އެންމެ މޮޅު އެތުލީޓުންނަކީ ޝާޔާއާއި ނާއިކް

އިއްޔެ ނިމުނު 35 ވަނަ ގައުމީ އެތުލެޓިކްސް މުބާރާތުގެ އެންމެ މޮޅު އަންހެން އަދި ފިރިހެން އެތުލީޓުންގެ މަގާމު ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަންގެ ޝާޔާ ޝަފީއު އަދި ޔޫސުފް ނާއިކް ވަޖީހު ހޯދައިފިއެވެ.

ޝާޔާ، ގައުމީ ޝޮޓް ޕުޓް އުކުމުގެ ގައުމީ ރެކޯޑްވެސް މިފަހަރު މުގުރާލާފައިވާ އިރު، ނާއިކް ވަނީ ރާއްޖޭގެ ފިރިހެން ހައި ޖަމްޕް ގައުމީ ރެކޯޑް އަނެއްކާ އާކޮށްފައެވެ.

މީގެކުރިން މިދިޔަ އަހަރުގެ ގައުމީ މުބާރާތުގައި ޝާޔާ އޭނާގެ ރެކޯޑް އާކުރީ، 9.80 މީޓަރު ދުރަށް އެއްލައިގެންނެވެ. މިފަހަރު މުބާރާތުގައި ޝާޔާ އެރެކޯޑް މުގުރާލީ، 10.20 މީޓަރަށް ކުރިއަށް ޖައްސާލައިގެންނެވެ. ޝާޔާ ވަނީ އޭގެ އިތުރުން ޑިސްކަސް އުކުމުންވެސް ރަން މެޑަލް ހޯދައިފައެވެ.

ނާއިކް މިފަހަރު އާކުރީ އޭނާގެ ރެކޯޑެކެވެ. މިދިޔަ އަހަރު ނާއިކް، 16 އަހަރުވީ ގައުމީ ފިރިހެން ހައި ޖަމްޕް ގައުމީ ރެކޯޑް މުގުރާލި އިރު، އެފަހަރު އޭނާ ވަނީ 1.88 މީޓަރު މަތިން ފުންމާފައެވެ. މިފަހަރު ރެކޯޑު އާކުރީ 1.91 މީޓަރު މަތިން ފުންމާފައެވެ.

އޭގެ އިތުރުން ޓްރިޕަލް ޖަމްޕު އިވެންޓްގައި ވާދަކޮށް ނާއިކް ރިހި މެޑަލް ހޯދިއެވެ. އެއްވަނައަށް ދިޔަ މުހައްމަދު ޖައިލަމް ވަލީދު 12.68 މީޓަރު ދުރަށް ފުންމާފައިވާ އިރު، ދެވަނައަށް ދިޔަ ނާއިކް ވަނީ 12.25 މީޓަރު ދުރަށް ފުންމައިފައެވެ. ތިންވަނަ ހޯދި އީސާ ޝަފީއު ފުންމީ 12.10 މީޓަރު ދުރަށެވެ. އޭގެ އިތުރުން ނާއިކް ވަނީ ލޯންގް ޖަޕް އިވެންޓުން ލޯ މެޑަލްވެސް ހޯދައިފައެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *