ފީފާ ވޯލްޑް ކަޕުގެ ގަދަ 16ގެ ދެވަނަ ޖާގަ ބްރެޒިލްއިން ކަށަވަރުކޮށްފިއެވެ. ބްރެޒިލް ގަދަ 16އަށް ދަތުރުކުރީ ގަދަ 32ގައި 1-2ގެ ނަތީޖާއަކުން ޖަޕާނު ބަލިކޮށްގެންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި ޖަޕާނުގެ ފަރާތުން ފެނިގެންދިޔައީ ތަފާތު މޮޅު ކުޅުމެކެވެ. ބްރެޒިލްގެ ފަރާތުން އެކަށީގެންވާ ކުޅުމެއް ނުދެއްކުނު ފުރަތަމަ ހާފުގެ 29ވަނަ މިނެޓުގައި ޖަޕާނުން ވަނީ މެޗުގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށް ލީޑު ނަގައިފައެވެ. ސާނޯ ކާމިޔާބުކުރި މި ލަނޑާއެކު ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0ގެ ނަތީޖާއަކުން ޖަޕާން ކުރީގައި އޮވެއެވެ.
ނަމަވެސް ދެވަނަ ހާފުގައި ބްރެޒިލްގެ ފަރާތުން ދެއްކީ ފަހަތަށް ނުޖެއްސޭނޭ ބުނާ ކަހަލަ ހަރު ކުޅުމެކެވެ. ޖަޕާނު ގޯލަށް ނުރައްކާތެރި އެތައް ޙަމަލާއެއް ބްރެޒިލުން ދިޔައީ ފޮނުވަމުންނެވެ. މެޗުގެ ނަތީޖާ 1-1އަށް ބަދަލުކޮށްލީ 56ވަނަ މިނެޓުގައި ކަސެމީރޯ ކާމިޔާބުކުރި ރީތި ލަނޑަކުންނެވެ. އެއާއެކު މެޗުގެ ފޯރި ދިޔައީ އިތުރަށް ގަދަވެގެންނެވެ.
މެޗުގެ ފުރިހަމަ ވަޤުތު ހަމަވެ ދެއްކި އިތުރު ވަޤުތުގެ ތެރޭގައި ބްރެޒިލްގެ ދެވަނަ ލަނޑު މާޓިނެލީ ކާމިޔާބުކުރުމާއެކު ކުޅޭނެ އިތުރު ފުރުޞަޠުތަކެއް ނުލިބި މެޗު ނިމިގެންދިޔައީ ޖަޕާން މުބާރާތާ އަލްވަދާޢު ކިޔަމުންނެވެ.
ޖަޕާނަކީ މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކުރި، އޭޝިއާއަށް ނިޞްބަތްވާ ހަމައެކަނި ޓީމެވެ. އެހެންކަމުން ޖަޕާން ވަކިވުމާއެކު މިވަނީ މުބާރާތުން އޭޝިއާގެ ހުރިހާ ޓީމުތަކެއް ވަކިވެފައެވެ.
ގަދަ 16ގައި ބްރެޒިލް ބައްދަލުކުރާނީ ނޯވޭ ނުވަތަ އައިވަރީ ކޯސްޓާ ދެކޮޅަށެވެ.
