ތެދުވެރި ކެރޭ އަންހެނަކު ލިބުނީ ކާކަށް ހެއްޔެވެ؟ އެއަންހެނާ އަކީ ރަންމުތަކަށް ވުރެ އަގުހުރި އެއްޗެކެވެ. އޭނާގެ ފިރިމީހާ އޭނާއަށް އިތުބާރު ކުރާނެއެވެ. އޭނާގެ ދިރިއުޅުން ތަނަވަސް ކޮށްދޭނެއެވެ. އެ އަންހެނާގެ ކިބައިން ލިބޭނީ ހެޔޮކަމެވެ. ގެއްލުމެއް ނުލިބޭނެއެވެ. އެ އަންހެނާގެ މުޅި އުމުރު މިފަދައިން ކަންކަން ކުރާނެއެވެ.
އޭނާ އަވަދިނެތި އުއިވަށައި ފޮތިވިޔެ ހަދާނެއެވެ. އޭނާއަކީ ދުރުން ކާބޯތަކެތި ގެންނަ ނަވެއް ފަދައެވެ. ފަތިހު ތެދުވެ ގޯތި އެންމެންނަށް ހެނދުނުގެ ނާސްތާ ތައްޔާރު ކުރާނެއެވެ. އަދި ޚާދިމާއިންނަށް ދުވަހުގެ މަސައްކަތް ދައްކާނެއެވެ. ދަނޑުފަނގުތައް ބަލައި ބިން ގަންނާނެއެވެ. އޭނާ އެއްކޮށްފައި ހުންނަ ފައިސާއިން ގަސް އިންދައި ދަނޑު ހައްދާނެއެވެ.
އޭނާއަކީ ގައިގައި ވަރު ހުރި ގަދަފަދަ ބުރަ މަސައްކަތް ކުރާ އަންހެނެކެވެ. އޭނާ ވިޔަފާރިކޮށް އެއިން ފައިދާ ހޯދާނެއެވެ. ރޭގަނޑުގެ ގިނަ އިރު އޭނާގެ ގޭގެ ބައްތި ދިއްލިފައި ހުންނާނެއެވެ.
އޭނާ ރޮދި އެޅުމުގައި އަވަދިނެތި އުޅޭނެއެވެ. އިނގިލިތަކުން ހުއްޓާނުލާ އުއި ވަށާނެއެވެ. އޭނާ ފަގީރުންނަށް އެހީވާނެއެވެ. ބޭނުން ޖެހޭ މީހުންނަށް ދީލަތި ވާނެއެވެ.
ފިނިމޫސުން އަތުވެދާނެތީ އޭނާ ކަންބޮޑުވާކަށް ނުޖެހޭނެއެވެ. އޭނާ ގޭ އެންމެންނަށް ކެހެރި ފޭރާން ތައްޔާރުކޮށްފައި ހުންނާނެއެވެ. އޭނާ އެނދުތަންމަތި ތައްޔާރު ކުރާނެއެވެ. ލާނީ ރީތި ފަށުވި ލިބާހެވެ. އޭނާގެ ފިރިމީހާއަކީ ރަށުގެ ބޮޑުންގެ މީހެކެވެ. އޭނާ އިށީނދެ އިންނާނީ އިއްޒަތްތެރިންގެ ޖަމާޢަތުގައެވެ.
އެއަންހެނާ މޮޅު ފޮތި ވިޔެ ކަމަރާއި ފައްޓާއާއި ހެދުން ތައްޔާރުކޮށް ވިއްކާނެއެވެ. އޭނާގެ ކިބައިގައި ހުންނާނީ އަބުރާއި އިއްޒަތުގެ ސިފަތަކެވެ. މުސްތަގުބަލާމެދު ބިރެއްނެތި އޭނާ ހޭނެއެވެ. އޭނާ ބުނާ ބަސްތަކުގައި ބުއްދި އެކުލެވޭނެއެވެ. އޯގާވެރި އިރުޝާދު ދޭނެއެވެ. ގޭގައި އުޅޭ ހުރިހާ އެންމެން އޭނާ ބަލަހައްޓާނެއެވެ. ކަންނެތްކަމެއް އޭނާއެއް ނުދެކޭނެއެވެ.
އޭނާގެ ދަރިން އޭނާއަށް ބަރަކާތަށް އެދޭނެއެވެ. ފިރިމީހާ އޭނާއަށް މިހެން ތަޢުރީފު ކުރާނެއެވެ. ”ވަރަށް ގިނަ ރަނގަޅު އަންހެނުން ދުނިޔޭގައި އުޅެއެވެ. އެކަމަކު އެވަރުގެ އަންހެނަކު ނުފެންނާނެއެވެ.“
