އެމެރިކާގެ މާސެޑޭސް ބެންޒް ސްޓޭޑިއަމްގައި ރޭ ކުޅުނު ކުޑަކުޑަ ކޭޕް ވާޑުން ވަރުގަދަ ސްޕެއިން ރޮއްވާލައިފި އެވެ. ނިމިގެންދިޔައީ 0-0 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ. ސްޕެއިނަކީ ޔޫރޯގެ އެންމެ ކާމިޔާބު ގައުމެވެ. ފީފާ ރޭންކިންގ ގެ 2 ވަނަ ގައުމެވެ. އެ ޓީމުން ވަނީ ހަތަރު ފަހަރު މި މުބާރާތުގެ ތަށި އުފުލާލައިފައެވެ. ގައުމީ ފުޓުބޯޅަ ޓީމަކީ ހަތަރު ލައްކަ މީހުންގެ އާބާދީއެއް އޮންނަ ކުޑަ ޖަޒީރާ ގައުމެކެވެ. ފީފާ ރޭންކިންގ ގެ 67 ވަނައިގައި އޮތް ގައުމެވެ. މިއީ އެ ގައުމުގެ ތާރީޚުގައި ވޯލްޑް ކަޕްގައި ވާދަކުރާ ފުރަތަމަ ފަހަރެވެ.
ސްޕެއިނުން މެޗު ފެށީ ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ނަމަވެސް ކޭޕް ވާޑުން ކުޅުނީ ވަރަށް ބޮޑަށް ފަހަތަށް ޖެހިގެންނެވެ. އެހެންކަމުން ސްޕެއިނަށް ގޯލް ޖަހާނެ ފުރުސަތުތައް ތަނަވަސްކުރުމަށް ވަނީ ދަތިތަކާ ކުރިމަތިލާން ޖެހިފައެވެ.
ސްޕެއިނުން ކޭޕް ވާޑްގެ ގޯލަށް ހަމަލާއެއް ފޮނުވާލިީ މެޗްގެ 15 ވަނަ މިނެޓްގައެވެ. ޕެނަލްޓީ އޭރިއާ ބޭރުން ޕެޑްރީ ފޮނުވާލި އެ ހަމަލާ ކޭޕް ވާޑްގެ ކީޕަރު ވޮޒީނިއާ ވަނީ އެ ބޯޅަ ފަސޭހަކަމާއެކު ހޯދައިފައެވެ.
ސްޕެއިނުން ކުރިއަށް ޖެހި ބޯޅަ ހިފަހައްޓައިގެން ކުޅެމުންދިޔަ އިރު، މުޅި ޓީމު ފަހަތަށް ފައިބައިގެން ކުޅެމުންދިޔަ ކޭޕް ވާޑުން މަސައްކަތްކުރީ ކައުންޓާ އެޓޭކުގައި ނުރައްކާކުރުމަށެވެ. ނަމަވެސް ކައުންޓާ އެޓޭކުގެ ނުރައްކާ އެންމެ އެދެވޭ ގޮތެއްގައި ކުރެވިފައެއް ނުވެއެވެ.
ސްޕެއިންގެ ވަރުގަދަ ހަމަލާއެއް 30 ވަނަ މިނެޓްގައިވެސް ފެނިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ތެރެއިން މާކް ކުކުރެޔާ ފޮނުވާލި ހަމަލާ ވެސް ކޭޕް ވާޑްގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ.
އެއާއެކު 37 ވަނަ މިނެޓުގައި ކޭޕް ވާޑްގެ ހަމަލާއެއް ފެނިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ބޭރުން ޖޮޔާން ކަބްރާލް ފޮނުވާލި ހަމަލާ، ސްޕެއިންގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ.
ސްޕެއިނަށް ރަނގަޅު ދެ ފުރުސަތެއް 39 ވަނަ މިނެޓުގައި ލިބިގެންދިޔައެވެ. އަދި ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ސްޕެއިނަށް އިތުރު ހުސް ފުރުސަތެއް ލިބިގެންދިޔައެވެ. ފެރާން ޓޮރޭސް ފޮނުވާލި ހަމަލާ، ކޭޕް ވާޑްގެ ކީޕަރު ވޮޒީނިއާ ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައެވެ. މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި އެއްވަރުވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި ވެސް ފުރަތަމަ ހަމަލާ އުފައްދާފައިވަނީ ސްޕެއިނުންނެވެ. މެޗުގެ 47 ވަނަ މިނެޓުގައި ޕެނަލްޓީ އޭރިއާ ބޭރުން ފަބިއަން ރުއިޒް ފޮނުވާލި ހަމަލާ ދިޔައީ ކޭޕް ވާޑް ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށެވެ. އޭގެ ދެ މިނެޓު ފަހުން ރުއިޒް ފޮނުވާލި ހަމަލާ ވެސް ކޭޕް ވާޑްގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ.
މެޗުގެ 53 ވަނަ މިނެޓުގައި ވެސް ސްޕެއިނަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެެވެ. ކޭޕް ވާޑްގެ ޑިފެންސަށް ހެދުނު ގޯހަކުން ލިބުނު ފުރުސަތަކުން، ކީޕަރު ވޮޒީނިއާ ކުރިއަށް ނުކުމެ ހުރުމާއެކު ބޯޅަ ފޮނުވާލި ނަމަވެސް، ކޭޕް ވާޑްގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ. އޭރު ފެރާން ޓޮރޭސް ވެސް ހުރީ ކޭޕް ވާޑްގެ ޕެނަލްޓީ އޭރިއާ ތެރޭގައި ހުސްކޮށެވެ.
ދެވަނަ ހާފު ފެށުނީއްސުރެ ސްޕެއިނުން ބޯޅަ ހިފަހައްޓައިގެން ކުޅެމުންދިޔަ ނަމަވެސް، ކޭޕް ވާޑުން ފެނުނީ ވަރުގަދަ ޑިފެންސެކެވެ. ހުރިހާ ކުޅުންތެރިން ފަހަތަށް ފައިބައިގެން ކޭޕް ވާޑުން ސްޕެއިނަށް ފުރުސަތުތައް ދީފައެއް ނުވެއެވެ.
ސްޕެއިނުން އެޓީމުގެ ޒުވާން ތަރި ލަމީން ޔަމާލް ކުޅެން އެރުވީ 70 ވަނަ މިނެޓްގައެވެ. އެއާއެކު ކޭޕް ވާޑްގެ ޑިފެންސަށް ބާރުބޮޑުވެގެންދިޔަ ތަން ފެނިގެންދިޔައެވެ.
މެޗުގެ 73 ވަނަ މިނެޓާއި 82 ވަނަ މިނެޓާއި 88 ވަނަ މިނެޓްގައި ވެސް ސްޕެއިނަށް ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔައެވެ.
މެޗުގެ ފަހު މިނެޓުގައި ކޯނަރަކުން ކޭޕް ވާޑްއަށް ހުސް ފުރުސަތެއް ލިބިގެންދިޔައެވެ. ކޯނަރަކުން ޑިނޭ ހުސްކޮށް ހުރެ ބޮލުން ފޮނުވާލި ހަމަލާ އަމާޒުވީ ސްޕެއިން ކީޕަރު ސިމޮންއާ ދިމާއަށެވެ.
މި ގްރޫޕުގައި ދެން ހިމެނެނީ ސައުދީ އަރަބިއްޔާ އާއި އުރުގުއާއީގެ މެޗް ކުޅުނީ ރޭ ދަންވަރު 3:00 ގައެވެ. މި މެޗް 1 ލަނޑު 1 ލަނޑުން ވީ އެއްވަރެވެ. މިއަދު ހެނދުނު 6 ޖެހިއިރު ކުޅުނު އީރާނާއި ނިއުޒިލޭންޑް މެޗްވެސް 2 ލަނޑު 2 ލަނޑުން ވީ އެއްވަރެވެ.
