ވޯލްޑް ކަޕް 2026 ގައި ފަހުވަގުތު ޖަޕާނުން ނެދަލެންޑްސް ހިފަހައްޓައިފިއެވެ. އެމެރިކާގެ ޑެލަސް ސްޓޭޑިއަމްގައި ރޭ ކުޅުނު ނެދަލެންޑްސް އާއި ޖަޕާން ބައްދަލުކުރި މެޗު ނިމިގެންދިޔައީ 2-2 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ.
ރޭގެ މެޗަށް ނެދަލެންޑްސް ނުކުތީ ޑިޕާއީ އާއި ނޭތަން އަކޭ ނުހިމަނައެވެ. ނަމަވެސް ނެދަލެންޑްސް އިން ނެރުނީ ވަރުގަދަ ފުރަތަމަ 11 އެކެވެ.
މެޗުގެ ކުރީކޮޅު ނެދަލެންޑުން ވަނީ ގޯލު ޖަހާނެ ރަނގަޅު ފުރުސަތެއް ތަނަވަސްކޮށްފައެވެ، ކޯޑީ ގަކްޕޯ ދިން ބޯޅަައެއް ކޮންޓްރޯލުކޮށްލުމަށްފަހު އެނބުރިލާފައި ޑޮންޔެލް މާލެން ފޮނުވާލި ހަމަލާ، ޖަޕާންގެ ކީޕަރު ޒިއޯން ސުޒޫކީ ވަނީ މަތަކޮށްފައެވެ.
މެޗުގެ ކުރީކޮޅުގައި ދެ ޓީމުގެ ފަރާތުން ވެސް ފެނިގެންދިޔައީ ދާދި ހަމަހަމަ ކުޅުމެކެވެ. ނެދަލެންޑްސް އިން ޖަޕާންގެ ޕެނަލްޓީ އޭރިއާ ތެރެއިން ފުރުސަތުތައް ތަނަވަސްކުރުމަށް މަސައްކަތްކުރަމުންދިޔަ އިރު، ޖަޕާނުން މަސައްކަތްކުރި އަރިމަތިން ނެދަލެންޑްސްގެ ޕެނަލްޓީ އޭރިއާ ތެރެއަށް ހުރަސްތައް ނަގައިގެން ނުރައްކާކުރުމަށެވެ.
މެޗުގެ 34 ވަނަ މިނެޓުގައި ނެދަލެންޑްސްގެ ނުރައްކަލެއް ފެނިގެންދިޔައެވެ. ޓިޖާނީ ރައިޑާސް ނަގައިދިން ކޯނަރަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ މާލެން ބޮލުން ފޮނުވާލި ހަމަލާ، ޖަޕާން ކީޕަރު ސުޒޫކީ ވަނީ މަތަކޮށްފައެވެ. އޭގެ މާގިނައިރުތަކެއް ނުވެ ޕެނަލްޓީ އޭރިއާ ތެރެއިން ނެދަލެންޑްސްގެ ގަކްޕޯއަށް ފުރުސަތެއް ލިބުނު ނަމަވެސް، އޭނާ ފޮނުވާލި ހަމަލާ ދިޔައީ ޖަޕާން ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށެވެ.
މެޗުގެ ފުރަތަމަ ހާފު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް، ޖަޕާނަށް ހުސް ފުރުސަތެއް ލިބިގެންދިޔައެެވެ. ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ ކެއިޓޯ ނަކަމޫރާ ފޮނުވާލި ހަމަލާ ދިޔައީ ނެދަލެންޑްސް ގޯލުގެ އަރިމަތީ ދަނޑިކައިރިން ބޭރަށެވެ. އޭގެ އިރުކޮޅެއް ފަހުން ޕެނަލްޓީ އޭރިއާ ތެރެއިން ޖަޕާންގެ އަޔާސޭ ޔުއޭޑާ ފޮނުވާލި ހަމަލާ ވެސް ނެދަލެންޑްސް ގޯލާ އަމާޒުވެފައެއް ނުވެއެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި އެއްވަރުވެގެންނެވެ.
ނެދަލެންޑްސް އިން ގޯލެއް ޖަހައި ލީޑު ހޯދީ މެޗްގެ 51 ވަނަ މިނެޓްގެތެރޭގައެވެ. ރަޔަން ގްރެވެންބާކް ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ ބޮލުން ފޮނުވާލި ހަމަލާއަކުން ނެދަލެންޑްސްއަށް އެ ގޯލު ކާމިޔާބުކޮށްދިނީ ކެޕްޓަން ވާޖިލް ވެން ޑައިކްއެވެ.
ޖަޕާނުން ގޯލެއްޖަހައި ނަތީޖާ ހަމަހަމަ ކުރީ އޭގެ 5 މިނެޓް ފަހުންނެވެ. ކޫބޯ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ހަމަލާއަކުން ޖަޕާނަށް އެ ގޯލު ކާމިޔާބުކޮށްދިނީ ކެއިޓޯ ނަކަމޫރާއެވެ. އޭނާ ބޯޅަ އަމާޒުކޮށްލީ ނެދަލެންޑްސް ގޯލުުގެ ތިރީ ކަނަކަށެވެ.
ނެދަލެންޑްސްއިން ވަނީ ގޯލެއް ޖަހައި އަލުން ލީޑު ހޯދައިފައެވެ. އެއީ މެޗްގެ 64 ވަނަ މިނެޓްގައެވެ. ގްރެވެންބާކް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުން ނެދަލެންޑްސްއަށް އެ ގޯލު ކާމިޔާބުކޮށްދިނީ ކްރިސެންސިއޯ ސަމާވިލްއެވެ. އޭނާ ފޮނުވާލި ބޯޅަ، ޖަޕާންގެ ގޯލުގެ ތެރެއަށް ވަދެފައިވަނީ ގޯލުގެ އަރިމަތީ ދަނޑީގައި ޖެހިފައެވެ. މިއީ ނެދަލެންޑްސްގެ ޖާޒީގައި ސަމާވިލްް ކާމިޔާބުކުރި ފުރަތަަމަ ގޯލެވެ.
މެޗު ނިމެން މިނެޓަކަށް ވެފައިވަނިކޮށް ޖަޕާނުން ވަނީ ގޯލެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. ޖުންޔޯ އިޓޯ ނަގައިދިން ކޯނަރަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ކޮކީ އޮގަވާ ބޮލުން ފޮނުވާލި ހަމަލާ، ނެދަލެންޑްސްގެ ގޯލުގެ ތެރެއަށް ވަދެފައިވަނީ ޑައިޗީ ކަމަޑާގެ ގައިގައި ޖެހިފައެވެ. އެހެންކަމުން އެ ގޯލަކީ ޖަޕާންގެ ކަމަޑާގެ ގޯލެއް ކަމަށް ވަނީ ނިންމައިފައެވެ.
މި ގްރޫޕުގައި ނެދަލެންޑްސް އާއި ޖަޕާނުގެ އިތުރުން ދެން ހިމެނެނީ ސްވިޑެން އާއި ޓިއުނީޝިއާއެވެ. އެ ދެ ޓީމު ބައްދަލުކުރި މެޗް ކުޅެވުނީ މިއަދު ހެނދުނު 7:00 ގައެވެ. މި މެޗް 5 ލަނޑު 1 ލަނޑުން ކާމިޔާބު ކުރީ ސްވިޑެން އެވެ. މިރޭވެސް ފޯރިގަދަ މެޗެއް ކުޅެވޭނެ އެވެ. އެޓްލާންޓާގެ މާސިޑީޒް-ބެންޒް ސްޓޭޑިއަމްގައި ކުޅޭ ގްރޫޕް 'އެޗް' ގެ ފުރަތަމަ މެޗުގައި، ވޯލްޑް ކަޕްގެ ދެވަނަ ތަށި ހޯދުމުގެ އަޒުމުގައި ސްޕެއިން ނުކުންނާނީ އަލަށް މި މުބާރާތުގައި ވާދަކުރާ ކޭޕް ވާޑޭއާ ދެކޮޅަށެވެ.
