މާލީ ކަންކަމާއި ސަރުކާރުގެ ކުންފުނިތަކާ ބެހޭ ވަޒީރު، މޫސާ ޒަމީރު މަގާމުން އިސްތިއުފާދެއްވައިފިއެވެ. މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސްގެ މަގާމުގައި ހުންނެވި ޒަމީރު އިސްތިއުފާ ދެއްވިކަން ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސެއިން ޝަރީފް ވަނީ މީޑިއާތަކަށް ކަށަވަރުކޮށްދެއްވާފައެވެ.
އެނގިފައިވާ ގޮތުގައި ޒަމީރު އިސްތިއުފާ ދެއްވީ ސިއްހީ ސަބަބުތަކަކާ ގުޅިގެންނެވެ.
މި ސަރުކާރުގައި ޒަމީރު އެންމެ ފުރަތަމަ ހުންނެވީ ފޮރިން މިނިސްޓަރުގެ މަގާމުގައެވެ. އެ މަގާމުން ފިނޭންސް މިނިސްޓަރަކަށް ބަދަލުކުރީ ސެޕްޓެމްބަރު 30، 2024 ގައެވެ.
އޭގެ ފަހުން ސަރުކާރުގެ ކެބިނެޓަށް ގެނައި ބަދަލާ އެކު ޒަމީރު ފެނިގެން ގޮސްފައިވަނީ މި ސަރުކާރުގެ ވަރަށް އިސް ބޭފުޅެއްގެ ގޮތުގައެވެ.
އެގޮތުން މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ކުރާނެ އަސަރުތައް ދެނެގަނެ، އެކަމާ ގުޅިގެން އަޅާނެ ފިޔަވަޅުތައް ކަނޑައެޅުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އުފެއްދެވި ވަޒީރުންގެ ހާއްސަ ކޮމިޓީގެ ޗެއާއަކަށް ވެސް ފަހުން ހަމަޖައްސާފައިވަނީ ޒަމީރުއެވެ.
އޭގެ އިތުރުން ލޯކަލް ގަވަރުނަމެންޓް މިނިސްޓްރީ އުވާލުމަށްފަހު ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ރައީސަކަށް ވެސް ފަހުން ހަމަޖައްސާފައިވަނީ މޫސާ ޒަމީރެވެ.
