ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުން ކްރޮއޭޝިއާ ބަލިކޮށް ފީފާ ވޯލްޑް ކަޕް 2026 ގެ ގަދަ 16 ބުރުން ޕޯޗުގަލް ޖާގަ ހޯދައިފިއެވެ
ޕޯޗުގަލުން ރޭގެ މެޗަށް ނެރުނު ފުރަތަމަ 11 ގައި ދެ ބަދަލެއް ވަނީ ގެނެސްފައެވެ. އެއީ ޖޮއާ ފީލިކްސްގެ ބަދަލުގައި މިރޭގެ މެޗުން ރަފައެލް ލިއާއޯއަށް ފުރުސަތު ދިނުމާއި ރުބެން ނެވޭސްގެ ބަދަލުގައި އަލުން ޖޮއާ ނެވޭސްއަށް ފުރުސަތު ދިނުމެވެ. ޕޯޗުގަލްގެ އެންމެ ކުރިން ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ފާހަގަކޮށްލެވުނު އިރު، މިޑްފީލްޑްގައި ހިމެނުނީ ބްރޫނޯ ފެނާންޑޭޒާއި ވިޓީނިއާ ފާހަގަކޮށްލެވުނެވެ. ޑިފެންސްގައި ހިމެނުނީ ނޫނޯ މެންޑޭޒް، ރެނޭޓޯ ވޭގާ، ރުބެން ޑިއާޒް އަދި ޖޮއާ ކަންސެލޯ އެވެ. މިރޭގެ މެޗުގައި ވެސް ޕޯޗުގަލްގެ ގޯލު ބަލަހައްޓާފައިވަނީ ޑިއޯގޯ ކޮސްޓާ އެވެ.
ކްރޮއޭޝިއާ އިން މިރޭގެ މެޗަށް ނުރެފައިވަނީ ގްރޫޕު ސްޓޭޖުގެ ފަހު މެޗުގައި ގާނާއާ ދެކޮޅަށް ވެސް ނެރުނު ފުރަތަމަ 11 އެވެ. އެޓޭކުގައި އެންމެ ކުރިން ފެނިގެންދިޔައީ އަންޓޭ ބުޑިމިއާ އެވެ. މެދުތެރޭގައި ހިމެނުނީ މާޓިން ބަޓުރީނާ، ޕީޓާ ސުސިޗް، ނިކޯލާ ވްލަސިޗް، މެޓިއޯ ކޮވަޗިޗް އަދި ކެޕްޓަން ލޫކާ މޮޑްރިޗެވެ. އަދި ޑިފެންސްގައި ހިމެނިގެންދިޔައީ އިވާން ޕެރިސިޗް، މަރިން ޕޮންގްރަޗިޗް، ޔޮސިޕް ސުޓާލޯ އަދި ޔޮސިޕް ސްޓަނިސިޗް އެވެ. މިރޭ ވެސް ކްރޮއޭޝިއާގެ ގޯލު ބަލަހައްޓާފައިވަނީ ޑޮމިނިކް ލިވަކޮވިޗް އެވެ.
ކެނެޑާގެ ޓޮރޮންޓޯ ސްޓޭޑިއަމްގައި މިރޭ ކުޅުނު ގަދަ 32 ގެ މެޗުގައި ކްރޮއޭޝިއާގެ މައްޗަށް ޕޯޗުގަލުން ކުރި ހޯދީ 2-1 ގެ ނަތީޖާއަކުންނެވެ.
ކްރޮއޭޝިއާ އިން ވަނީ މެޗުގެ 53 ވަނަ މިނެޓުގައި ގޯލު ޖަހައި ލީޑު ހޯދައިފައެވެ. ޔޮސިޕް ސްޓަނިސިޗް ނަގައިދިން ހުރަހަކުން ކްރޮއޭޝިއާއަށް އެ ގޯލު ކާމިޔާބުކޮށްދިނީ އިވާން ޕެރިސިޗް އެވެ.
ޕޯޗުގަލަށް ނަތީޖާ ހަމަހަމަކޮށްލުމަށް ރަނގަޅު ފުރުސަތެއް ލިބިިގެންދިޔައީ މެޗުގެ 56 ވަނަ މިނެޓުގަ އެވެ. ޕެނަލްޓީ އޭރިއާ ބޭރުން ރަފައެލް ލެއާއޯ ފޮނުވާލި ހަމަލާ އަމާޒުވީ ކްރޮއޭޝިއާ ގޯލުގެ ހުރަސް ދަނޑިއަށެވެ. އޭގެ އިރުކޮޅެއް ފަހުން ޕެނަލްޓީ އޭރިއާ ތެރެއިން ޕެރިސިޗް ފޮނުވާލި ހަމަލާއެއް ޕޯޗުގަލް ކީޕަރު ޑިއޯގޯ ކޮސްޓާ މަތަކުރިއެވެ.
މެޗުގެ 64 ވަނަ މިނެޓުގައި ޕެނަލްޓީ އޭރިއާ ތެރެއިން ރެނާޓޯ ވޭގާއަށް ކްރޮއޭޝިއާގެ ނިކޯލާ ވްލަސިޗް ކުރި ފައުލަކާ ގުޅިގެން ޕޯޗުގަލަށް ޕެނަލްޓީއެއް ލިބިގެންދިޔައެވެ. ޕޯޗުގަލަށް ޕެނަލްޓީ ކާމިޔާބުކޮށްދީ، ނަތީޖާ ހަމަހަމަކޮށްދިނީ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއެވެ.
އޭގެ އިރުކޮޅެއް ފަހުން ވެސް ކްރޮއޭޝިއާގެ ނުރައްކާތެރި ހަމަލާއެއް ފެނިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ތެރެއިން އިގޯ މަޓަނޮވިޗް ފޮނުވާލި ހަމަލާ، ޕޯޗުގަލް ކީޕަރު ޑިއޯގޯ ކޮސްޓާ ވަނީ މަތަކޮށްފައެވެ.
ކްރޮއޭޝިއާއަށް ގޯލެއް ޖެހުމަށް އިތުރު ފުރުސަތެއް ލިބިގެންދިޔައީ މެޗްގެ 88 ވަނަ މިނެޓުގަ އެވެ. ޕީޓާ ސުސިޗް ނަގައިދިން ހުރަހަކުން މާރިއޯ ޕަސަލިޗް ފޮނުވާލި ހަމަލާ، ޕޯޗުގަލްގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ.
ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައި ޕޯޗުގަލުން ވަނީ ގޯލު ޖަހައި ލީޑު ހޯދައިފައެވެ. ރަފައެލް ލިއާއޯ ނަގައިދިން ބޯޅަ، ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ޕޯޗުގަލަށް އެ ގޯލު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ގޮންސާލޯ ރާމޯސް އެވެ.
އޭގެ ފަހުން ދެވަނަ ހާފުގެ އިތުރުވަގުތުކޮޅުގެ ފަހު މިނެޓުގައި ކްރޮއޭޝިއާގެ ޖޮސްކޯ ގުވާޑިއޯ، ޕޯޗުގަލްގެ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލި ނަމަވެސް، ވީއޭއާރްއަށް ބެލުމަށްފަހު ރެފްރީ ނިންމީ އޭގެ ކުރިން މާރިއޯ ޕަސަލިޗް އޮފްސައިޑް މަގާމެއްގައި ހުރި ކަމަށެވެ.
ޕޯޗުގަލުން ވަނީ މިދިޔަ ދެ ވޯލްޑް ކަޕްގައި ވެސް ނޮކްއައުޓް ބުރުގައި ވާދަކޮށްފައެވެ. އެންމެ ފަހުން ގަތަރުގައި ބޭއްވި ވޯލްޑް ކަޕް 2022 ގައި ޕޯޗުގަލް ކެޓީ ކުއާޓާ ފައިނަލާ ހިސާބުން މޮރޮކޯ އަތުން ބަލިވެގެންނެވެ. ކްރޮއޭޝިއާ އިން ވެސް އެންމެ ފަހުގެ ދެ ވޯލްޑް ކަޕްގެ ނޮކްއައުޓް ބުރުގައި ވާދަކޮށްފައިވާ އިރު، އެއީ އެގައުމުގެ ތާރީހުގައި އެންމެ ކާމިޔާބު ވޯލްޑް ކަޕްތަކުގެ ތެރެއިން ދެ ވޯލްޑް ކަޕެވެ. ވޯލްޑް ކަޕް 2018 ގެ ފައިނަލުގައި ފްރާންސް އަތުން ބަލިވި އިރު، ވޯލްޑް ކަޕް 2022 ގެ ސެމީ ފައިނަލުން ބަލިވީ އެފަހަރުގެ ޗެމްޕިއަން އާޖެންޓީނާ އަތުންނެވެ. ނަމަވެސް ކްރޮއޭޝިއާ އިން 2022 ގައި މޮރޮކޯ ބަލިކޮށް ތިންވަނަ ހޯދިއެވެ.
