ފީފާ ވޯލްޑް ކަޕްގެ ތާރީހުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ ރެކޯޑު، ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިޔާ، އާޖެންޓީނާގެ ތަރި ލިއޮނެލް މެސީ މުގުރާލައިފިއެވެ.
މީގެ ކުރިން އެ ރެކޯޑު އޮތީ ޖަރުމަން ލެޖެންޑް މިރޮސްލާވް ކްލޯސާގެ އަތުގައެވެ. އެ ރެކޯޑުގައި ކްލޯސާ އޮތީ 16 ގޯލާއެކުއެވެ.
ވޯލްޑް ކަޕް 2026 ފެށުނު އިރު، މެސީ އޮތީ ފްރާންސް ލެޖެންޑް ޖަސްޓް ފޮއިންޓެއިންއާއެކު 13 ގޯލު ޖަހައިގެން ލިސްޓުގެ ހަވަނައިގައެވެ. ނަމަވެސް މި ވޯލްޑް ކަޕްގައި އާޖެންޓީނާއިން ކުޅުނު ފުރަތަމަ މެޗުގައި އަލްޖީރިއާ ކޮޅަށް ތިން ގޯލު ޖަހައިގެން ހެދި ހެޓްރިކާއެކު އޭނާ ވަނީ ކްލޯސާގެ ރެކޯޑާ އަރައި ހަމަކޮށް، ލިސްޓުގެ ކުރިއަށް ޖެހިލައިފައެވެ.
"ގްރޫޕު ޖޭ" ގައި އާޖެންޓީނާއިން އޮސްޓްރިއާއާ ދެކޮޅަށް މިރޭ ކުޅޭ މެޗަށް ނުކުތް އިރު، އެންމެ ގޯލެއް ޖަހައި އެ ޝަރަފުވެރި ރެކޯޑު މުގުރާލެވެން އޮތެވެ. އޮސްޓްރިއާގެ ގޯލަށް މިރޭ ގޯލު ޖަހައިގެން މެސީ ވަނީ އެ ރެކޯޑު މުގުރާލައިފައެވެ. ރެކޯޑު އަދަދަކަށް ހަ ވޯލްޑް ކަޕް ކުޅޭ މެސީ، މުބާރާތުގެ ތާރީހުގައި ޖެހި އަދަދު މިހާރު ވަނީ 17 އަށް އަރައިފައެވެ.
ފީފާ ވޯލްޑް ކަޕް 2026 ގެ ގްރޫޕް ޖޭގައި ރޭ ކުޅުނު ލިއޮނެލް މެސީގެ ރިކޯޑު ލަނޑުތަކާއެކު އޮސްޓްރިއާ ބަލިކޮށް، އާޖެންޓީނާއިން މުބާރާތުގެ ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ. އެމެރިކާގެ ޑަލަސް ސްޓޭޑިއަމްގައި ކުޅުނު މި މެޗު އާޖެންޓީނާއިން ކާމިޔާބުކުރީ 0-2 ގެ ނަތީޖާއަކުންނެވެ.
މިރޭ ކުޅުނު މެޗު ފަށައިގެން އާޖެންޓީނާއިން ރަނގަޅު ކުޅުމެއް ދެއްކިއިރު، މެޗުގެ ވަރަށް ކުރީކޮޅު އެ ޓީމަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. މިއީ އޭރިއާ ތެރެއިން އާޖެންޓީނާގެ ލައުޓާރޯ މާޓިނޭޒަށް ކުރި ފައުލަކާ ގުޅިގެން، ވީޑިއޯ އެސިސްޓަންޓް ރެފުރީ (ވީއޭއާރް) ބެލުމަށްފަހު ދިން ޕެނަލްޓީއެކެވެ. އެކަމަކު މެޗުގެ ނުވަވަނަ މިނެޓުގައި މެސީ ފޮނުވާލި ޕެނަލްޓީ ދިޔައީ ގޯލާ އަމާޒުނުވެ، އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ.
އެކަމަކު މެޗުގެ 38 ވަނަ މިނެޓުގައި މެސީ ވަނީ އާޖެންޓީނާއަށް ލީޑު ނަގައިދީފައެވެ. އޭނާ މި ލަނޑު ކާމިޔާބުކުރީ ފަކުންޑޯ މެޑީނާ ހުރަސްކޮށްދިން ބޯޅައަކުންނެވެ. މި އާއެކު ވޯލްޑް ކަޕުގެ ތާރީޚުގައިވެސް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރިކޯޑު މެސީ މުގުރާލިއިރު، މި ލަނޑާއެކު ވޯލްޑް ކަޕުގެ ތާރީޚުގައި ޖެހިޖެހިގެން ހަ މެޗުގައި ލަނޑުޖެހި ތިންވަނަ ކުޅުންތެރިޔާގެ ޝަރަފުވެސް އޭނާއަށް ވަނީ ލިބިފައެވެ. މެސީގެ ކުރިން މި ލަނޑުދަނޑު ހާސިލުކޮށްފައިވަނީ 1958 ވަނަ އަހަރު ފްރާންސްގެ ޖަސްޓް ފޮންޓެއިން އާއި، 1970 ވަނަ އަހަރު ބްރެޒިލްގެ ޖައިރްޒީނިއޯއެވެ.
މި މެޗުގެ ދެވަނަ ހާފުގައި ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ ނަމަވެސް، މެޗުގެ އިތުރު ވަގުތުގައި ކައުންޓަރ އެޓޭކަކުން އުފެއްދި ފުރުސަތެއްގައި އާޖެންޓީނާާއިން ވަނީ ލީޑު ފުޅާކޮށްފައެވެ. މި ލަނޑުވެސް ކާމިޔާބުކޮށްދިނީ މެސީއެވެ.
