ކެތްތެރިކަމަކީ ހަމައެކަނި ތިމާއަށް ދިމާވާ މުސީބާތްތަކަށް ކެތްތެރި ވުމެއްނޫއެވެ. ބައެއްމީހުން މުސީބާތެއް ދިމާވުމުން ރޮއި ޝަކުވާކޮށް ހަދައެވެ. އަނެއްބަޔަކު ހިތާމައެއް ކުރިމަތިވުމުން މީހުންނާ ކުރިމަތިނުލާ އަބަދު ނިދުމުގައި ނުވަތަ ހިތްހަމަ ޖައްސާލުމުގެ ގޮތުން ސިނގިރޭޓްބުއިން ފަދަ ކަންކަން ކުރެއެވެ. މީހުންނަށް އޭނާ މުސީބާތެއްގައި އުޅޭކަން ނުދައްކާ ކެތްތެރި ވަނީއޭ ބުނެއެވެ. ނަމަވެސް ހަގީގީ ކެތްތެރިކަމަކީ މުސީބާތުގެ ވަގުތުގައިވެސް ﷲ ސުބުހާނަހޫ ވަތަޢާލާއަށް ފުރިހަމަގޮތުގައި ކިޔަމަންތެރިކަން އަދާކުރަމުން އެ ހާލަތުން އަރައިގަތުމަށް މަސައްކަތްކުރުމެވެ.
ކެތްތެރިކަމުގައި ތިމާގެ އެދުންތަކަށް އެއީ ހުއްދަނޫން އެދުންތަކެއް ކަމުގައި ވަނީނަމަ ނޫނެކޭ ބުނެ ދުރަށް ދިއުމުގައި ހިތްވަރު ކުރުމަކީވެސް ކެތްތެރިކަމުގެ ބައެކެވެ. ބައެއް މީހުން އެ އިހުސާސްތަކުން ދުރުގައި ހުރުމަށްޓަކައި ހަވާނަފުސުގެ އެދުންތަކުގައި އުޅެއެވެ. އަނެއްބަޔަކު ހުއްދަނޫން ތަކެތި ބެލުމާއި، ހުއްދަނޫން ތަކެތި ކެއުމާއި އަދި ބުއިމުގައި ވަގުތު ހޭދަ ކުރެއެވެ. ﷲ ސުބުހާނަހޫ ވަތަޢާލާ ނަހީކުރެއްވި އެންމެހާ ކަންކަމުން ދުރުވުމަށް މަސައްކަތް ކުރުމަކީވެސް ކެތްތެރިކަމުގެ ބައެކެވެ. ތިމާއަށް ދިމާވާ ކަންކަމުގައި ކެތްތެރިވުމުން އެމީހަކަށް ހެޔޮ ރަނގަޅުގޮތް މިންވަރު ކުރައްވައެވެ.
މަސްވެރިޔާ މަސްބޭނުމަށްޓަކައި އެތައް ވަގުތެއް ހޭދަކުރުމުން މަހެއް ލިބެއެވެ. ގޮލްފުކުޅޭ މީހާ ގިނަވަގުތުތަކެއް އެ ކުޑަކުޑަ ގޮލްފު ބޯޅަ އަމާޒަށް ފޮނުވުމަށް މަސައްކަތްކުރެއެވެ. ނަމަވެސް އެމީހުން ގެއަށް ވަދެވުމުން ގޭގައި ތައްޔާރުކޮށްފައި ހުރި ކާތަކެތި ކަމުނުދިއުމުން ހަޅޭއްލަވާ ހަދައެވެ. މޭޒުމަތީގައި އޮންނަ ޓީވީ ރިމޯޓް ހޯދުމަށް ދަރިންނަށް އަޑުލާހަދައެވެ.
ރޯދަވެރިޔާ ދުވާލު ހަތަރުދަމު ނުކައި ހުރެ ކެތްތެރިވެއެވެ. ނަމަވެސް ރޯދަވީއްލާ ވަގުތު ޖެހުމުން ކާތަކެތި އެންމެ މިނިޓަކަށްވެސް ލަސްވެއްޖެނަމަ އެއްޗިހިކިޔާ ހަދައެވެ. ބައެއްމީހުން އެންމެ ހެޔޮ ނަމާދު ކަމުގައިވާ ދަމުނަމާދު ކުރުމުގައި ކެތްތެރި ނުވެއެވެ. އަނެއް ބަޔަކު ފަތިސް ނަމާދަށް ހޭލައެވެ. ނަމަވެސް ފަތިސްނަމާދުގެ އިހު ސުންނަތުގެ ދެ ރަކުއަތް ކުރުމުގައި ފަރުވާ ކުޑަކުރެވެއެވެ.
އަބަދުވެސް ހަނދާނުގައި ބަހައްޓަންވީ ކަމަކީ ރުޅިއާއި، ހިތާމަޔާއި، ކަންބޮޑުވުމާއި، ދެރަވުމާއި އަދި ބަލިވުމާއި، ވަރުބަލިވުންވެސް ކޮންމެ މީހަކަށްމެ ދިމާވާނެކަމާއި އެކަންކަމުގައި އިސްލާމްދީނުގައި އަންގަވާފައިވާ ގޮތަށް ކެތްތެރިކަމުގެ ޢަމަލުތައް ގެންގުޅުމަށެވެ. ތިމާ ކުރާ ކޮންމެ ޢަމަލެއް މާތްﷲ މޮޅަށް ދެނެވޮޑިގަންނަވައެވެ.
ކޮންމެ އިންސާނެއްގެ ޢަމަލުތަކުގެ ފަތް ގިޔާމަތްދުވަހު އެމީހަކަށް ލިބޭނެއެވެ. އެމީހެއްގެ ޢަމަލުތަކުގެ ފުރިހަމަ ޒިންމާ ނަގަން ޖެހޭނީ އެމީހަކު އަމިއްލައަށެވެ. މާތް ﷲ ކީރިތި ގުރުއާނުގެ سورة فصلت ގެ 21 -24 އާޔަތުގައި ވަޙީ ކުރައްވާފައިވަނީ މިފަދައިންނެވެ.
"އަދި އެއުރެންގެ ހަންތަކަށް އެއުރެން ބުނާނެތެވެ. ކަލޭމެން ތިމަންމެންގެ މައްޗަށް ހެކިދިނީ ކީއްވެގެންހެއްޔެވެ؟ އެތަކެތި ބުނާނެތެވެ. ކޮންމެ އެއްޗަކަށްވެސް ބަސްމޮށުންދެއްވި اللَّه، ތިމަންމެންނަށް ބަސްމޮށުންދެއްވީއެވެ. އަދި އެކަލާނގެއީ، ފުރަތަމަ ފަހަރަށް ތިޔަބައިމީހުން ހެއްދެވި ރަސްކަލާނގެއެވެ. އަދި ތިޔަބައިމީހުން އެނބުރި رجوع ކުރައްވާހުށީ އެކަލާނގެ حضرة އަށެވެ. ތިޔަބައިމީހުންގެ ކަންފަތާއި، ތިޔަބައިމީހުންގެ ލޯތަކާއި، ތިޔަބައިމީހުންގެ ހަންތައް، ތިޔަބައިމީހުންގެ މައްޗަށް ހެކިދީފާނެކަމަށް ތިޔަބައިމީހުން (އެއްވެސްކަމެއް) ވަންހަނާކޮށެއް ނޫޅެމުއެވެ. އެހެނެއްކަމަކު ތިޔަބައިމީހުންހީކުރީ، ތިޔަބައިމީހުން ކޮށްއުޅޭ عمل ތަކުން ގިނަކަންތައް اللَّه ދެނެވޮޑިގެންނުވާނޭ ކަމަށެވެ. އެއީ ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއާމެދު ތިޔަބައިމީހުން ހީކުރި ހީކުރުމެވެ. އެ ހީކުރުން ތިޔަބައިމީހުން ހަލާކުކޮށްލައިފިއެވެ. އަދި ގެއްލެނިވެގެންވާ މީހުންގެ ތެރެއިން ތިޔަބައިމީހުން ވެއްޖައީމުއެވެ. ފަހެ، އެއުރެން ކެތްކުރާނަމަވެސް، އެއުރެން ތިބެނިވިތަނަކީ، ނަރަކަޔެވެ. އެއުރެން عذر ދެއްކުމަށް އެދޭނަމަ، ފަހެ عذر قبول ކުރައްވާނެ މީހުންގެ ތެރެޔަކުން އެއުރެން ނުވެތެވެ."
