ޤުރްއާން ކިޔެވިނަމަވެސް އެކަމުގެ ފައިދާ ނުކުރާ ބައެއް ސަބަބުތައް

ކީރިތި ޤުރްއާން ކިޔެވިނަމަވެސް އެކަށީގެންވާވަރަށް ރަނގަޅު އިޙްޞާޞްތައް ނުކުރެވޭ ކަމަށާއި ބޭނުންވާ ވަރަށް ހިތްހަމަޖެހުން ނުލިބޭ ކަމަށް ބައެއް މީހުން އެބަ ބުނެއެވެ. އަދި އެއީ ކީއްވެގެންތޯ ބައެއް މީހުން ސުވާލު ކުރެއެވެ.

އަހަރެންގެ ވިސްނުން ބުނެލާނަމެވެ.! ވެގެން މިއުޅޭ ގޮތަކީ ކީރިތި ޤުރްއާން ކިޔެވިނަމަވެސް އެ ފޮތުގައިވާ އެއްޗަކާއި ﷲ ތަޢާލާ އެނގޭމިންވަރުކުޑަވީއެވެ. އެކަމުގެ ހެކިވެސް ދައްކައިފާނަމެވެ. މިތަނުގައި ތިއަ ތިބި އެތައް ހާސް މީހުންގެ ތެރެއިން ކޮންމެ މީހަކު މި ސްޓޭޖަށް އަރުވާފައި އެމީހާ އެންމެ ލޯބިވާ މީހާގެ މައްޗަށް 3 މިނިޓްއިރު ވާހަކަދައްކަން ބުނެފިނަމަ 30 މިނިޓުއިރު ދެއްކި ނަމަވެސް ދައްކަންހުރި ވާހަކަތައް ހުހެއްނުވާނެއެވެ. ޖެހޭނީ ގަދަކަމުން ވާހަކަދެއްކުން ހުއްޓުވާށެވެ! 

އެއިގެ ބަދަލުގައި ސްޓޭޖަށް ގެނެސް ﷲ ތަޢާލާ އާއިމެދު 3 މިނިޓްއިރު ވާހަކަދައްކަން ބުނެފިނަމަ 2 މިނިޓް ނުވަނީސް މައުލޫމާތު ހުސްވެ ވާހަކަދެއްކުން ހުއްޓައިލާނެއެވެ. 3 މިނިޓް ހަމަކުރެވޭނީ ވެސް މަދުމީހަކަށެވެ.

މިދައްކަނީ ވަރަށް ސީރިއަސް ކަންތައްތަކެއްގެ ވާހަކައެވެ. މީސްތަކުންގެ އަމަލުތައް ހުންނަ ގޮތުން ﷲ ތަޢާލާގެ ހެޔޮ ރަޙްމަތްފުޅު މީސްތަކުންނާއި ދުރުވެ ފޭވަމުން އަންނަ ކަމުގެ އިޙްޞާޞްތައް މީސްތަކުންނަށް ކުރެވެން ފެށިކަމުގެ ވާހަކަތަކެވެ. އަދި އެކަން އެގޮތަށް މެދުވެރިވުމަށް މެދުވެރިވާ އެންމެ ބޮޑު ސަބަބުގެ ވާހަކައެވެ! 

ކުރީ ޒަމާނުގެ މީހުން ބުނެއުޅެއެވެ. "ފަހުޒަމާނުގައި ކީރިތި ޤުރްޢާން އުފުއްލެވޭނެއެވެ!"

އެބުނާ ބަހުގެ މާނައަކީ ހުރިހާ މުޞްހަފްތައް އުޑަށް އުފުއްލަވާނެ ކަމުގެ ވާހަކައެއް ނޫނެވެ!  ކީރިތި ޤުރްއާން ކިޔެވުމުގެ ބަރަކާތް ނެތިގެންދާނެކަމެވެ. އެއީ ކިޔަވައި އަމަލުކުރާނެ މީހަކު ނެތުމާއި ކީރިތި ޤުރްއާނަށް ގޮންޖަހާ މީހުން ގިނަވުމުގެ ސަބަބުންނެވެ. އެ ފޮތުގައިވާ ކަންކަމަށް ވިސްނައި ފިކުރުކޮށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދަން ބޭނުންވާ އަޅުން މަދުވުމުންނެވެ. ކުރުކޮށްލާފައި ޖުމުލަކޮށްލާފައި ބުނާނަމަ މީސްތަކުން ﷲ ތަޢާލާ ހަނދުމަނެތިކޮށްލުމުންނެވެ. 

އަހުރެން ޤަބޫލުކުރާ ގޮތުގައި މިކަންކަން މެދުވެރިވާނީ ހުރިހާ ބައަކަށް އަދި ހުރިހާ ހިސާބުތަކަކަށް އެއްފަހަރާއެއްވެސް ނޫނެވެ. ޖާހިލުކަން ފެތުރިގެންދާ މިންވަރަކުންނެވެ. ޖާހިލުވާމީހުންނަށެވެ! ވީމާ ކޮންމެ ޒަމާނެއްގައިވެސް އެކަން ގުޅިފައިވަނީ ޖާހިލުކަމާއިއެވެ. އެމީހަކު ޖާހިލުވާވަރަކަށެވެ.

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ކީރިތި ޤުރްއާނާއިމެދު ފަރުވާކުޑަނުކުރާށެވެ! ﷲ ތަޢާލާ އަންގަވާފައިވާކަންކަން އަންގަވާފައިވާ ގޮތަށް ކުރެވޭތޯ ގަދައަޅައި މަސައްކަތްކުރާށެވެ! ހިތްތައް ހޭލައްވަން އެބަޖެހެއެވެ! ﷲ ގަންދީ ބުނަމެވެ! ތިމާގެ ހިތުގައި ﷲ ތަޢާލާއަށް ލޯބި އިތުރުވެ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބުމަށް އޮތް މަގަކީ ހަމަ ކީރިތި ޤުރްއާނެވެ. އެކަން މިހައި ޔަޤީންކަމާއިއެކު މިބުނަނީ ކީރިތި ޤުރްޢާނުން އެކަން އެނގެން އޮތުމުންނެވެ!

 

– އިސްލާމީ ތިލަފަތުގެ ދަރުސަކުން 

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *