ބްރެޒިލުން ދެ ވަނަ ބުރުގެ ފުރުޞަތު ބޮޑުކޮށްފި

އެމެރިކާގެ ފިލަޑެލްފިއާ ސްޓޭޑިއަމްގައި މިއަދު ކުޅުނު "ގްރޫޕު ސީ"ގެ މެޗުގައި ހެއިޓީގެ މައްޗަށް ބްރެޒިލުން ކުރި ހޯދީ 3-0 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ފުރަތަމަ ދިހަ މިނެޓުގެ ތެރޭގައި އެޓޭކުގައި ބްރެޒިލުން މަސައްކަތްކުރި ނަމަވެސް، ގޯލު ޖަހާނެ ފުރުސަތުތަކެއް ތަނަވަސްކުރެވިފައެއް ނުވެއެވެ. ވަރުގަދަ ބްރެޒިލާ ދެކޮޅަށް ކުޅުނު ނަމަވެސް، ލިބޭ ފުރުސަތުތަކުގެ ބޭނުން ހިފުމަށް މަސައްކަތްކުރިއެވެ.

މެޗުގެ 23 ވަނަ މިނެޓުގައި ބްރެޒިލުން ވަނީ ގޯލެއް ޖަހައި ލީޑު ހޯދީ މެޗުގެ 23 ވަނަ މިނެޓުގައެވެ. ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު ވިނީޝިއަސް ފޮނުވާލި ހަމަލާ، ހެއިޓީ ކީޕަރު ޖޯނީ ޕްލަސީޑް މަތަކުރުމާއެކު ރީބައުންސް ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ބްރެޒިލަށް އެ ގޯލު ކާމިޔާބުކޮށްދިނީ މެތިއަސް ކޫންޏާ އެވެ. ޕެނަލްޓީ އޭރިއާ ތެރެއިން އެ ބޯޅަ ދިފާއުކުރުމަށް ހެނެސް ޑެލްކްރޮއިޒް ދިފާއުކުރުމަށް މަސައްކަތްކުރި ނަމަވެސް، ކޫންޏާގެ ފައިގައި ޖެހި ވަނީ ބޯޅަ ގޯލުގެ ތެރެއަށް ވަދެފައެވެ.

އޭގެ ފަސް މިނެޓުފަހުން ބްރެޒިލްގެ ރަފީނިއާއަށް ޕެނަލްޓީ އޭރިއާ ތެރެއިން ގޯލަށް ނުރައްކާކުރުމުގެ ފުރުސަތު ވަނީ ލިބިފައެވެ. ނަމަވެސް ރަފީނިއާއަށް ރަނގަޅަށް ބޯޅަ ކޮންޓްރޯލު ނުކުރެވުމާއެކު، ހެއިޓީގެ ކީޕަރު ޕްލަސީޑް ވަނީ ބޯޅަ ހޯދައިފައެވެ.

މެޗުގެ 36 ވަނަ މިނެޓުގައި ބްރެޒިލުން ވަނީ އިތުރު ގޯލެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. ވިނީޝިއަސް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ބާރު ހަމަލާއަކުން ބްރެޒިލަށް އެ ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ ފުރަތަމަ ގޯލު ވެސް ކާމިޔާބުކޮށްދިން ކޫންޏާ އެވެ.

މެޗުގެ 39 ވަނަ މިނެޓުގައި ރަފީނިއާ އަށް ލިބުނު އަނިޔާއަކާ ގުޅިގެން އެޓީމުގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ ރަފީނިއާ ބާލަން ޖެހުމެވެ. އޭނާގެ ބަދަލުގައި ކުޅެން ނުކުމެފައިވަނީ ރަޔަން އެވެ.

ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައި ވިނީޝިއަސް ވަނީ ބްރެޒިލްގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ. އޭނާ އެ ގޯލު ކާމިޔާބުކުރީ ލޫކަސް ޕަކެޓާ ދިން ބޯޅައެއް ހިފައިގެން ހުސްކޮށް ހުރެ ޕެނަލްޓީ އޭރިއާ ތެރެއަށް ވަދެ ހެއިޓީގެ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެންނެވެ. އެ ގޯލަކީ މި ވޯލްޑް ކަޕްގައި ވިނީޝިއަސް ޖެހި ދެވަނަ ގޯލެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 3-0 ގެ ނަތީޖާއަކުން ބްރެޒިލް ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅުގައި ބަދަލުތަކާއެކު ހެއިޓީން ވަނީ އެޓޭކަށް މަސައްކަތްކޮށް، ބްރެޒިލްގެ ގޯލަށް ނުރައްކާކުރުމަށް މަސައްކަތްކޮށްފައެވެ. ނަމަވެސް ބްރެޒިލްގެ ޑިފެންސުން ހެއިޓީއަށް ގޯލަށް ނުރައްކާކުރުމުގެ ފުރުސަތު ދީފައެއް ނުވެއެވެ.

މި ނަތީޖާއާއެކު ބްރެޒިލުން ވަނީ ހަތަރު ޕޮއިންޓާއެކު ގްރޫޕުގެ އެއްވަނައަށް ޖެހިލައިފައެވެ. ދެވަނައިގައި އޮތް މޮރޮކޯއަށް ވެސް ހަތަރު ޕޮއިންޓު ލިބިފައިވާ އިރު، ބްރެޒިލް ކުރީގައި އޮތީ ގޯލުގެ ތަފާތުންނެވެ. ތިންވަނައިގައި އޮތް ސްކޮޓްލެންޑަށް ތިން ޕޮއިންޓު އަދި ހެއިޓީއަށް މިހާތަނަށް އެއްވެސް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

މެޗުގެ ފަހުކޮޅު ވިނީޝިއަސް ވެސް ބާލައި، ބަދަލުތަކެއް ގެނައި ނަމަވެސް، މާބޮޑު އެޓޭކުތަކެއް ބްރެޒިލުގެ ފަރާތުން ފެނިފައެއް ނުވެއެވެ. ހެއިޓީން އެޓޭކުކުރަމުން ދިއުމުން، ބްރެޒިލުގެ ޑިފެންސުން މަސައްކަތްތަކެއް ކުރަން ޖެހުނެވެ.

ދެން މި ގްރޫޕުގައި ކުޅެން ޖެހޭނީ ގްރޫޕުގެ ފަހު މެޗުތަކެވެ. ބްރެޒިލްގެ ފަހު މެޗުގައި ސްކޮޓްލެންޑާ ދެކޮޅަށް ނުކުންނަން ޖެހޭ އިރު، މޮރޮކޯ އިން ނުކުންނާނީ ހެއިޓީއާ ދެކޮޅަށެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *