމާވި ކަންކަމުންނެވެ. އަހަރެމެން ކެތްތެރިވެއްޖެނަމަ އަހަރެމެން އެހޯދާނެގޮތާއި ދަސްކުރާނެގޮތް އެނގޭނެއެވެ. އަހަރެމެންނަށް ޖިސްމާނީގޮތުންނާއި ނަފުސާނީގޮތުން ލިބެމުންދާ ބަލިތަކަށް ޢިލްމުން ފަރުވާ ކުރެވިދާނެއެވެ. އަހަރެމެން އަމިއްލަ މިޒާޖު ކޮންޓުރޯލު ކުރުމުގެ ބާރުން ކިތަންމެ ކަމެއް ރަނގަޅު ކުރެވިދާނެއެވެ. އެއީ ކެތްތެރިކަމާއި ﷲއަށް ބަރޯސާވުމުންނެވެ. އެކަލާނގެ ދެއްވި ނިޢުމަތްތަކަށް ޝުކުރު ނުކުރެވުމާއި އެކަލާނގެ ދެއްވި ހެޔޮގޮތްތައް ބަލައި ނުގަތުމުން އަދި ކިޔަމަންނުވުމުން އިހުސާސް ވެގެން ދާނީ ކޮންމެވެސް ކަމެއް އަހަރެމެންގެ ދިރިއުޅުމުގައި މަދުވާކަމެވެ.
13. ވަގުތުތައް ބަހާލައިގެން ތަރުތީބުން އުޅެން އާދަކޮށްފިނަމަ ބޭނުންވާ ހުރިހާކަމެއްވެސް ކުރެވޭނެއެވެ.
ރަނގަޅު ފޮތްތައް ކިޔަން އާދަކުރާށެވެ. ރަނގަޅު ނަސޭހަތްދޭ ވީޑިއޯތައް ބަލާށެވެ. އެގޮތުން ދީނީ ނަސޭހަތާއި ސިއްޙަތާއި ބެހޭ މަޢުލޫމާތާއި ކެއްކުމާއި ބެހޭ ޕްރޮގްރާމާއި ގޭގައި ގަސްއިންދާނެ ގޮތުގެ މަޢުލޫމާތު ބެލިދާނެއެވެ. ރީތިކޮށް ޤުރުއާން ކިޔަވާ އަޑުއަހާށެވެ. އެންމެ އާޔަތަކުންވެސް ތިމާގެ ހިތުގެ އެންމެ ފުންމިނަށް ދަތުރު ކުރާނެއެވެ. އެންމެ އާޔަތަކުންވެސް މީހާގެ މުޅި ވިސްނުން ބަދަލު ކޮށްލަފާނެއެވެ. އަލިކަމާއި ޝައްކު ފިލުވައިލުމާއި އުޅެންވީ ރަނގަޅުގޮތް އެއިން ބުނެދޭނެއެވެ. ރަސޫލާގެ ހަދީސް ފޮތްތައް ކިޔާށެވެ. ދިރިއުޅުމުގައި ކުރެވިފައިވާ ކުށްތަކާއި އުނދަގޫ މައްސަލަތަކަށް ހައްލުހޯދައިދީ ހަމަމަގަށް އަޅުވަން އެ އެހީތެރިވާނެއެވެ. ތިބާއަށް މިހާރު ތަޙައްމަލު ކުރެވެމުންދާ ބަލީގެ ފަރުވާ ވަނީ ޤުރުއާނާއި ސުންނަތުގައެވެ. ތިބާގެ ހިތްހަމަ ޖެހުމަކީ ތިބާގެ އީމާންތެރިކަމުގެ ސާބިތުކަމެވެ. ތިބާގެ އުފަލަކީ ނަމާދުން ލިބޭ ފަރުވާއެވެ. ތިބާގެ ސިކުނޑީގެ ހަމަޖެހުމަކީ އެކަލާނގެއަށް ކުރަމުންދާ ޒިކުރުތަކާއި ދުޢާއެވެ. ފަތިސް ނަމާދަށް ތެދުވެގެން ޤުރުއާންގެ ބައެއް ކިޔައިލާށެވެ. ކަސްރަތު ކޮށްލައި ހެދުމުން ހަށިގަނޑަށް އެތައް ލުޔެއް ލިބޭނެއެވެ. ގޭތެރޭގެ މަސައްކަތްތައް ތަރުތީބުކަމާއި ސާފުތާހިރު ކަމާއެކު ނިންމާށެވެ. ގޯތިތެރޭގައި ގަސްއިންދާ ހައްދާށެވެ. އަވައްޓެރިންނާއި ތިމާގެ މީހުންގެ ހާލުބަލާށެވެ. ކުދިންގެ ކިޔެވުމުގެ ކަންތަކުގައި ހަރަކާތްތެރިވާށެވެ. ގޭގައި އިނދެގެން އާމްދަނީ ލިބޭނެ ކަމެއް ކުރާށެވެ. އަމިއްލަ ނަފްސު ތަރައްޤީ ކުރެވިދާނެ މަޢުލޫމާތު ލިބޭ ފޮތްތަކާއި ވީޑިއޯބަލާށެވެ. ކޮންމެ ކަމަކަށް ވަގުތެއް ކަނޑައަޅައިގެން ކުރިއަށް ގެންދާށެވެ. އޭރުން ތިބާ ހަލާކުކުރާ މޭސްތިރިކަމަށްވާ ހުސްވަގުތެއް ނޯންނާނެއެވެ. ބޭކާރު ވާހަކަތައް ދެއްކުމާއި ޝައިޠާނާގެ ވަސްވާސްތަކުން ދުރުވެވޭނެއެވެ.
(ނުނިމޭ)
