ޖަރުމަނު ބަލިކޮށް ޕެރަގުއޭ ގަދަ 16އަށް

ފީފާ ވޯލްޑް ކަޕުގެ ގަދަ 32ގައި ޖަރުމަނާއި ޕެރަގުއޭ ބައްދަލުކުރި މެޗު ޕެރަގުއޭއިން ކާމިޔާބުކޮށް ގަދަ 16އަށް ދަތުރުކޮށްފިއެވެ. މެޗުގައި ނަތީޖާ ނެރެން ޖެހުނީ ފުރިހަމަ ވަޤުތު ހަމަވިއިރު ދެ ޓީމު 1-1އިން އެއްވަރުވެފައިވާތީ ޕެނަލްޓީ ޖަހައިގެންނެވެ.

މެޗުގައި ގިނަ ވަޤުތު ބޯޅަ ހިފަހައްޓައިގެން ކުޅެފައިވަނީ ޖަރުމަނުންނެވެ. އަދި ޕެރަގުއޭ ކޮޅަށް ނުރައްކާތެރި ޙަމަލާތަކެއް ވެސް ވަނީ ޖަރުމަނުން އުފައްދައިފައެވެ. މެޗުގެ އެންމެ ފުރަތަމަ ލަނޑު ކާމިޔާބުކުރީ ޕެރަގުއޭއިންނެވެ. ފުރަތަމަ ހާފު ނިމެން ކައިރިވެފައިވަނިކޮށް އެންސިސޯ ކާމިޔާބުކުރި ލަނޑާއެކު ފުރަތަމަ ހާފު ނިމުނީ 0-1އިން ޖަރުމަނު ކުރީގައި އޮވެއެވެ.

ނަމަވެސް ދެވަނަ ހާފު ފަށައި ގިނައިރުތަކެއް ނުވެ ކައީ ހަވާޓްޒް ވަނީ ޖަރުމަނަށް ފުރަތަމަ ލަނޑު ކާމިޔާބުކޮށް، އެއްވަރުކޮށްފައެވެ. 56ވަނަ މިނެޓުގައި ޖަރުމަނުން ކާމިޔާބުކުރި ލަނޑާއެކު މެޗުގެ ފުރިހަމަ ވަޤުތު ހަމަވީ މި ނަތީޖާގައި އޮވެއެވެ. އެހެންކަމުން 15 މިނެޓުގެ އިތުރު ދެ ހާފު ކުޅެ ވެސް ނަތީޖާއެއް ނުނެރެވިގެން ޖެހުނީ ޕެނަލްޓީއަށް ދާށެވެ.

ޕެނަލްޓީގައި ޕެރަގުއޭއިން މެޗު ކާމިޔާބުކުރީ 4-3އިންނެވެ.

މިއީ ޖަރުމަނަށް ހިތްދަތި ނަތީޖާއެކެވެ. އެހެނީ 2014ވަނަ އަހަރުގެ ތަށި އުފުލާލުމަށްފަހު މިއަހަރުގެ މުބާރާތް ފިޔަވައި ކުޅުނު އެއްވެސް މުބާރާތެއްގައި ގްރޫޕް ސްޓޭޖުގަ ފަހަނައަޅައި ދެވަނަ ބުރަކަށް ގޮސްފައެއް ނުވެއެވެ. އެގޮތުން 2018އާއި 2022ގައި ވެސް ޖަރުމަނު ވަނީ ގްރޫޕް ސްޓޭޖުން ވަކިވެގެން ގޮސްފައެވެ.

ޕެރަގުއޭއިން މިއީ ޖަރުމަނުގެ މައްޗަށް ކުރި ހޯދި ފުރަތަމަ ފަހަރެވެ. އެހެނީ އެންމެ ފުރަތަމަ 2002ގެ ވޯލްޑް ކަޕުގައި މި ދެ ޓީމު ބައްދަލުކުރި މެޗު ކާމިޔާބުކުރީ ޖަރުމަނުންނެވެ. އެއަށްފަހު އެކުވެރިކަމުގެ މެޗެއްގައި 2013ވަނަ އަހަރު މި ދެ ޓީމު ބައްދަލުކުރިއިރު އެ މެޗުގް ނަތީޖާ އައީ އެއްވަރުވެގެންނެވެ.

ޕެރަގުއޭ ވޯލްޑް ކަޕެއްގައި މިހާތަނަށް އެންމެ ދުރަށް ދަތުރުކުރެވިފައިވަނީ 2010ވަނަ އަހަރުގެ މުބާރާތުގައެވެ. އެ މުބާރާތުގެ ކުއާޓާ ފައިނަލުގައި އެފަހަރުގެ ޗެމްޕިއަން ސްޕެއިން އަތުން ބަލިވެ މުބާރާތާ ވަކިވީއެވެ.

ގަދަ 16ގައި ޕެރަގުއޭއިން ނުކުންނަންޖެހޭނީ ފްރާންސް ނުވަތަ ސްވިޑެންއާ ދެކޮޅަށެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *