ވަރިވުމުން ސަލާމަތްވާން ބޭނުންކުރި މޮޅު އުކުޅަކުން ލޯބި ދިރިގަތީ ވަރަށް ބާރަށް

ކައިވެންޏަށް 10 އަހަރުވީފަހުން އަނބިމީހާމަތިން ފޫހިވާންފެށިއެވެ. އަދި އެއްރޭ ގެއަށްގޮސް ދެމަފިރިން އެކުގައިތިބެ ކާން ފަށަމުން އަހަރެން ބުނީމެވެ. "ވަރަށް ބޮޑު ވާހަކައެއް ބުނަން އެބައޮތެވެ." އެކަމަކަށް އަނބިމީހާ އެއްވެސް ސަމާލުކަމެއް ނުދެއެވެ.

ކައިނިމިގެން އެންމެފަހުން އަހަރެން ބުނީމެވެ. "އަހަރެން ބުނަން ބޭނުންވަނީ އަހަރެން ކަލޭ ވަރިކުރަން ބޭނުންވާހަކައެވެ."

އަނބިމީހާ ކުރީ ސުވާލެކެވެ. "އެއީ ކީއްވެގެން ހެއްޔެވެ؟"

އަހަރެން ބުނީމެވެ. "އަހަރެމެންގެ މެދަކު އެއްވެސް ރަނގަޅު ގުޅުމެއް ނެތެވެ. އެކަކު އަނެކަކަށް ދޭންޖެހޭ ސަމާލަކަމެއް ނުދެވެއެވެ."

އަނބިމީހާ ބުންޏެވެ. "އެކަން އެނގުނީ ކައިވެންޏަށް 10 އަހަރު ފުރި އަދި ދަރިފުޅަށް 4 އަހަރުވެސްވީފަހުން ހެއްޔެވެ؟"

އަހަރެން ބުނީމެވެ. "އެކަން އެނގެންފެށީ އިތުރު އަންހެނެއްގެ ލޯބި ލިބެން ފެށުމުންނެވެ."

އަނެއް ދުވަހެވެ. ހެދުނުގެ ކޮފީތަށި ގެނެސްދީފައި އަނބިމީހާ ބުންޏެވެ. "ވަރިިވާން ތައްޔާރެވެ. ދެ ޝަރުޠެއްގެމަތީންނެވެ. ފުރަތަމަ ޝަރުތަކީ، ވަރިކުރުމަށްފަހު އަހަރެންނަށް އެއްވެސް ޚަރަދެއްކޮށްގެން ނުވާނެއެވެ. ދެވަނަ ޝަރުތަކީ، މަސްދުވަސްވަންދެން ކޮންމެ ދުވަހަކު އޮފީހަށް ދިއުމުގެ ކުރިން އަހަރެން އެނދުން އުފުލައިގެން ކޮޓަރީގެ ދޮރާއިހަމައަށް ގެންގޮސްދޭންވާނެއެވެ!"

ވަރިކުރަން ބޭނުންވެފައިހުރިވަރުން އެކަންކަން ޤަބޫލުކުރީމެވެ. އަދި އަނބިމީހާ ހުރީ މޮޔަވެފައިކަމަށް ބަލައި ލޯބިވެރިޔާ އާއިދެމީހުން ހީނހެދީމެވެ.

ފުރަތަމަ ދުވަހެވެ. އަނބިމީހާ އުފުލަން ވަރަށް ބަރުވިއެވެ. އަދި އުފުލާތަން ފެނިފައި ދަރިފުޅު އަތްޖަހައިހެދިއެވެ. އެތަން ފެނިފައި އަނބިމީހާ ބުންޏެވެ. "ވަރިކުރަން އުޅޭ ވާހަކަ ދަރިފުޅު ގާތު ނުބުނާށެވެ! އޭނާ ވަރަށް ދެރަވާނެއެވެ."

ދެވަނަ ދުވަސްވީ ވަރަށް އާދައާއި ޚިލާފް ދުވަހަކަށެވެ. އެއީ އަނބިމީހާގެ ގައިން ދުވާ މީރުވަސް ފުރަތަމަ ފަހަރަށް އިޙްޞާޞް ކުރެވުނު ދުވަހެވެ. ދެތިން ހަތަރުު ދުވަހެއްގެ ތެރޭގައި އަނބިމީހާ އުފުލުން ބުރަކަމަކަށްވެސް ނުވިއެވެ. މޭގައި އަނބިމީހާ ލެގިލުމުން ވަރަށް ފަސޭހައިން އުފުލެން ފަށައިފިއެވެ.

ވަކިހިސާބަކުން އަނބިމީހާ އުފުލާފައި ދޫކޮށް ނުލެވެން ފަށައިފިއެވެ. ބައްދައިލެވެން ފަށައިފިއެވެ. އަލުން އުފުލާފައި ގެންގޮސް އެނދުގައި ބޭއްވެން ފަށައިފިއެވެ. އެގޮތަށް ގޮސް 30 ވަނަ ދުވަހު އަނބިމީހާ އުފުލުމަށްފަހު ލޯބިވެރިޔާ ގާތު ބުނީމެވެ. "އަނބިމީހާ ވަރިކުރެވޭކަށް ނެތެވެ. މިހައިތަނަށް އަހަރެންނަށް ލޯބި ނުލިބި އޮތީ އަހަރެންގެ އިހްމާލުންނެވެ. މަސައްކަތަށް އިސްކަންދީ، އަނބިމީހާއަށް ދޭންޖެހޭ ސަމާލުކަން ނުދެވި އޮތުމުންނެވެ. އަނބިމީހާ ކަންކަމަށް ބޭނުންވުމުން ބުރައަކަށްވެފައި އޮތީ އެބުރަ އަހަރެން ނުއުފުލައި ހުރުމުންނެވެ. އަނބިމީހާގެ ބުރަދަން އުފުލަންފެށުމުން މިހާރު އަނބިމީހާ އުފުލުމަކީ އެއްވެސް ބުރަކަމެއް ނޫނެވެ. އެކަންކުރަން ހިތްވެސް ޖެހިއްޖެއެވެ."

ލޯބިވެރިޔާ އަހަރެންދެކެ ވަރަށް ރުޅިއައެވެ. ނަމަވެސް އަޅައިވެސް ނުލަމެވެ. އަނބިމީހާ ދޫކޮށްލާފައި އެހެން ކައިވެންޏެއް ކުރަން ބޭނުން ނުވާތީއެވެ.

އަހަރެންނަށް މިހާރުވަނީ ވިސްނިފައެވެ. އަނބިންނާއި ދުރުވެވުމަކީ ކުރެވޭނެ އެންމެ ބޮޑު ކުށެވެ. ކިތަންމެ ބުރަކޮށް މަސައްކަތްކުރި ނަމަވެސް އަނބިމީހާ އާއިއެކު ވަގުތު ހޭދަކުރަންޖެހެއެވެ. އަނބިން އެދޭ ކަންކަން ކޮށްދިނުމަކީ ބުރަކަމެއް ކަމަށް ނުދެކެ ކުރަންޖެހެއެވެ. އެކަންކަން ކުރެވޭނަމަ ލޯބީގެ ގޮށަށް ދޫކަމެއް ނުލިބޭނެއެވެ. އަބަދުވެސް ދާނީ ވާންވަމުންނެވެ!

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *