ޒީލަން (6)

(6 އެޕްރީލް 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ޝައީމު އެފަށް ނަގައި އޭނާގެ އަތުން ޒީލަންގެ ކަރުގައި އަޅުވަން ބޭނުންވިއެވެ. ޒީލަންގެ ވިހުރުވާލާފައިވާ ބުޅި އިސްތަށިގަނޑު އެއްފަރާތް ކޮށްލުމަށްފަހު އެފަށް ޒީލަންގެ ކަރުގައި އެޅުވިއެވެ. އެވަގުތު ޒީލަންގެ ގައިން ދުވި މީރުވަހުން އޭނާއަށް އާދަޔާ ޚިލާފު އަސަރުތަކެއް ކުރިއެވެ. އެރީތި ކަނދުރާގައި ފިރުމާލާ ހިތްވިއެވެ. އެންމެފަހުން އޭނާ ޒީލަންގެ ކަނދުރާގައި ކިސްކޮށްލިއެވެ. އެއްގޮތަކަށްވެސް ނުވިސްނާ ހުރި ޒީލަންއަށް ލިބުނީ ކުއްލި ސިހުމެކެވެ. ހަމައެދަނޑިވަޅުގައި ފަހަތަށް ޖެހިލެވުނެވެ.

”ނޫން ޒީލަން. ދުރަށްނުދޭ. ޒީލަންއަށްޓަކައި ކޮންމެފަދަ ކަމެއްވެސް އަހަރެން ކޮށްފާނަން. ތިޔަރީތި ހަށިގަނޑާއި ދުރުގައި ހުރެވޭނީ ކޮންފަދައަކުން. ޒީލަން އާދޭ. އަހަރެން ވަރަށް ލޯބިވޭ.” އޭނާ ޒީލަން ގެ އުނަގަނޑުގައި ހިފާ ކައިރިކޮށްލިއެވެ. އޭނާ ހީވަނީ މޮޔައެއް ހެންނެވެ. އޭނާ ވަނީ ޒީލަންގެ ހަށިގަނޑުން އަރާމު ހޯދުމަށްޓަކައި ކެތްމަދުވެފައެވެ.

”އޯ ޒީލަން. ތިއީކޮންފަދަރީތިކަމެއް. އަހަރެންނާއި ގާތަށް ޖެހިލަބަލަ. ތިރީތި ދެއަތުން އަހަރެންގެ ގައިގާ ހިފަހައްޓާލަބަލަ”.

އޭނާވަނީ ގަދައަށް ޒީލަންގެގައިގާ ހިފަހައްޓާފައެވެ.

ޒީލަން އަދި ދުވަހަކުވެސް މިފަދަ ބިރުވެރިކަމެއް ނުދެކެއެވެ. މިފަދަ އިހުސާސެއް ކުރެވުނު މީ ފުރަތަމަ ފަހަރެވެ. އޭނާއަށް ޝައީމު ފެންނަނީ އޭނާގެ ހަށިގަނޑުން އުފާ ހޯދުމަށްޓަކައި ކަރުކިއްކައިގެންފައިވާ މޮޔައެއް ހެންނެވެ. ބިރުވެރިކަމާއި ހާސްކަންވަނީ ވަށާލާފައެވެ. މިނާމާންކަމާއި ބިރުވެރިކަމުން އޭނާގެ ހަށިގަނޑު ރޫރޫ އަޅަމުންދެއެވެ. މުޅިމީހާ ދާހިއްލާ ފޯވެއްޖެއެވެ. ފިރިހެނުންގެ މިފަދަޢަމަލަކީ އަންހެނުންގެ އެންމެ މާތް އަގުބޮޑު ޖަވާހިރު ފޭރޭ ޢަމަލުކަން އެންމެ ކުޑަދުވަހުން ފަށައިގެންވެސް މަންމަ އޮތީ ވިސްނައިދީފައެވެ. އެހެންކަމުން ކޮންމެފަދަ މަސައްކަތެއް ކޮށްގެންވިޔަސް އޭނާ މިހަޑިމުޑުދާރު ޢަމަލުން ސަލާމަތްވުމަށް މަސައްކަތް ކުރާނެއެވެ!

”ޝައީމު ދޫކުރޭ. އަހަރެންނަށް ލަސްވޭ. އޭނާ ފޮޅުވާލެވޭތޯ ގަދަހަދަމުންދިޔައެވެ. ނަމަވެސް ޝައީމުގެ ކަނާއަތުން އެއަށްވުރެ ބާރަށް ހިފާ ކުރިއަށް ވުރެންވެސް ބޮޑަށް ގަޔާ ކައިރިކުރިއެވެ.

”ޒީލަން ދުރަށްނުދޭ. ބިރުނުގަނޭ. އަހަރެން ޒީލަންދެކެވަރަށް ލޯބިވޭ.” އޭނާ ގަދަކަމުން ޒީލަންގެ ތުންފަތަށް ދޮނެއްްދިނެވެ. އަދި ލާފައިހުރިހެދުމުގެ ފުރަގަހުގައި ހުރި ޒިބު ދަމާލިއެވެ.

ޒީލަންހުރީ އޭނާގެ އަތުގައި ހައްޔަރުވެފައެވެ. ޒީލަންއަށް ލިބިފައިވާ ހާސްކަމުގެ އިތުރަށް އައިސްފައިވާ ރުޅިކޮންޓުރޯލުން ނެއްޓިއެވެ. ކުއްލިއަކަށް ދެއަތަށްގެނައި ހަރަކާތަކާއެކު ދެއަތުން ގައިގެ ހުރިބާރަކާއެކު ޝައީމު ކޮށްޕާލިއެވެ. އަދި ދުވެފައި ނިކުންނަން އުޅެނިކަށް ދޮރުގައިޖެހި ނިތްކުރި ފަޅައިގެން ހިނގައްޖެއެވެ. އޭނާ ދުވެފައި އެއަނދިރި ގޯޅިގަނޑުގައިހުރި ސިމެންތި ބަސްތާތަކެއްގެ ނިވަލުގައި ފިލާހުއްޓެވެ. އޭނާވަނީ ހާސްވެ ކަންބޮޑުވެފައެވެ. މީގެ ކުޑައިރުކޮޅެއްކުރިން ނުހަނު ލޯބިން އުޅުނު އޭނާގެ ލޯބިވެރިޔާ މިހާ ނިކަމެތިގޮތެއް އޭނާއާއި މެދު ހަދާނެކަމުގެ އެއްވެސް ޝައްކެއް ނުކުރެއެވެ. ނަމަވެސް އޭނާ އަކީ ފޭރޭމީހެކެވެ.

”ޒީލަން ޒީލަން.” ޝައީމު ގޮވަމުން ނިކުތެވެ. ގޭޓުން ބޭރަށްނިކުމެވެސް ޒީލަންއަށް ގޮވާއަޑުއިވެއެވެ. ޒީލަން އަޑެއްވެސް ލައްވާނުލާ ފިލާއޮތެވެ. އެންމެފަހުން އިރުގަޑަކަށްފަހު ޝައީމު އެތެރެއަށްވަނެވެ. ޒީލަން މަޑުމަޑުން ނިކުމެ ޓެކްސީއެއް ލިބޭތޯހުއްޓެވެ. ނިތްކުރިން ލޭއަންނަކަމުގެ އިހުސާސެއް އޭނާގެ ނުވެއެވެ. އެއަށްވުރެ ބޮޑަށް އޭނާވަނީ ހާސްވެ ބިރުގެންފައެވެ. ގެއަށްދާންބޭނުންވެފައެވެ. މުޅިމަގުމަތިއޮތީ ހިމޭންވެފައެވެ. ދުވާލުގަޑީގައި އެކާރޫބާރޫ ބޮޑުމަގު މިހާރުވަނީ އެއްކޮށް ފަޅުވެފައެވެ. ޒީލަން ޓެކްސީއެއްލިބޭތޯ ކުރިމަސައްކަތް ވަރަށްއަވަހަށް ކާމިޔާބު ވެއްޖެއެވެ.

ފަޒީން ސިޓިންރޫމުގައި އިންނެވީ ޒީލަންގެ އިންތިޒާރުގައެވެ. އެވީޑިއޯ ކޮންމެހެންވެސް ޒީލަންއަށް ދެއްކުމަށް ޓަކައެވެ. އެހެންނޫނީ ޒީލަންއަށް ފަހުން މާބޮޑު ހިތާމައެއް ކުރަން ޖެހިދާނެއެވެ. ފަޒީން އިންނެވީ މާލޭ ޓީވީން ބާރައިގެ ޚަބަރަށްފަހު ދައްކަމުންގެންދާ މަޖިލިސް މިއަދު ބައްލަވާށެވެ. ނަމަވެސް ކެތްތެރިކަމެއްނެތި އިންތިޒާރު ކުރެވެނީ ޒީލަންއަށެވެ. އަނެއްކާ ޝައީމު ޒީލަންއާ މެދު ޝަހުމާއާއިއެކު ހިންގިފަދަ އަމަލެއް ނުހިންގާނެބާވައެވެ! ނޫނެކެވެ. ޒީލަންއަކީ އެއަށްވުރެ އަބުރުވެރި ކުއްޖެކެވެ. ކުއްލިއަކަށް ސިޓިންރޫމްގެ ދޮރު ހުޅުވުނުއަޑަށް ފަޒީނަށް އެދިމާއަށް ބަލާލެވުނެވެ. ގެއިންނިކުމެގެން ދިޔައިރުހުރި އެރީތިކުއްޖާވަނީ ޚަރާބުވެފައެވެ. ލާފައިހުރި ހެދުމުގައި ސިމެންތި ތަތްލާފައިވާއިރު ނިތްކުރިން އައިސްފައިހުރި ލޭތައްވަނީ ވަކިހިސާބަކަށް އައިސް ހިކިފައެވެ. އަތުގައި އަޅާފައިއޮތް ކެވެލިކޮޅު ހަލާކުވެ ކޮންމެވެސް ވަރަކަށް ލޭއުނގުޅިފައި ހުއްޓެވެ. އެރީތި އިސްތަށިގަނޑުގެ ތަރުތީބު ގެއްލި މޫނުމަތީގައި ވަނީ ބިރުވެރިކަމާއި ހާސްކަމެވެ.

މިފަދަ ނިކަމެތި ގޮތެއްގައި ޒީލަން ހުއްޓާ ފެނިލެއްވުމުން ބޭއިޚްތިޔާރުގައި އޭނާގެގާތަށް ފަޒީނަށް ދުރުވެވުނެވެ. ޒީލަންވެސް ވަނީ  ހިތާމަޔާ ކަންބޮޑުވުމުން ހަދާނެގޮތް ހުސްވެފައެވެ. ކޮންމެވެސް އިހުސާންތެރި ފަރާތެއްގެ އޯގާތެރިކަން ނިހާޔަތަށް ބޭނުންވެފައެވެ. އޭނާ ދުވެފައިއައިސް ފަޒީނުގެ ވަރަށް ގާތުގައި ހުއްޓުނެވެ.

ފަޒީނުގެ ވިސްނުންތޫނު ސިކުނޑިއަށް ޒީލަންއަށްވެފައިހުރިގޮތް ވިސްނޭކަށް ގިނައިރެއް ނުނެންގެވިއެވެ. ޒީލަންދިޔައީ ޝައީމުއާއި އެކުގައިކަމަށްވުމުން ދެންވެދާނެ ހުރިހާގޮތެއްވެސް ރަނގަޅަށް ސާފުވެއްޖެއެވެ. ޒީލަންއަށްވަނީ ވަރަށް ފުންއަސަރު ތަކެއް ކޮށްފައެވެ. އޭނާގެ ދެފައި ތުރުތުރު އަޅަނީއެވެ. ހާސްވެފައިވުމުގެ ސަބަބުން ބޮލަށް ގޮތެއްވަނީއެވެ. މަޑުމަޑުން އަނދިރިވެ ވެއްޓެން އުޅޭގޮތް ވެއްޖެއެވެ. ފަޒީން ޒީލަންގެ ގައިގާ ހިފެހެއްޓެވިއެވެ. އޭނާގެ މުޅިހަށިގަނޑު ވަނީ ފިނިވެފައެވެ. ހަށިގަނޑުގައި މަޑުތުރުތުރެއް ހުއްޓެވެ. ދެލޯވަނީކަރުނައިން ތެމިފައެވެ. މިނިކަމެތި މައުސޫމު ކުއްޖާއާއި މެދު ފަޒީން ހިތުގައި ޖެހުނެވެ. ބޭއިޚްތިޔާރުގައި ހަޅޭއްލަވައިގަނެވުނެވެ.

”ޒީލަން ކިހިނެއްވަނީ! ވީގޮތެއް އަވަހަށް ބުނެބަލަ. މިހިރީކޮންލެއެއް.” އޭނާ ވަނީ ވަރަށް ކަންބޮޑުވެފައެވެ. ގޭގައި އެއްވެސް މީހެއްނެތެވެ. ޒީލަންއަށް ގޮތެއްވެއްޖެނަމަ ހަދާނެ ގޮތެއްވެސް ނޭނގެއެވެ.

”މާތްރަސްކަލާނގެއަށްޓަކައި ވީގޮތެއް ބުނެބަލަ.”  އޭނާ ވާހަކަދެއްކެވިއެވެ.

މަޑުމަޑުން ޒީލަންގެވާގި ދޫވެއްޖެއެވެ. އޭނާ އަނބުރައިގަތީއެވެ. އޭނާ މިހާރު އެއޮތީ ފަޒީނުގެ އަތްދަނޑިމަތީގައެވެ. ފަޒީންވެސް ކަންބޮޑުވެފައިހުރިވަރުން ހަދާނެގޮތެއް ނުވިސްނުނެވެ. އަވަސްއަވަހަށް މައްޗަށް ދުރުވެ ޒީލަންގެ ކޮޓަރީގައި ބޭއްވިއެވެ. އަވަސްއަވަހަށް މޫނަށް ފެންޖަހާ ހޭއެރުވޭތޯ މަސައްކަތް ކުރެއްވިއެވެ. ނަމަވެސް ޒީލަންެ ހެއެއް ނޭރިއެވެ. ފަޒީން އަވަސްއަވަހަށް ފަހީމާއާ ގުޅިއެވެ.

”ފަހީމައްތަ؟ މިއުޅެނީ ޒީލަންގެ ހާލު ވަރަށް ގޯސްވެގެން. ވަރަށް އަވަހަށް މިކޮޅަށް އައިސްބަލަ.” ފަޒީން އަވަސްއަވަހަށް ޒީލަންގެ މޫނުގައި ހުރިލޭތައް ސާފުކޮށްލެއްވިއެވެ. އަދި ޒަޚަމުވެފައި ހުރި ތަނުގައި ބޭސް އެޅުއްވިއެވެ. ފައިއެއްކޮށް ހާމައަށްހުރި ޒީލަންގެ ހަށިގަޑު ފޮރުވުމަށްޓަކައި މަތިން ބެޑުޝީޓެއް އެޅުއްވުމަށްފަހު ބޭރަށް ނުކުންނެވިއެވެ.

ފަހީމައްތަ އާދޭތޯ އިރުކޮޅަކާ ބޭރު ބައްލަވާލައްވައެވެ. އޭނާވަނީ ޒީލަން ހޭނޭރުމުގެ ސަބަބުން ވަރަށް ކަންބޮޑުވެފައެވެ. އަނެއްކާ އަންހެންކުއްޖަކު ކޮޓަރީގައި ބާއްވާފައި އޭނާގާތުގައި ހުރުމަކީ އޭނާ ބޭނުންވެލައްވާ ކަމެއްނޫނެވެ.

”ކިހިނެއްތޯވީ؟” ފަހިމާއްތަ ދުވެފައި މައްޗަށް އެރުމުގެސަބަބުންވަނީ ވަރުބަލިވެފައެވެ.

”ޒީލަން އަނބުރައިގަތީ. ހީވަނީ ވަރަށް ބޮޑު މުސީބާތަކާ ކުރިމަތިވީހެން. އަދިވެސް ހެއެއްނާރާ.” ފަޒީން އޮޅުންފިލުވައިދެވޭތޯ އުޅުނެވެ.

ފަހީމާ ކޮޓަރިއަށް އަވަސްއަވަހަށް ވަނެވެ. ޒީލަންގެ މޫނަށް ފެންޖަހާ ގޮވާހެދިއެވެ. ހަށިގަނޑުގައި ހިފާތަޅުވާލުމުން ލޯހުޅުވާލިއެވެ.

”ފަހީމައްތާ.”  އޭނާ ފަހީމާގައިގާ އޮޅުލައިގަތެވެ. އަޅާލާނެ ގާތްތިމާގެ އެއްވެސް މީހެއްނެތް ޒީލަން ވަނީ އެހީވާނެ މީހަކަށް ބޭނުންވެފައެވެ. އެމީހެއްގެ ފަރާތުން ރައްކާތެރި ކަމަށް ނިހާޔަތަށް އެދިފައެވެ.

”ޒީލަން ނުރޮއި. ވީގޮތެއް ކިޔައިދީބަލަ.” ފަހީމާ އާދޭސްކުރުމުން ޒީލަންއަށް ވާހަކަ ދެއްކޭވަރު ވެއްޖެއެވެ.

”އަހަރެން ބުނީމެއްނު މިރޭ ޝައީމާއެކު ބޭރަށްދާ ވާހަކަ. އޭނާ ސަޕްރައިޒް ޕާޓީއަކަށްގޮސްފައި ހުރިހާ އެންމެން ދިއުމުން އަހަރެން ހިފެހެއްޓީ. އަދި  ގަދަކަމުން…….. ގަދަކަމުން .” އޭނާއަކަށް ނުބުނެވުނެވެ. އަނެއްކާވެސް ރޮވެން ފެށިއްޖެއެވެ.

”އަހަރެން ގަދަހެދުމުންވެސް ހިފެހެއްޓީ……” ޒީލަންހުއްޓެމުން ހުއްޓެމުންވެސް ކިޔައިދެވޭތޯ ބެލިއެވެ.

މިމަންޒަރުބަލަން ދޮރުކައިރީގައި ހުންނެވި ފަޒީނަށް ކުރެވުނީ އާދަޔާ ޚިލާފު އަސަރު ތަކެކެވެ. އޭނާ ހަޔާތުގައި ދިމާވި އެންމެ ލޯބިވާ އެންމެ ރީތި އަންހެންކުއްޖާ މިވަނީ ނުހަނު ބޮޑު ހިތާމައެއްގައެވެ. ނުބައި ފިރިހެނެއްގެ އަތްދަށު ލާފައެވެ. ޒީލަންއަށް  އެހެންފިރިހެނެއްގެ މިފަދަ އަމަލުތަކެއްގެ ހިތާމަ އުފުލަންޖެހުމުގެ ސަބަބުން އިންތިހާއަށް ޝައީމުއަށް ނަފުރަތު ކުރެއެވެ. އޭނާ ޝައީމު އޮފީހުން ކަނޑާލަންވެސް ގަސްދު ކުރެއްވިއެވެ.

”އާނ ދެން ހުއްޓާލާ. ހިނގާ އެއްޗެއް ބޯލަންދޯ. އަހަރެން އަންނާނަން ކޮންމެވެސް އެއްޗެއް ހިފައިގެން. ޒީލަން ފެންވަރާލާ އިނގޭ.” ފަހީމާ ނިކުތެވެ.

ފަޒީން އެތެރެއަށް ވެންނެވުމުން ޒީލަން އިތުރަށް ދެރަވެއްޖެއެވެ. މީހަކު އޭނާގެ ހިތާމައިގައި ބައިވެރި ވެއްޖެނަމަ އަދި މާބޮޑަށް ދެރަވާގޮތްވެއެވެ. ޒީލަން އެނިކަމެތި ހާލުގައިވާތަން ފެނިލެއްވުމުން އޭނާ ނުހަނު ދެރަ ވެލެއްވިއެވެ. އެއަންހެންކުއްޖާގެ ގައިގާ ހިފަހައްޓާލައްވާ ހިތްވިއެވެ. އޭނާގެ ކަރުނަތައް ފޮހެދެއްވައި ހިތާމަ ނުކުރުމަށް އާދޭސް ކުރައްވާހިތްވިއެވެ. އެލޯބި ކުއްޖާއަށް އުމުރަށް ހިމާޔަތާއި ރައްކާތެރިކަން ދޭންބޭނުންވާ ވާހަކަ ބުނެލަން ބޭނުންވިއެވެ. ނަމަވެސް ހިތަކީ ސިކުނޑިއަށް ބާރު ފޯރުވޭއެއްޗަކަށްވާތީ އޭނާ ކެތްތެރިވެލައްވާ ވާހަކަދެއްކެވިއެވެ.

”ޒީލަން ދެން އަރާމުކޮށްލާ. ނަމާދުކޮށްލަނިކޮށް ވަރަށް ބޮޑުތަން ލުއިވެދާނެ.” ފަޒީންގެ އޯގާތެރިކަމާއި އަޅާލުމަކީ ޒީލަންއަށް ފަޒީނަށް ކުރެވުނު ވަރަށްބޮޑު އިތުބާރެކެވެ.

”އޭނާއަކީ އެކަހަލަ މީހެއްކަން އެނގޭނީކިހިނެއް؟ އަޅުގަނޑު ހީކުރީން އޭނާ އެހެންފިރިހެނުންނަކާ އެއްގޮތެއްނުވާނޭ.” ޒީލަންވަނީ ވަރަށް  ދެރަވެފައެވެ.

ފަޒީނު ޒީލަންއަށްކޮށްފައިވާ އަސަރުތަކުން ވަރަށްބޮޑަށް އޭނާއާއި ދޭތެރޭ ހަމްދަރުދީވެ ލެއްވިއެވެ. ބޭއިޚްތިޔާރުގައި އޭނާގެ އަތުގައި ހިފަހައްޓަވާލެއްވުނެވެ.

” ޒީލަން ދެންއެކަމާ ނުވިސްނާ ހުރިހާކަމެއްވެސް ރަނގަޅުވެދާނެ. އޭނާއާއި އެކަހެރި ތަންތަނުގައި ބައްދަލު ކުރުމަށް ދެންފުރުސަތުނުދީ. އޭރުން ހުރިހާ ކަމެއްވެސް ރަނގަޅުވާނެ.”

”އަޅުގަނޑު އޭނާއަށް ދެން އެއްވެސް ފުރުސަތެއް ނުދޭނަން. ދެން ވާހަކައެއްވެސް ނުދައްކާނަން. އެއީ ހަމަ މިއުޅޭ އެންމެ ނުބައި ފިރިހެނުންގެ ތެރެއިން މީހެއް.  އެންމެ ކުރިންވެސް ނަފުރަތު ކުރާ އަދި މިހާރުވެސް އެކަހަލަ ފިރިހެނުންނަށް އަޅުގަނޑު ނަފްރަތުކުރަން. ކޮންމެ މީހަކުވެސް އެންމެ ފުރަތަމަ އޯގާވެރިއެއްގެ ގޮތުގައި އަންހެނުން ހެއްދުމަށް މަސައްކަތް ކުރުމަށްފަހު ރަނގަޅަށް މަޅީގައި ޖެހުމުން ގަދަކަމުން ޖަހައިގަންނާނެ.” އޭނާގެ ރުޅިވެރިކަންވަނީ އިންތިހާއަށް ގޮސްފައެވެ.

ފަޒީންއަވަސް އަވަހަށް އެރީތި އަތުން ދޫކޮށްލެއްވިއެވެ. އަދި ބޮލުގައި ފިރުމާ ލެއްވިއެވެ. ނުހަނު ހިތްވރުކޮއްފާ ދުރަށް ޖެހިލެއްވިއެވެ.

” ޒީލަން މިޖޫސްތަށި ބޯލަމާ  ދޯ.” ފަހީމާ ވަންނަމުން ވާހަކަދެއްކިއެވެ.

”ފަހީމައްތަ މިރޭ މިކޮޅުގައި މަޑުކޮށްލާ. ޒީލަން އެވަނީ ވަރަށް ބޮޑަށް މީހެއްގެ އެހީތެރިކަން ބޭނުންވެފައި.” ފަޒީން ބޭރަށް ނިކުންނެވިއެވެ. ފަހީމާއްތަ އެތައް ނަސޭހަތެއް ދިނުމުން ޒީލަން ކުޑަކޮށް ހަމައަކަށް އެޅުނެވެ.

ހެނދުނު ހޭލެވުމާއެކު ޒީލަން ފެންވަރާލާ ތާޒާވެލިއެވެ. ޝައީމުގެ ކެހިވެރިކަމުން ސަލާމަތްވީތީ މާތްﷲއަށް ޝުކުރު ކުރިއެވެ. މިއަދަކީ އެއްމަހުގެ ޗުއްޓީއަކަށް ފަހު އޭނާގެ ކޯހުގެ ފަހު ސެމިސްޓަރގެ ކިޔެވުން ފެށުނު ދުވަސްވެސް މެއެވެ. ނަމަވެސް ނިތްކުރީގައާއި އަތުގައި ހުރި ޒަޚަމްތައް ރަނގަޅުނުވާތީ ކިޔަވާކަށެއް ނުދެއެވެ. ގޭގެ ކަންތައް ބެލެހެއްޓުން މިއަދު އޮތީ ފަހީމައްތައަށް ހަވާލުކޮށްފައެވެ. ޒީލަން އަށް ރޭގައި ދިމާވި ހާދިޘާއިން ފަޒީނުވަނީ ޒީލަންއަށް އަރާމުކުރާނެ ވަގުތު ދިނުމަށް ގޭގެ މަސައްކަތްތައް ފަހީމައްތަ ކުރާގޮތަށް ހަމަޖައްސަވާފައެވެ. އެހެންކަމުން ޒީލަން ރޭގެ ހާދިސާތަކުން ހިތަށް ނުތަނަވަސް ކަންލިބޭނެތީ އެކަމާ ނުވިސްނަންވެގެން ވާހަކަފޮތެއް ކިޔަން އިނެވެ.

ކުއްލިއަކަށް ފޯނު ރިންގުވިއެވެ. އޭނާ ނަންބަރު ބަލާލުމަށްފަހު އަޅާނުލައިއިނެވެ. އެތަކެއްފަހަރު ފޯނު ރިންގުވެއްޖެއެވެ. އެންމެފަހުން ޒީލަންއަށް އުނދަގޫވެގެން ފޯނުނެގިއެވެ.

”ޝައީމު އަހަންނާ ގުޅުމުގެ ބޭނުމެއް މިހާރަކު ނޯންނާނެ. މީގެފަހުން ނުގުޅާތި.” ޒީލަން ފޯނު ކަނޑާލަން އުޅުނެވެ.

”މަޑުކޮށްބަލަ ޒީލަން. އަހަރެން މިހުންނަނީ ޒީލަންގެ ކުރިމައްޗަށް ދާންނުކެރިފައި. އަހަރެންނަށް ވަރަށް ބޮޑު ކުށެއް ކުރެވުނީ. އަހަންނަށް މާފުކުރޭ.” އޭނާ އަވަސްއަވަހަށް ވާހަކަ ދެއްކިއެވެ.

”ޝައީމު ހީކުރީ އަހަރެން މީ ޝައީމުގެ އަމިއްލަ މުދަލެއްކަމަށްތަ؟ ގަދަކަމުން ބޭނުންކުރަން. އަހަރެން ހަޅޭއްލަވާ ރޮއި ހެދިއިރު ތިވާލޯބި ކޮބާ؟ ޝައީމު އުޅުނީ އަހަރެންގެ ނުރުހުމުގައިވެސް އަހަރެން ގެ އިއްފަތްތެރިކަން ފޭރިގަނެވޭތޯއެއްނު. ދެވަނަފަހަރަށްވެސް އެކަހަލަ ދަނޑިވަޅެއް ލިބިއްޖެނަމަ ކަލޭ އުޅޭނީ އެގޮތަށް.” ޒީލަން ރުޅިއައިސް ފައި ހުރިވަރުން ކިއުނު އެއްޗެއްވެސް އޭނާ އަކަށް ނޭނގުނެވެ. ހަމައެވަގުތު ފޯނުވެސް ކަނޑާލިއެވެ.

އޭނާއަށް މިފަދަ ހިތްވަރެއް ލިބުނީތީ ޚުދު އޭނާ ވެސް ހައިރާންވިއެވެ. މިއީ އެންމެ ޅަދުވަހުން ފެށިގެންވެސް އޭނާ ވިސްނަމުންދާ ކަންކަމެވެ. ފިރިހެނުން އަންހެނުންގެ ޝުއޫރުތަކާއި ވަރަށް ފަސޭހައިން ކުޅެލާނެއެވެ. ވަރަށް ލޯބިވެއޭބުނެ އެމީހުން ހިތްހަމަ ޖައްސާނެއެވެ. އުޅޭގޮތުން އެއީ އޭނާއާއި މެދު އެންމެބޮޑަށް ވިސްނާ އަޅާލާ މީހާ ހެން ހީވާނެއެވެ. ނަމަވެސް އެންމެ ފަހުވަގުތު މިހުރިހާ ކަމެއްގެ ނިމުން އަންނަނީ އެއްގޮތަށެވެ. އަންހެނުން ސިކުނޑިއަށްވަދެ އޭނާގެ އެންމެ ރައްކާތެރިކަމާއެކުވި އޭނާގެ ހަށިގަނޑު ހިބައިން ލޯބިވެރިޔާއަށް ވަގުފުކުރާނެއެވެ. ނަމަވެސް އެހުރިހާކަމެއް ފަޅާއަރައި އެހީތެރިވާންވީ ދުވަހު ދަންނަކަމަށްވެސް ނުހަދާނެއެވެ. އުފަންވާދަރިއަކީ އޭނާގެ ލޭކަމެއްކަމަކަށް އެއްބަހެއް ނުވާނެއެވެ. ދެންތިބި މީހުންގެ ހާލަކީ އެކަމަށް އަންހެން ކުއްޖާ ގަބޫލުނުވުމުން ގަދަކަމުން އަތުލައި ގަތުމެވެ. ޝައީމު ފަދައިންނެވެ. ފަހުން މާފަށް އެދުމަކީ މިކަހަލަމީހުން އަލުން އެކަންތައް ތަކުރާރު ކުރަން ހޯދާ ފުރުސަތެކެވެ. ޚުދު ޒީލަންއަށްވެސް މިކަން ތަޖުރިބާ ކުރެވުނީއެވެ. ޒީލަންއަށް މިކަމަށް ފާޅުގައި ދެކޮޅު ހަދާން ނުކެރުނެވެ. ނަމަވެސް އެހެން އަންހެނުންނަށް ދެކޮޅު ހަދަން ނުކެރުނުތާ މީހެއްގާތު ބުނެގެން ރައްކާތެރިކަން ހޯދަންވެސް ނުކެރެއެވެ. ޒީލަންއަށްވެސް މިގޮތަށް ސަލާމަތްވެވުނީ އޭނާއަށް މިކަމުން ލިބެމުންދާ ޢިލްމީ މައުލޫމާތުންނެވެ. އަންހެނުންނަށްލިބޭ ޖިންސީ ގޯނާ ތަކާއި އަނިޔާ ތަކުގެ މައިގަނޑު އަސްލަކީ އަމިއްލަ ނަފްސު ހިމާޔަތްކުރަން ނޭނގުމެވެ. ތިމާމީ މާނިކަމެތިމީހެކޭ، ތިމަންނާއަށް ކުރެވޭނީކޮންކަމެއްހޭ ހީކުރެވުމެވެ. ފާޅުގައި ނޫނެކޭ ބުނަން ނުކެރުމެވެ. އެކަމާބެހޭ ތަންތަނަށް އަންގަން ޖެހިލުންވުމެވެ.

ޒީލަންގެ ހަޔާތުގައި މިފަދަ ކަންތައްތަކަކީ އާކަމެއްނޫނެވެ. އޭނާގެ އާއިލާ ނިކަމެތިކަމާއި ވޭނާއެކު ނިމިދިޔައީ މިފަދަ ހާދިސާއެއްގެ ސަބަބުންނެވެ. އެހެންކަމުން ޝައީމުއަށް އިންތިހާއަށް ނަފުރަތު ކުރެއެވެ. އަދި ދުވަހަކުވެސް އޭނާޔާ ގުޅުމެއް އެއްގޮތަކަށްވެސް ނުބާންވަން އަޒުމުކަނޑައެޅިއެވެ.

މެންދުރު ފަޒީން ކޭންބެއްލެވުމަށް ދުރުވުމާއެކު ފުރަތަމަވެސް މައްޗަށް ދުރުވީ ޒީލަންގެ ހާލުބެއްލެވުމަށެވެ. އޭނާ ހީކުރެއްވީ ޒީލަން މިހާރުވެސް އޮންނާނީ ރޯންކަމަށެވެ. ރޭގެ ހާދިޘާއި އާއިމެދު ވިސްނާ ފިކުރު ކުރާނީ ކަމަށެވެ. އޭނާގެ ލޯބިވެރިޔާގެ އަމިއްލަ އެދުމުން ފޯވެފައިވާ ހަޑިމުޑުދާރު ޢަމަލުގެސަބަބުން ހިތާމަ ކުރާނީ ކަމުގައެވެ. ފަޒީންގެ ވިސްނުންމިފަހަރު މުޅިން ތަފާތެވެ. ޒީލަންގެ މޫނަކު އެފަދަ އެއްވެސް އަސަރެއް ނެތެވެ. އެހެންކަމުން މިއާދަޔާ ޚިލާފު އަންހެންކުއްޖާއާއިމެދު އޭނާ ކުޑަކޮށް އޮޅުން އެރިއެވެ. އެއީ ކުރިން އިރުއިރުކޮޅާއި މޮޅިވާ އަންހެންކުއްޖެކެވެ. ކަންތައްތަކާއި އަވަހަށް ހާސްވެ ކަންބޮޑުވާކުއްޖެކެވެ. ނަމަވެސް މިއަދު އެކުއްޖާ ފެންނަނީ މުޅިން ތަފާތުކޮންނެވެ. ފޮތުގެތެރެއަށް ގެއްލިފައި އިން ޒީލަންއަށް އޭނާ ގެ ގާތުގައި ފަޒީނު ހުންނެވިކަމެއް ނޭނގެއެވެ.

” ޒީލަން މިހާރު ކިހިނެއް؟” ޒީލަން އަށް މިއަޑު އިވުމާއިއެކު ބަލާލެވުނެވެ. އަދި އަވަސްއަވަހަށް ކޮޅަށްތެދުވިއެވެ.

”ރަނގަޅު އަޅުގަނޑު އެކަމާއި މިހާރު އެއްގޮތަކަށްވެސް ނުވިސްނަން.” އޭނާގެ އަޑުގައި އާދަޔާޚިލާފު މޮޅިވެރިކަމެއްވެއެވެ.

”އެއީ ކީއްވެ؟”

“އަޅުގަނޑު އޭނާއާއި ރަށްޓެހިވީ ވަރަށްވިސްނާފައި. އެއީ އެފަދަ ޢަމަލެއް ނުކުރާނެ މީހެއްކަން ވަރަށްބޮޑަށް ހީކޮށްފައި. ހުރިހާފިރިހެނުންވެސް އެއްގޮތެއްނުވާނެއޭ މީހުންބުނާތީ. ނަމަވެސް އެކަހަލަމީހުންގެ ސަބަބުން އަޅުގަނޑުމެން ކަހަލަ ނިކަމެތިކުދިންނަށް އެތައް އަނިޔާއެއްލިބޭ. އެތައްކުދިންނެއް ބައްޕަ ނެތުމުގެ ސަބަބުން ހާލުގައިޖެހޭ. އެއީ މަކަރުވެރި ނުލަފާބައެއް. އަޅުގަނޑު އެފަދަ މީހުންނަށް ނަފްރަތުކުރަން.” ޒީލަންގެ ހިތުގައި އެތައް ދުވަހެއްވަންދެން އަނދަމުންދާ އަލިފާންގަނޑު މިހާރު ވަނީ ބޭރަށްވެސް ނިކުންނަން ފަށާފައެވެ.

”އައްދޭ މީހަމަ އެޒީލަންތަ. މީގެކުރިން އަނގައިން ބަހެއްވެސް ބުނަންނޭނގޭ.” އޭނާ ސަމާސާ ކޮށްލެއްވިއެވެ.

”މީހަމަ ފަޒީންގެ ހެޔޮކަމުން ލިބުނު ކުރިއެރުމެއް. އަޅުގަނޑަށް ކިޔެވުމަށް އެހީތެރިވެ ނުދެއްވިނަމަ އަޅުގަނޑުވެސް ވީހީ އެހެން އަންހެނުންފަދައިން އޭނާއާއި ހަށިގަނޑު ހަވާލުކޮށްގެން ރޯލަރޯލާ އޮންނަންކަންނޭނގެ. އަޅުގަނޑު ފަޒީނަށް ޝުކުރުވެރިވާނީ ކޮންގޮތަކުން.” މިފަހަރު އޭނާ އަށް ވަރަށް އަސަރު ކުރިއެވެ. ލޮލުގައި ހިފެހެއްޓިފައިހުރި ކަރުނަތައް އޮހިގަތެވެ. ޒީލަން ކިތަންމެ ހިތްވަރު ގަދަކުރަން އުޅުނުނަމަވެސް އޭނާ އަކަށް ނުހުރެވުނެވެ. މީހެއްގެ އޯގާތެރިކަން ލިބުމުން ހިތުގައި އުފެދިފައިހުރި އުދާސްތައް ބޭރުކޮށްލެވުނެވެ.

”އަހަރެންގެ ސަބަބުން ޒީލަންއަށްވަރަށް އުނދަގޫވެއްޖެދޯ. ޒީލަންއަށް އުނދަގޫ ކުރެވުނީތީ އަހަރެން ވަރަށްދެރަވަން.”

”ނޫން ފަޒީނު ގެ ހެޔޮކަމުން ހިތުގައިޖެހުނީ. މިވީހާތާކަށް ދުވަހަކުވެސް މީހަކު ތިހާގާތްކަން ބަހައްޓާފައެއްނުވޭ. މިކަހަލަ ދަނޑިވަޅެއްގައި ފަޒީނުގެ އެހީތެރިކަން ނުލިބުނުނަމަ….”  އޭނާ މާނޭވާއެއްލިއެވެ.

މިއީކޮންފަދަ އަންހެންކުއްޖެއް ހެއްޔެވެ؟ ދިރިއުޅުމުގައި އުފަލަކީ ކޮބައިކަމެއް އެއަންހެންކުއްޖާއަކަށް ނޭނގެއެވެ. އެޝައީމަކީ ކޮންފަދަ ވިޔާނުދާ ކެހިވެރިއެއް ހެއްޔެވެ؟ އެ މައުސޫމު ކުއްޖާއަށް އެދިނީ ކޮންފަދަ ހިތްދަތިކަމެއް ހެއްޔެވެ؟

ހަވީރުގެވަގުތެވެ. ޒީލަންއާއިއަލްހެނާއާއި ދެމީހުން ކުލާސް ނިންމާލާފައި ގެއާއިދިމާއަށް މިސްރާބުޖެހިއެވެ.

”ޒީލަން މިދުވަސްކޮޅު ހާދަމަޑުންނޭ ތިހުންނަނީ. އަދިވެސް ޝައީމުމަތިން ހަނދާންވަނީތަ؟” އަލްހެނާ އެހިއެވެ.

”އަހަރެން ޝައީމު މަތިން ދުވަހަކުވެސް ހަނދާން ކުރާކަށް ބޭނުމެއްނޫން.”

”ޒީލަންހާދަ ރުޅިއެކޭދޯ ތިއަންނަނީ. އަދިވެސް އެވާހަކައެއް ކިޔައެއް ނުދެމެއްނު.”

”އޭތް އަލްމެން ތިދަނީގެއަށްތަ؟” އެމީހުންނާއެކު އުޅޭ އައިޝާ އެމީހުނާއި އަރާ ހަމަކުރިއެވެ.

”މިދަނީގެއަށް. އައިޝާ ސައިދޭނަމަ މަޑުކޮށްލަފާނަން.” އަލްހެނާ ދިމާކޮށްލިއެވެ.

”އާނ ސައިދީފާނަން. އެކަމަކު މިތާ ކައިރީގައި ނުހުންނާނެ މާމީރުއެއްޗެއް. އަހަރެން މިހުރީ ވަރަށް ބަނޑުވެސް ހައިވެފައި.”

”އެހެންވީއިރު ހިނގާ ސަބްމެރިންކާން. އަލްއަށް ސަބްމެރިންއަކީ މާމީރު އެއްޗެކޯ ދޯ”. ޒީލަންވެސް ދިމާކޮށްލިއެވެ.

”އޯކޭ ހިނގާ ކާރެއްގައިދޯދާނީ؟ އެހާދުރަކަށް ނުދެވޭނެ ހިނގާފައެއް.” އޭނާ ކާރު މަޑުކުރުވިއެވެ. ވަރަށް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ޑައިނަމޯއަށް ދެވުނެވެ. ސަބްމެރިންނަށް އޯޑަރުކުރުމަށްފަހު އެމީހުން އެކިމައުޟޫއަށް ވާހަކަދެއްކިއެވެ.

”ޒީލަން އެއްކަލަ ވާހަކަކިޔައިދީބަލަ. އައިޝާ އިނަކަސް ރަނގަޅުވާނެއްނު.” ޒީލަން އެރޭ ކަންތައްވީގޮތުގެ ތަފްސީލު ވަރަށް ރަނގަޅަށް ކިޔައިދިނެވެ.

”އޭނާ ޒީލަންއާއި ހެދި އުޅުނުވަރުން އަހަރެން ހީކުރީ ވަރަށް ރަނގަޅުވާނޭ. އަހަރެން މީޒީލަންނަމަ ފުލުހުންނަށް މިހާރު އަންގައިފީމުސް.” އަލްހުރީ ވަރަށް ރުޅިއައިސްފައެވެ.

”އަހަރެން ވަރަށްބޮޑު ވާހަކައެއްދައްކަން އެބައޮތް ތިކަމާބެހޭގޮތުން. އަހަރެން މިހުންނަނީ ސޮރީއޭ ބުނަންވެސްނުކެރިފައި.”

”އެއީކީއްވެ.”

”އެހުރިހާކަމެއްވީ އަހަރެންގެ ސަބަބުން. އަހަރެން އަބަދުވެސް ޝައީމުއާގަޔާވޭ. ނަމަވެސް އޭނާ ލޯބިވަނީ ޒީލަންދެކެ.”

”އެރޭ ޕާޓީއަށް އަހަރެން ދިޔައީ ވަރަށްގިނަ އަދަދަކަށް އަލްކަހޯލް ހުންނަ ބޭސްތަކެއްހިފައިގެން. އޭނާގެ ޖޫސްތައްޓަށް އެއެއްޗިހި އޭނާ މަސްތު ކުރާވަރަށް އެޅިން. އެއީ ޒީލަން އަށް ޝައީމު އަހަރެންނާއެކު ގައިގޯޅިވާތަން ދައްކަން. ނަމަވެސް އޭނާ ޒީލަންގެ ގާތުން ދުރަކަށްނުދޭ. އެންމެފަހުން އަލްމެން ގަދަކަމުން ކަހަލަގޮތަކަށް އަހަރެން އަތުގައި ހިފައިގެން ގެންދިޔައީ. އަހަރެން ހީކުރީ ޒީލަން އެމީހުންނާއެކު ދާނެކަމަށް. އޭރުން އަހަންނަށް ފުރުސަތު ލިބޭނެނު. ނަމަވެސް ކަންތައްވީ މުޅިން އިދިކޮޅަށް.” އޭނާ ރޮމުންދެއެވެ.

”މުޑުދާރު! ކަލޭއަށް އެފަދަ ހިތްވަރެއް ލިބުނީކިހިނެއް. ރަށްޓެއްސަކަށް އެހާބޮޑު ލަނޑެއްދޭންވާނެތަ؟” އަލް ހަޅޭއްލަވައިގަތެވެ.

”އަހަރެން ހުރީ މިވާހަކަ ނުބުނަން. އެކަމަކު ޝައީމު އެއުޅޭހާލު ދެކޭކަށް އަހަރެންނަކަށް ކެތެއް ނުކުރެވޭނެ. އޭނާ ދުވާލަކު އެއްފަހަރުވެސް ނުކައި. މިހާރު ސިގިރޭޓުވެސް ބޮއި.”

ޒީލަން އަނގައިންވެސް ނުބުނެ އިނެވެ. އޭނާ ހަދާނެގޮތެއް ވިސްނަނީ ކަންނޭނގެއެވެ. ޝައީމު އެރޭ އުޅުނީ މަސްތުވެފައި ހުރި މޮޔައެއް ފަދައިންކަން އޭނާވެސް ގަބޫލުކުރެއެވެ. އެހެންކަމުން އެއީތެދަކަށް ވެދާނެއެވެ. އެހެންވެއްޖެނަމަ އެއްފަހަރު މާފުކުރެވިދާނެއެވެ.

”ޒީލަން އެއްޗެކޭ ބުނެބަލަ. އަހަރެންނަށް މާފެއްނުކުރާނަންތަ؟”

”އައިޝާ ޖެހޭނީ ފުރަތަމަ ޝައީމުގާތުން މާފަށް އެދޭކަށްނު.”

”އޭގެފަހުން އަހަރެންނަށް އެނގޭނީ.”

”ޒީލަން އޭނާއާއި ދެން ނުގުޅޭތި. އަހަރެންނަކަށް މާބޮޑަކަށް އައިޝާއަކަށް އިތުބާރެއް ނުކުރެވޭ.” އަލް ވާހަކަދެއްކިއެވެ.

އަލް ހުންނާނީ އަބަދުވެސް އަހަރެންނާ ޖައްސާލާފައި. ބަލާ ކުލާހުގައިވެސް އަލް އަހަރެންނާ އިދިކޮޅަށް ކިހާވާހަކަ ދައްކާ.” އައިޝާ އަލްހެނާ ކުށްވެރި ކުރިއެވެ.

”ތިކަމާ އަހަރެން ޖެހޭނީ ވިސްނަން.” ޒީލަން ހަދާނެ ގޮތެއް ނޭނގިގެން ބުންޏެވެ.

ޒީލަން ގެއަށް ނުދެވެނީސް  ޝައީމުއަށް ގުޅިއެވެ.

”އަހަރެންނަށް އައިޝާ ހުރިހާ ވާހަކައެއް ކިޔައިދީފި.” ޒީލަން ވާހަކަ ދެއްކިއެވެ.

”އޭނާ އަހަރެންގާތުން މިހާރު މާފަށްއެދިއްޖެ.”

”އެއްޗެއްކައިފިންތަ؟”

”އާނ. ޒީލަން އަހަންނަށް މާފުކުރީތަ؟”

”އެފަދަކަމެއް ދެންތަކުރާރެއްނުވާނެ ކަމަށް ވައުދުވެއްޖެނަމަ.”

”އަހަރެންގެ ހަމަހޭގައި އެފަދަކަމެއް ނުކުރާނެކަން ޒީލަން ގަބޫލުކުރޭ.”

”ދެން ކޮންދުވަހަކުން ބައްދަލުވާނީ.”

”އިރާދަކުރެއްވިޔާ ވަރަށް އަވަހަށް.”

ޒީލަން ހުރީވަރަށް ހިތްހަމަޖެހިފައެވެ. އޭނާ ލޯބިވިޝައީމު އެފަދަކަމެއްކުރީ މީހަކު ދިން ލަނޑެއްގެ ސަބަބުންނެވެ. ނަމަވެސް ޒީލަން ދެވަނަފަހަރަށް ޝައީމާއި ގުޅުމުން އަލްހެނާ ހުރީކުޑަކޮށް ހިތްހަމަ ނުޖެހިފައެވެ. އޭނާ ޒީލަންއާއި ފުރަތަމަ ބައްދަލުވީއްސުރެންވެސް އުޅެމުންދަނީ ވަރަށް އެކުގައެވެެ. ޒީލަން މިހާދިސާ ކިޔައި ދިނީއްސުރެ އެކަމާ ވަރަށް ވިސްނައެވެ.

”ހާޝިމްގެ ޝަހުމާ ވަރަށް ގިނައިން ތިއޮފީހުގައި އުޅޭ.” ޝަހުމާއާއި އެކު ސައިކަލުގައި ފެނޭ.” އަލް ވާހަކަ ދެއްކީ ހާޝިމް އާއިއެވެ.

”އާން އޭނާ ހުންނަނީ އެޝައީމުއާއި ހިތާވެފައި. ކުރީދުވަހުވެސް އަމީނާބުނީ ދެމީހުން ސައިބޯށޭކިޔާފައި ބޭރަށް ދިޔަމީހުން އައީވަރަށް ލަހުންނޯ. ޝައީމު އޭނާ އަށް ވަރަށްމޮޅު އަވިއައިނެއް ގަނެދީފައިއެބައޮތް.”

”ދެން ހާޝިމް އަޅާވެސް ނުލާތަ ތިހުންނަނީ.”

”އަހަރެން ރަށުކުއްޖަކާއި ރަށްޓެހިވެގެން މިއުޅެނީ. އެކަމަކު އޭނާ އަކާރުޅިއެއްނުވަން.”

”ތީކޮންކަހަލަ ފިރިހެނެއް. އޭނާ ހާޝިމް އާއި ހެދި ނޫޅޭއިރުވެސް ތިއުޅެނީ ރުޅިވާން ނުކެރިގެންނު. އަނެއްކާ ރަށު ކުއްޖާއަށް އެނގިއްޖެނަމަޔޯ.”

”ނޫނޭ އަހަރެން އޭނާއަށް ކިޔައިދިނިން ހުރިހާވާހަކައެއް. މިހާރު މި ހުންނަނީ އެދެމީހުންގެ ކަންތައް ނިމޭގޮތެއްބަލަން. މާރަނގަޅުވާނެހެނެއް ހިއެއްނުވޭ.”

”އެއީކީއްވެ؟”

“ތިކަންތައް އަދި މާޔަގީނެއްނުވޭ.” އެހެންވީމާ އަދި ބުނަން ޖެހިލުންވޭ. އެމީހުންގެ ވީޑިއޯއެއްފެނުނުވާހަކަ ނައީމުއޮތީ ބުނެފައި.”  އެހެންކަމުން އެބަލާފައިނޫނީ އެވާހަކަ ދައްކަން އޭނާ ބޭނުމެއްނުވިއެވެ.

”އަލްހެނާ ދިޔައީ ޝައީމުގެ ކަންތައް ވަރަށް ރަނގަޅަށް ބަލަމުންނެވެ. އޭނާ އައިޝާއަށްވެސް އިތުބާރެއް ނުކުރެއެވެ. މިހާރަކަށް އައިސް މާގިނައިން ފައިސާގެންގުޅުމާއި މީރުވަސްދުވާ ސެންޓުވެސް ގެންގުޅެނީ މާގިނައިންނެވެ. އޭނާއަކީ މާލޭގައި އުޅޭ އޭނާގެ ދައްތައެއްގެ ގާތުގައި އުޅޭ ކުއްޖެކެވެ. މާގިނަ ފައިސާލިބޭނެ ގޮތެއް ނޯންނަ ފަގީރު ކުއްޖެކެވެ.

”ޒީލަން މިއަދު މާލަހުން ދާން ތިހުންނަނީކީއްވެ؟” ގޮނޑީގައި އިށީނދެލައިގެންއިން ޒީލަންގާތު އަލް އިށީނެވެ.

”ޝައީމުބުނީ އޮފީހުގައި ކޮންމެވެސް އެއްޗެއް ވަރަށްއަވަހަށް ނިންމާލާފައި އެބައަންނަމޯ. ފަހަރެއްގައި ފަނަރަ މިނެޓުވަރުވެދާނެޔޯ.” ޝައީމުގެ އިންތިޒާރުގައި އިން ޒީލަން ބުންޏެވެ.

”އަހަރެން ހީކުރީ އަލް ދިޔައީކަމަށް.” ދެންވެސް ވާހަކަދެއްކީ ޒީލަން އެވެ.

”އަހަރެންދާންއުޅެފައި ޒީލަން ގާތަށް އަންނަހިތުންމިއައީ.”

”އެނގޭތަ ރޭގައި ޕޮލިސް ބަންދުކުރިއެއްނު ހަށިވިއްކާތަނެއް. އެތަނުގައި އޭރު ދައްތަވެސް ހުރި.”

”ދައްތަ އެތަނަށް ދިޔައީ ކީއްކުރަން.”

”އަހަރެން ކުރިންނުބުނަންދޯ ދައްތަ މަސާޖުކުރާތާކުން ވަޒީފާއަކަށް ދާވާހަކައެއް. ދައްތަ ބައްޕަ ނިޔާވިފަހުން ލާރިހޯދަނީ އެތަނުން. ވަރަށް ގިނައިން ލާރި ގެނޭ ހަފްތާއަކު މަދުވެގެން ފަނަރަހާސްގެނޭ. އަހަރެން އެތަނަށް ނުދާށޭބުނެ އާދޭސްކުރިން. ނަމަވެސް އޭނާގެ ރާބޯފިރިމީހާއަށާއި ދަރިންގެ ޚަރަދުތައް ބަލަހައްޓަން ފައިސާ ހޯދަންޖެހޭތިއްޔޯ ކިޔާފައި ދަނީ.”

”އެނގޭތަ މިހާރު އޭނާއަށް ވަނީ ހެޕަޓައިޓްސް ބީ ކިޔާ ނުރައްކާތެރި ބައްޔެއްޖެހިފައި. އެއީ އާއްމުގޮތެއްގައި ރައްކާތެރިނޫންގޮތުގައި ޖިންސީގުޅުންހިންގާތީ އަރާބައްޔެއް.”

”އާނ އަހަންނަށް އެނގޭގޮތުގައި އެކެއްގެ ހަށިގަނޑުގެ ދިޔައިން އަނެކެއްެގެ ހަށިގަނޑަށް އަރާ މިބައްޔަކީ ފުއްޕާމޭ ގިރިގެން ދާ ބައްޔެއް. އެކަމަކު ހާދަ ދެރައޭދޯ.”

”ގޭމީހުން ތިބީ ވަރަށް ކަންބޮޑުވެފައި. ދެންކެއުމާއި ކަންތައް ހަމަޖައްސާނެ ގޮތެއް ނޭނގޭތީ އަހަރެންވެސް ވަރަށް ކަންބޮޑުވޭ.”

”މަމީ އަލްނަމަ އޭނާ އަށް ނާންގާ ފިރިމީހާ ޑްރަގްސް ނަގާވާހަކަ ރިޕޯޓްކޮށްފީމުސް. އަލްމެންގެ ކުރިމަތީގައި އޭނާއަށް އަނިޔާކޮށް އެންމެފަހުން އެފަދަ ގޯސް އަމަލަކަށް ދާން މަޖުބޫރުކުރީ.”

”އަހަރެން އެކަމާއުޅުމުން އޭނާ ރޮއި އާދޭސް ކުރުމުން ނުކެރުނިއްޔޭ.”

”ދެންއެވާހަކަ ދޫކޮށްލާ ޝައީމުކިހިނެއްތަ؟”

”އޭނާ ވަރަށް ރަނގަޅު މިހާރު. އެކަހަލަކަމެއް ދުވަހަކުވެސް ނުކުރާނަމޯބުނީ. އެއީވެސް އޭނާ ގަސްދުގައި ކުރިކަމެއްނޫނެއްނު.”

”ކޮބައިތަ އަލްގެ ލޯބިވެރިޔާ.”

”ޒީލަންއަށްއެނގެއެއްނު އޭނަ އަދިވެސް އުޅެނީ ފައިސާ އެއްކުރުމާއިގެންކަން. ކިޔަވާނިމުނުފަހުންވެސް މިހާރުދެއަހަރުވެއްޖެ.”

”އަހަރެންގުޅާލިއަސްބުނާނެ އަދި މީހަކާރަށްޓެހިވާކަށް ބޭނުމެއްނޫނޭ.”

”ދެންއަލް ހަމަ ތިހުންނަނީ އޭނައަށްޓަކައިތަ؟”

”އިރާދަކުރެއްވިއްޔާ. އަދި އޭނާ އަންނާނެ. އެކަމުގެ އުންމީދުގައި މިހުންނަނީ.”ޒީލަން އަށް ޝައީމު ބޭރަށް ނިކުތުމަށް ގުޅީ އެވަގުތުއެވެ.

”އާނ މިނިކުންނަނީ އަހަރެންދަނީ އިނގޭއަލް. މާދަމާ އަހަރެންގެއަށް ޖައްސާލައްޗޭ. މާދަން ބަންދުދުވަހެއްނު.”

ޒީލަންޝައީމާއެކު ގެއަށްދިޔައެވެ. ބޭރުން ދުރުވެ ސައިކަލު މަޑުކޮށްލައްވަނިކޮށް ޒީލަން ޝައީމުގެ ފަހަތުގައި މަޑުކުރަނިކޮށް ފަޒީނަށް ފެނިލެއްވިއެވެ. ދުވަހަކުވެސް ވާހަކަނުދައްކާނަމޭބުނި ޒީލަން އޭނާގެ އިއްފަތްތެރިކަން ފޭރިގަންނަން އުޅުނު ޝައީމުގެ ފަހަތުން ފެނުމުން ފަޒީން ހައިރާންވިއެވެ. އޭނާއަށްއެވީ ކިހިނެއްބާއެވެ؟ އަނެއްކާ އެދެމީހުން ގުޅުނީބާއެވެ. ގުޅިއްޖެނަމަ ޝައީމް ވާނީ ޒީލަންއަށް ވަރަށްބޮޑަށް އޮޅުވާލާފައެވެ.

(ނުނިމޭ)

އެޑިޓަރުގެ ނޯޓް: ޔަޝްފާ ޢަބްދުލްޣަނީ އަކީ، ރީތި ވާހަކަތަކެއް ޝާއިއުކުރައްވާފައިވާ ކާމިޔާބު ލިޔުންތެރިއެކެވެ. ޔަޝްފާގެ ދިގު ހަތަރު ވާހަކައަކަށް، ވާހަކަލިޔުމުގެ ގައުމީ މުބާރާތުން ރަން ވަނަތައް ލިބިވަޑައިގެންފައިވެއެވެ. އަދި ކުޑަކުދިންގެ ވާހަކަލިޔުމުގެ މުބާރާތުން ފަޚުރުވެރި ވަނައެއް ވަނީ ލިބިވަޑައިގެންފައެވެ. "ޒީލަން" ވާހަކައަކީ 2008 ވަނަ އަހަރުގެ ގައުމީ މުބާރާތުން ދެވަނައަށް ހޮވުނު ވާހަކައެވެ. ޔަޝްފާގެ މި ހުނަރުގެ އަގު ވަޒަންކުރައްވައި، 2014 ވަނަ އަހަރު، ޒުވާނުންގެ ގައުމީ އިނާމު އަދި 2015 ވަނަ އަހަރު، ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން، ވާހަކަލިޔުމުގެ ފަންނު ކުރިއެރުވުމުގެ ރޮނގުން ހިތްވަރު ދިނުމުގެ ގައުމީ އިނާމު ލިބިވަޑައިގެންފައިވެއެވެ.
ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *