މަޖިލީހުގެ ނައިބު ރައީސްކަމުން ނާޒިމް އިސްތިއުފާދެއްވައިފި

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުން ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް ވަކިކުރުމަށް ވެރިކަން ކުރާ އަދި މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް ޕީއެންސީން ހުށަހަޅާފައިވާ މައްސަލަ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފަށަން ވަގުތު ކުޑަތަންވެފައި ވަނިކޮށް، ނާޒިމް އެ ތުހުމަތުތައް ދޮގުކުރައްވައި އެ މަގާމުން އިސްތިއުފާދެއްވައިފި އެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، މަޖިލީހުގެ ނާއިބު ރައީސް ކަމުން ނާޒިމް ވަކި ކުރުމުގެ މައްސަލަ މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފައި ވަނިކޮށް، ގާނޫނު އަސާސީގައި ބުނެފައިވާގޮތުގެ މަތީން މަޖިލީހުގެ ނާއިބު ރައީސްކަމުގެ މަގާމުން އޭނާ މިއަދު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.

އެހެންކަމުން ނާޒިމު ވަކިކުރުމުގެ މައްސަލަ ނިމުނީ ކަމަށް މަޖިިލިސް ރައީސް ވިދާޅުވިއެވެ.

މަޖިލީހުގެ ނައިބު ރައީސްކަމުން ނާޒިމް ވަކިކުރަން ޕީއެންސީން ނިންމީ މި މަހުގެ 13 ވަނަ ދުވަހު ބޭއްވި އެ ޕާޓީގެ ޕީޖީ ގްރޫޕްގެ ބައްދަލުވުމުގައެވެ. ނާޒިމް ވަކިކުރުމުގެ ގަރާރު މަޖިލީހަށް ހުށަހެޅީ، މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮންނަ ޕީއެންސީގެ 73 މެންބަރުން ސޮޔާއެކު މި މެއި މަހުގެ 14 ވަނަ ދުވަހުއެވެ.

ނާޒިމްގެ އިތުބާރު ނެތް ކަމަށް ޕީއެންސީން މަޖިލީހަށް ފޮނުވި ގަރާރުގައި، ނާޒިމް ވަކިކުރަން ނިންމި ސަބަބެއް ކަމަށް ބުނެފައި ވަނީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ނެގުމާއި ރައްޔިތުންގެ މަޖިލީހުގެ މަސްލަހަތު ނަގާލަން ހިތްވަރުދީ، ޒިންމާއިން ބަރީއަވުމެވެ.

ޖަލްސާ ފެށުމުގެ ވަގުތުކުޑަތަންވެފައިވަނިކޮށް ނާޒިމް އިސްތިއުފާ ދެއްވިކަން ހާމަކުރައްވާފައިވަނީ އެކްސްގައިނެރުއްވި ބަޔާނެއްގައެވެ.

އޭނާގެ މައްޗަށް ކޮށްފައިވާތުހުމަތުތައް ސާބިތުކޮށްދިނުމަށް އެއްވެސް ހެއްކެއް ނުވަތަ ގަރީނާއެއްގަރާރުގައި ބަޔާންކޮށްފައި ނުވާ ކަމަށާއިމިހާތަނަށްވެސް މަޖިލީހުގެ ނައިބު ރައީސްގެ ހައިސިއްޔަތުން ނުވަތަ މެންބަރެއްގެ ހައިސިއްޔަތުންވިޔަސް އޭނާ ކޮށްފައިވާ ކަމަކާ ގުޅިގެން އެއްވެސް މެންބަރެއް ނުވަތަ އެހެންވެސް ފަރާތަކުން، ގާނޫނު އަސާސީއާއި މަޖިލީހުގެ ގަވައިދާ ހިލާފުވިކަމަށް ބުނެ ޝަކުވާ އުފުލާފައި ނުވާ ކަމަށް ބަޔާނުގައި ނާޒިމް ވިދާޅުވެފައިވެއެވެ.

އެހެން ކަމުން ނާޒިމް ވިދާޅުވެފައިވަނީ އޭނާގެ މައްޗަށް ކުރާ ތުހުމަތުތަކަކީ އެއްވެސް އަސާސެއް ނެތް ތުހުމަތުތަކެއް ކަމަށެވެ.

"ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމުގެ ވާޖިބުތަކާއި ޒިންމާތައް އަޅުގަނޑު އަދާކޮށްފައިވާނީ ގާނޫނީ ހަމަތަކުގެ މަތިން ތެދުވެރިކަމާއި އަމާނާތްތެރިކަމާއި އެކުއެވެ. އެއްވެސް ހާލަތަކެއްގައި މަގާމުގެ ޒިންމާއިން ބަރީއަވެ މަގާމުގެ ޒިންމާތައް އަދާކުރުމުގައި ފަސްޖެހިފައި ނުވާނެއެވެ."

ނާޒިމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ވާޖިބު ނުވަތަ މަސްއޫލިއްޔަތު އަދާކުރުމަށް އޭނާ އެއްވެސް ގޮތަކަށް ހުރަސްއަޅާފައި ނުވާނޭ ކަމަށާއި އަދި މެންބަރުންގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމަށް ގާނޫނުގައި ތަންދޭ އެންމެ ފުޅާމިނުގެއްގައި ކަންކަން ފަހިކޮށްދީ މަގުތަނަވަސް ވެސް ކޮށްދީފައިވާނެ ކަމަށެވެ.

އަދިމީގެއިތުރުން މެންބަރުންގެ މެދުގައި މަސްލަހަތު ގެއްލޭނެކަމެއް ކޮށްފައި އޭނާ ނުވާނެކަމަށާއި، މަގާމުގެ ނުފޫޒު އެއްވެސް ގޮތަކުން ބޭނުންކޮށްފައި ނުވާނެ ކަމަށާއިއަދި މަގާމުގެ ނާޖައިޒު ފައިދާ އެއްވެސް ހައިސިއްޔަތަކުން ނަގާފައި ނުވާނެ ކަމަށެވެ.

މަޖިލީހުގެ ނައިބު ރައީސްގެ ހައިސިއްޔަތުންއޭނާގެ ވާޖިބުތައް އަދާކޮށްފައިވާނީ، ގާނޫނީ ހަމަތަކުގެ މަތިން މެންބަރުންގެ މެދުގައި އެއްވެސް ތަފާތު ކުރުމެއްނެތި ހަމަހަމަކަމާއި އިންސާފުވެރިކަމާއެކު ކަމަށާއިވަކި ސިޔާސީ ފިކުރަކަށް ތަބާވެ އެއްވެސް ކަމެއް ގަނޫނާއި ގަވާއިދާ ހިލާފަށް ކޮށްފައި ނުވާނެ ކަމަށްވެސް ނާޒިމްގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ

މަގާމުން ދުރުކުރުމަށް ހުށަހަޅާފައިވާ ސަބަބުތަކުގެ ތެރޭގައި އެއްވެސް ތެދެއް އަދި ހަގީގަތެއް އެކުލެވިފައި ނުވާ ކަން ފާހަގަކޮށް އޭނާ ވިދާޅުވެފައިވަނީ، ވެރިކަން ކުރާ ޕާޓީގެ ހުރިހާ މެންބަރުންސޮއިކޮށް މަގާމުން ދުރުވުމަށް އެދުމުން، އެކަމަށް އިޖާބަ ދިނުމަކީ ޑިމޮކްރަސީގެ ހަމަތަކުގެ މަތިން ތަހުޒީބީ ގޮތެއްކަމުގައި އޭނާ ދެކޭ ކަމަށެވެ.

"ވުމާއެކު އަޅުގަނޑާމެދު ކުރައްވާފައިވާ އެންމެހައި ތުހުމަތުތަކަށް އެއްވެސް އިސްތިސްނާއެއްނެތި އިންކާރު ކުރަމުން، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން މިވަގުތުން ފެށިގެން އަޅުގަނޑު އިސްތިއުފާ ދީފީމެވެ."

ޕީއެންސީން ހުށައަޅާފައިވާ ގަރާރުގައި މަޖިލީހުގެ ނައިބު ރައީސް ނާޒިމްގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ވަނީ ކޮށްފައިވާއިރު މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ނެގުމާއި، މަޖިލިސް ތެރޭގައި ފިތުނަ އުފައްދައި މަސްލަހަތު ގެއްލުވާލަން ތަކުރާރުކޮށް ނާޒިމް މަސައްކަތް ކުރެއްވި ކަމަށް އޭނާގެ މައްޗަށް ތުހުމަތުކޮށްފައިވެއެވެ.

އަދި ހަމައެއާއި އެކު މަޖިލީހުގެ މަސައްކަތްތަކުގައި ވަކި ސިޔާސީ ފިކުރަކަށް ބުރަވެ، މަސްލަހަތު ނަގާލަން ހިތްވަރުދީ ޒިންމާތަކުން އޭނާ ބަރީއަވެފައިވާ ކަމަށާއި، މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ވަކި އަތަކަށް ޖެހިފައިވާކަން ސާފުވާން އޮތުމާއި، މެންބަރުންގެ ހައްގުތަކާއި އިމްތިޔާޒުތައް ހިމާޔަތްކޮށްދިނުމުގައި ފުޅާ ދާއިރާއެއްގައި އިހުމާލުވެފައިވާ ކަމަށް ވެސް އެ ގަރާރުގައި ތުހުމަތުކޮށްފައިވެއެވެ. އަދި ގާނޫނުއަސާސީން މެންބަރުންނާ މަތިކޮށްފައިވާ ވާޖިބުތައް އަދާކުރުމުގައި ނައިބު ރައީސް ހުރަހަކަށް ވެފައިވާ ކަމަށްވެސް ގަރާރުގައި ބުނެފައިވެއެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *