އީދުތައް ފާހަގަކުރުމަށް އިސްލާމީ ވުޒާރާއިން ހާއްސަ ޕްލޭނެއް ތައްޔާރުކުރަނީ

އަންނަ އަހަރުން ފެށިގެން ފިޠުރު ޢީދާއި އަޟްޙާ ޢީދު ފާހަގަކުރުމަށްޓަކައި ޚާއްޞަ ޕްލޭނެއް އެކުލަވައިލުމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ނިންމައިފިއެވެ.

މީޑިޔާއަށް މައުލޫމާތު ދެއްވަމުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމު ޢަލީ ސަޢީދު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ 1448 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް އީދުތައް ފާހަގަކުރުމާ ބެހޭ ގޮތުން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ޚާއްޞަ ޕްލޭނެއް އެކުލަވައިލުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

ވަޒީރު ވިދާޅުވި ގޮތުގައި މިޕްލޭނަކީ މާލެއާއި އަތޮޅުތަކުގައި އީދު ފާހަގަކުރުމާ ގުޅޭ ޚާއްޞަ ޕްލޭނެކެވެ. އެޕުލޭނުގެ ދަށުން އީދު ފާހަގަކުރުމުގެ ކަންކަން ހުރިހާ ހިސާބެއްގައި ވަކި އުސޫލުތަކެއްގެ ތެރެއިން އިންތިޒާމުކުރެވިގެންދާނެ ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ.

ޑރ.ޝަހީމު އިތުރަށް ވިދާޅުވެފައިވަނީ އެ މަސައްކަތް ރޭވުމުގެ މަސައްކަތްކުރަނީ އެ ވުޒާރާގެ ޚާއްޞަ ކޮމިޓީއަކުންނެވެ. މިހާރު ކޮމިޓީން މަސައްކަތް ފަށާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވި ގޮތުގައި މި ޕްލޭނުގެ ދަށުން އީދު ފާހަގަކުރުމުގެ ކަންކަން ރާވައި ހިންގާނީ ރަށްރަށުގެ ކައުންސިލުތަކާ މަޝްވަރާކޮށްގެންނެވެ. އަދި އެ ހަރަކާތްތައް ރޭވުމުގައި އަތޮޅުތަކުގައި މަސައްކަތްކުރާ އިސްލާމީ ޚިދުމަތްދޭ މަދަނީ ޖަމްއިއްޔާތައް ބައިވެރިކުރުމަށްވެސް ޕްލޭނުގައި ހިމެނިގެންދާނެ ކަމުގައި ވަޒީރު ވިދާޅުވިއެވެ.

އޭގެ އިތުރަށް ސިޓީތަކުގައި އީދު ފާހަގަކުރުމަށް ޚާއްޞަ ހަރަކާތްތަކެއް ހިންގުމަށް ރޭވިގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މި މަސައްކަތް އިންތިޒާމުކޮށް ކުރިއަށްގެންދަވަން ގަސްތުކުރައްވަނީ ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއާ ގުޅިގެން ކަމަށްވެސް ޑރ.ޝަހީމު ވިދާޅުވިއެވެ.

އީދުގެ މުނާސަބާ ފާހަގަކުރުމުގައި ރާއްޖޭގެ ރަށްރަށުގައި އިސްލާމީ ސަގާފަތާ ހިލާފު ކަންކަން ނުހިންގުމަށް ސަރުކާރުން ތަކުރާރުކޮށް އިލްތިމާސްކުރި ނަމަވެސް، ކޮންމެ އީދެއްގައިވެސް އިސްލާމީ އުސޫލުތަކާ ޚިލާފު ކަންކަން ރަށްރަށުގައި ހިނގާތީ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *