މޮރޮކޯއިން ބްރެޒިލް ހިފަހައްޓައިފި

ފީފާ ވޯލްޑް ކަޕް 2026 ގައި ބްރެޒިލުން ކުޅުނު ފުރަތަމަ މެޗުގައި މޮރޮކޯ އަތުން އެއްވަރުވެއްޖެއެވެ. އެމެރިކާގެ ނިއު ޖާޒީގައި ހުންނަ މެޓްލައިފް ސްޓޭޑިއަމްގައި ރޭ ބްރެޒިލާއި މޮރޮކޯ ބައްދަލުކުރި "ގްރޫޕު ސީ" ގެ މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ.

ރޭގެ މެޗުގައި ބްރެޒިލްގެ ތަރި ނޭމާ ހިމެނިފައެއް ނުވެއެވެ. އެއީ ވޯލްޑް ކަޕް 2026 ފެށެން ކައިރިވެފައި ވަނިކޮށް ލިބިފައިވާ އަނިޔާއަށްފަހު ނޭމާ މުޅިން ފިޓުވެފައި ނުވާތީއެވެ. ނަމަވެސް ކުރިއަށް ހުރި މެޗްތަކުގައި ނޭވާ ފިޓްވާނެކަމަށް ކޯޗްވަނީ ބުނެފައެވެ.

ބްރެޒިލްގެ އެޓޭކުގައި ރަފީނިއާ އާއި ވިނީޝިއަސް ޖޫނިއާ ފަދަ ހުނަރުވެރި ތަރިންތަކެއް ހިމެނުނު ނަމަވެސް، މެޗުގެ ކުރީކޮޅުގައި އެޓޭކުގައި ނުރައްކާކޮށް ފެނުނީ މޮރޮކޯއެވެ. އެގޮތުން މެޗުގެ ހަވަނަ މިނެޓުގައި މޮރޮކޯއިން ތަނަވަސްކުރި ފުރުސަތު ފާހަގަކޮށްލެވެއެވެ. ޕެނަލްޓީ އޭރިއާ ބޭރުން މޮރޮކޯގެ ނީލް އެލް އޭނޫއީ ފޮނުވާލި ހަމަލާ، ބްރެޒިލް ޑިފެންޑަރު ވަނީ ބްލޮކް ކޮށްފައެވެ.

މި މެޗްގައި ބްރެޒިލަށް އުނދަގޫތަކަކާ ކުރިމަތިލާންޖެހިފައިވަނީ، ގިނަ ބޯޅަތަކެއް ގެއްލި، ބޯޅަ ނުހިފެހެއްޓިގެންނެވެ. ނަތީޖާއެއްގެ ގޮތުން ޕްރެސިން ގޭމެއް ކުޅެމުންދިޔަ މޮރޮކޯއިން ކުރިއަށް ޖެހި އެޓޭކު ކުރުމަށް މަސައްކަތްކުރަމުންދިޔައެވެ.

މެޗުގެ 13 ވަނަ މިނެޓުގައި ބްރެޒިލަށް ހުސް ފުރުސަތެއް ލިބިގެންދިޔައެވެ. ވިނީޝިއަސް އަރިމަތިން ނަގައިދިން ހުރަސް، ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރި އިގޯ ތިއާގޯގެ ބޮލުގައި ލައްވާލާ ގޮތް ވެފައެއް ނުވެއެވެ. އޭގެ ފަސް މިނެޓު ފަހުން ރަފީނިއާ ޖައްސާލި ބޯޅަ ވެސް ޕެނަލްޓީ އޭރިއާ ތެރެއިން ތިއާގޯއަށް ލިބޭ ގޮތް ވެފައެއް ނުވެއެވެ.

ބްރެޒިލުން އެޓޭކު ވަރުގަދަކުރުމަށް މަސައްކަތްތަކެއް ކުރަމުންދަނިކޮށް، މެޗުގެ 21 ވަނަ މިނެޓުގައި ކައުންޓާ އެޓޭކެއްގައި މޮރޮކޯގެ އިސްމާއިލް ސައިބާރީ ވަނީ ގޯލެއް ޖަހައި ލީޑު ހޯދައިފައެވެ. އޭނާ އޭރިއާ ބޭރުން ބްރެޒިލް ކީޕަރު އެލިސަން ބެކާގެ ބޯމަތިން ގޯލުގެ ތެރެއަށް ބޯޅަ ފޮނުުވާލިއިރު ކީޕަރު އެލިސަން ވެސް ހުރީ ބޯޅަ ހޯދުމަށް ކުރިއަށް ނުކުމެއެވެ.

ބްރެޒިލުން ނަތީިޖާ ހަމަހަމަކުރީ މެޗުގެ 32 ވަނަ މިނެޓުގައެވެ. އެ ގޯލު ކާމިޔާބުކޮށްދިނީ ބްރެޒިލް ތަރި ވިނީޝިއަސްއެވެ. އޭނާ ފޮނުވާލި ބާރު ހަމަލާ އަމާޒުވީ މޮރޮކޯ ގޯލުގެ މަތީ ކަނަކަށެވެ.

މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ.

މެޗުގެ 52 ވަނަ މިނެޓުގައި ބްރެޒިލުގެ ނުރައްކަލެއް ފެނިގެންދިޔައެވެ. އަދި ބްރެޒިލުގެ އެޓޭކަށް ބަދަލުތަކެއް ގެނެއުމާއެކު މެޗުގެ 68 ވަނަ މިނެޓުގައި ބްރެޒިލަށް ރަނގަޅު ފުރުސަތެއް ވެސް ލިބިގެންދިޔައެވެ.

ވިނީޝިއަސް ޖޫނިއާ ބޯޅަ ހިފައިގެން ކުރިއަށް ޖެހި، ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ރަފީނިއާ ފޮނުވާލި ހަމަލާ އަމާޒުވީ މޮރޮކޯ ކީޕަރު ބޯނޯއާ ދިމާއަށެވެ. އޭނާ ވަނީ އެ ބޯޅަ ފަސޭހަކަމާއެކު ހޯދައިފައެވެ.

މެޗުގެ ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައި މޮރޮކޯގެ ނުރައްކާތެރި ހަމަލާއެއް ފެނިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ބޭރުން މޮރޮކޯގެ އޭނޫއީ ފޮނުވާލި ހަމަލާ، ގޯލުގެ ތިރީ ކަނަކަށް އަމާޒުވާން ދަނިކޮށް، ބްރެޒިލްގެ ކީޕަރު އެލިސަން ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައެވެ.

ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ބްރެޒިލުން ފުރުސަތުތައް ތަނަވަސްކުރަމުންދިޔަ ނަމަވެސް، ބޯނޯ ބަލަހައްޓަމުންދިޔަ މޮރޮކޯގެ ގޯލުގެ ތެރެއަށް ބްރެޒިލަށް ބޯޅައެއް ފޮނުވާލެވިފައެއް ނުވެއެވެ.

ބްރެޒިލަކީ މިހާތަނަށް ބޭއްވި ހުރިހާ ވޯލްޑް ކަޕެއްގައި ވެސް ވާދަކުރި ހަމައެކަނި ގައުމެވެ. ފަސް ވޯލްޑް ކަޕް ތައްޓާއެކު އެންމެ ކާމިޔާބު ގައުމަކީ ވެސް ބްރެޒިލެވެ. ނަމަވެސް ވޯލްޑް ކަޕް 2002 އަށްފަހު ބްރެޒިލަށް މުބާރާތް ކާމިޔާބުކުރެވިފައެއް ނުވެއެވެ. މިދިޔަ ދެ މުބާރާތް ބްރެޒިލުން ނިންމާލީ ކުއާޓާ ފައިނަލާ ހިސާބުންނެވެ.

އެފްރިކާ ޗެމްޕިއަން މޮރޮކޯއިން މީގެ ކުރިން ހަ ފަހަރަކު ވޯލްޑް ކަޕްގައި ވާދަކޮށްފައިވާ އިރު، ގަތަރުގައި ބޭއްވި 2022 ގެ ވޯލްޑް ކަޕަކީ މޮރޮކޯއަށް ކާމިޔާބު މުބާރާތެކެވެ. ސަޕްރައިޒިން ޓީމެއްގެ ގޮތުގައި މޮރޮކޯއިން ވަނީ ސެމީ ފައިނަލާ ހިސާބަށް ދަތުރުކޮށްފައެވެ.

މި މުބާރާތުގައި ބްރެޒިލްއިން ދެން ނުކުންނާނީ އެ ގްރޫޕުގައި ދެން އޮތް ހައިޓީއާއި ދެކޮޅަށް މިމަހުގެ 20 ވަނަ ދުވަހުއެވެ. އަދި 25 ވަނަ ދުވަހު ސްކޮޓްލޭންޑާއި ދެކޮޅަށް ބްރެޒިލް ނުކުންނައިރު، 20 ވަނަ ދުވަހު މޮރޮކޯއިން ސްކޮޓްލޭންޑާއި ކުޅޭނެއެވެ. އަދި ހައިޓީއާއި މޮރޮކޯ މެޗު އޮންނާނީ މި މަހުގެ 25 ވަނަ ދުވަހުއެވެ.

ބްރެޒިލާއި މޮރޮކޯގެ އިތުރުން ގްރޫޕު ސީގައި ހިމެނުނު ހެއިޓީ އާއި ސްކޮޓްލެންޑް ބައްދަލުކުރި މެޗު ފެށުނީ ރާއްޖެގަޑިން މިއަދު ހެނދުނު 6:00 ގައެވެ. މި މެޗް 1 ލަނޑު 0 ލަނޑުން ކާމިޔާބުކުރީ، ހެއިޓީ އެވެ. މިއަދު  ހެނދުނު އޮސްޓްރޭލިޔާ އާއި ތުރުކީގެ މެޗެއް ވެސް ކުޅުނެވެ. މިމެޗް 2 ލަނޑު 0 ލަނޑުން ކާމިޔާބުކުރީ އޮސްޓްރޭލިޔާ އެެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *