ފިނޭންސް މިނިސްޓަރުގެ މަގާމަށް، ޙަސަން ޒަރީރު ޢައްޔަންކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސްގެ މަގާމަށް، އަލްފާޟިލް ޙަސަން ޒަރީރު މިއަދު ޢައްޔަންކުރައްވައިފިއެވެ. މި މަގާމަށް ޙަސަން ޒަރީރު ޢައްޔަންކުރައްވައި، މަގާމުގެ ފަތްކޮޅު ދެއްވުމުގެ ރަސްމިއްޔާތު އޮތީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ރަސްމިއްޔާތުގައި، ވަޒީރުންގެ މަޖިލީހުގެ މެންބަރުކަމުގެ ހުވައި ޙަސަން ޒަރީރަށް ލައިދެއްވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު މުޙައްމަދު ސަލީމްއެވެ. ހުވައި ކުރެއްވުމަށްފަހު، ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ހުވައިގެ އިޤްރާރުގައި ޙަސަން ޒަރީރު ވަނީ ސޮއިކުރައްވާފައެވެ.

މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސްގެ މަގާމަށް އާ ބޭފުޅަކު މި ޢައްޔަންކުރެއްވީ، ސަރުކާރުގެ އިޤްތިޞާދީ އަދި މާލީ ސިޔާސަތުތައް ތަންފީޛުކުރުމުގެ މުހިންމު ދަނޑިވަޅެއްގައެވެ. ޙަސަން ޒަރީރަކީ މާލީ ދާއިރާގެ ތަޖުރިބާލިބިވަޑައިގެންފައިވާ ބޭފުޅެއްކަން ފާހަގަކުރެވެއެވެ.

މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސްގެ މަޤާމަށް މިއަދު އައްޔަން ކުރެއްވި ޙަސަން ޒަރީރަކީ ޓެކްސް އަދި އޮޑިޓާ ގުޅޭ އެކި މަޤާމުތަކުގައި 2000 ވަނަ އަހަރުން ފެށިގެން މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. ޙަސަން ޒަރީރު އެންމެ ފަހުން އަދާކުރައްވާފައިވަނީ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމެވެ.

ޙަސަން ޒަރީރު ވަނީ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ މެލޭޝިއާ (އައި.އައި.ޔޫ.އެމް) ގައި ބެޗެލަރ އޮފް އެކައުންޓިންގ އަދި މާސްޓަރ އޮފް ސައިންސް ފައިނޭންސް ޑިގްރީ ހާޞިލްކުރައްވާފައެވެ. މީގެ އިތުރުން ޙަސަން ޒަރީރު ވަނީ، އިނގިރޭސިވިލާތުގެ ފެލޯ ޗާޓަރޑް މެނޭޖްމަންޓް އެކައުންޓަންޓް (އެފް.ސީ.އެމް.އޭ، ސީ.ޖީ.އެމް.އޭ) އާއި، އޮސްޓްރޭލިއާގެ ސަރޓިފައިޑް ޕްރެކްޓިސިންގ އެކައުންޓަންޓް ގެ ކޮލިފިކޭޝަން ހާސިލްކުރައްވާފައެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *