ފީފާ ވޯލްޑް ކަޕް 2026 ގެ ގަދަ 32 ގެ ބުރުގައި، މުބާރާތުގައި އަލަށް ވާދަކުރި ކޭޕް ވާޑްއިން ދެއްކި ހިތްވަރުގަދަ ކުޅުމާއެކު ދުނިޔޭގެ ޗެމްޕިއަން އާޖެންޓީނާ ސިއްސުވާލި ނަމަވެސް، އިތުރު ވަގުތުގެ ތެރޭގައި މެޗު ކާމިޔާބުކޮށް އާޖެންޓީނާ މުބާރާތުގެ ގަދަ 16 ގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.
އެމެރިކާގެ މަޔާމީ ސްޓޭޑިއަމްގައި ރޭ ކުޅުނު ގަދަ 32 ގެ މެޗުގައި ކޭޕް ވާޑްގެ މައްޗަށް އާޖެންޓީނާ އިން ކުރި ހޯދީ 3-2 ގެ ނަތީޖާއަކުންނެވެ.
މެޗުގެ ކުރީކޮޅުގައި ދެ ޓީމަށް ވެސް ގޯލު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކުރެވިފައެއް ނުވެއެވެ. ޑިފެންސަށް ސަމާލުކަމެއް ދީގެން ކޭޕް ވާޑުން ކުޅެމުންދިޔަ އިރު، މެޗުގެ ފުރަތަމަ ހަމަލާ ފެނިގެންދިޔައީ މެޗުގެ 15 ވަނަ މިނެޓުގައެވެ. ހުސްކޮށް ހުރެ ޕެނަލްޓީ އޭރިއާ ތެރެއިން އާޖެންޓީނާ ކެޕްޓަން ލިއޮނެލް މެސީ ފޮނުވާލި ހަމަލާ ދިޔައީ ކޭޕް ވާޑްގެ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ.
އާޖެންޓީނާ އިން ވަނީ ގޯލެއް ޖަހައި ލީޑު މެޗުގެ 28 ވަނަ މިނެޓުގައެވެ. ލިސޭންޑްރޯ މާޓިނޭޒް ދިން ރީތި ބޯޅަ، ޕެނަލްޓީ އޭރިއާ ތެރެއިން ރީތިކޮށް ކޮންޓްރޯލުކޮށް ކޭޕް ވާޑްގެ ގޯލުގެ ތެރެއަށް ފޮނުވާލައިގެން އާޖެންޓީނާއަށް އެ ގޯލު ކާމިޔާބުކޮށްދިނީ ކެޕްޓަން ލިއޮނެލް މެސީ އެވެ. މިއީ މި ވޯލްޑް ކަޕްގައި މެސީ ޖެހި ހަތްވަނަ ގޯލެވެ. މިހާތަނަށް އާޖެންޓީނާ ކުޅުނު ކޮންމެ މެޗެއްގައި މެސީ ވަނީ ގޯލު ޖަހައިފައެވެ.
މިއަދުގެ ގޯލާއެކު މެސީ ވެގެން ގޮސްފައިވަނީ ތަފާތު ދެ ވޯލްޑް ކަޕެއްގައި ހަތް ގޯލު ނުވަތަ އެއަށްވުރެ ގިނަ ގޯލު ޖެހި ފުރަތަމަ ކުޅުންތެރިޔާއަށެވެ. އެންމެ ފަހުން ބޭއްވި ވޯލްޑް ކަޕް 2022 ގައި މެސީ ވަނީ ހަތް ގޯލު ޖަހައިފައެވެ. މިއަދުގެ ގޯލާއެކު ވޯލްޑް ކަޕްގެ ތާރީޚުގައި އޭނާ ޖެހި ޖުމުލަ ގޯލުގެ އަދަދު ވަނީ 20 އަށް އަރާފައެވެ.
ފުރަތަމަ ހާފުގެ އެންމެ ފަހު މިނެޓުގައި އާޖެންޓީނާއަށް ލީޑު ފުޅާކޮށްލުމަށް އިތުރު ފުރުސަތެއް ލިބިގެންދިޔައެވެ. ލައުޓާރޯ މާޓިނޭޒް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރުން އެންޒޯ ފެނާންޑޭޒް ފޮނުވާލި ހަަމަލާ، ކޭޕް ވާޑްގެ ކީޕަރު ވޮޒީނިއާ ވަނީ މަތަކޮށްފައެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން އާޖެންޓީނާ ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފުގެ ކުރީކޮޅުގައި ކޭޕް ވާޑުން ވަނީ އެޓޭކަށް މަސައްކަތްތަކެއް ކޮށްފައެވެ. ކުރިއަށް ޖެހިގެން މަސައްކަތްތަކެއް ކުރި ނަމަވެސް، ގޯލު ޖަހާނެ ރަނގަޅު ފުރުސަތުތައް ތަނަވަސްކުރުމަށް ކޭޕް ވާޑަށް ވަނީ އުނދަގޫތަކެއް ކުރިމަތިވެފައެވެ. އަނެއްކޮޅުން ދެވަނަ ހާފުގެ ކުރީކޮޅުގައި އާޖެންޓީނާއަށް ރަނގަޅު ކުޅުމެއް ދެއްކިފައެއް ނުވެއެވެ.
މެޗުގެ 59 ވަނަ މިނެޓުގައި ކޭޕް ވާޑުން ވަނީ ގޯލެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. ކެޕްޓަން ރަޔަން މެންޑޭޒް ދިން ބޯޅަ، ޕެނަލްޓީ އޭރިއާ ތެރެއިން އާޖެންޓީނާ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކޭޕް ވާޑަށް އެ ގޯލު ކާމިޔާބުކޮށްދިނީ ޑެރޯއީ ޑުއާޓޭ އެވެ.
ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައި އާޖެންޓީނާއަށް ތިން ފުރުސަތެއް ލިބިގެންދިޔައެވެ. ލިއާންޑްރޯ ޕަރޭޑޭޒް ފޮނުވާލި ބާރު ހަމަލާ، ކޭޕް ވާޑްގެ ކީޕަރު ވޮޒީނިއާ ވަނީ މަތަކޮށްފައެވެ. އޭގެ ފަހުން މެސީ ފޮނުވާލި ހިލޭ ޖެހުމެއް ކޭޕް ވާޑްގެ ކީޕަރު ވޮޒީނިއާ މަތަކުރި އިރު، ރީބައުންސް ބޯޅައިން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ އެންޒޯ ފެނާންޑޭޒް ބޮލުން ފޮނުވާލި ހަމަލާ ވެސް ކީޕަރު ވޮޒީނިއާ ވަނީ މަތަކޮށްފައެވެ. ފުރިހަމަ ވަގުތު ހަމަވި އިރު، 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެފައިވުމުން އިތުރު ވަގުތުގެ ދެ ހާފު ކުޅެން ޖެހުނެވެ.
މެޗުގެ 92 ވަނަ މިނެޓުގައި އާޖެންޓީނާ އިން ވަނީ ގޯލު ޖަހައި އަލުން ލީޑު ހޯދައިފައެވެ. ކޯނަރެއްގެ ތެރެއިން ޕެނަލްޓީ އޭރިއާ ތެރޭ ހުއްޓައި ލިބުނު ބޯޅައަކުން އާޖެންޓީނާއަށް އެ ގޯލު ކާމިޔާބުކޮށްދިނީ ލިސާންޑްރޯ މާޓިނޭޒެވެ.
މެޗުގެ 103 ވަނަ މިނެޓުގައި ހިތްގައިމު ގޯލަކާއެކު ކޭޕް ވާޑުން ވަނީ ގޯލު ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު އަރިމަތިން ރީތިކޮށް އާޖެންޓީނާ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކޭޕް ވާޑަށް އެ ގޯލު ކާމިޔާބުކޮށްދިނީ ސިޑްނީ ލޮޕޭޒް ކަބްރާލް އެވެ.
މެޗުގެ 111 ވަނަ މިނެޓުގައި އާޖެންޓީނާ އިން ވަނީ ގޯލު ޖަހައި އަލުން ލީޑު ހޯދައިފައެވެ. މެސީ ނަގައިދިން ކޯނަރަކުން ޕެނަލްޓީ އޭރިއާ ތެރެއިން ގޯލުގެ ތެރެއަށް ވަދެފައިވަނީ ޑިނޭ އަތުން ބައިކޮޅަށެވެ.
އޭގެ ތިން މިނެޓު ފަހުން ކޭޕް ވާޑްގެ ނުރައްކާތެރި ހަމަލާއެއް ފެނިގެންދިޔައެވެ. ހިލޭ ޖެހުމަކުން ސިޑްނީ ލޮޕޭޒް ކަބްރާލް ފޮނުވާލި ބާރު ހަމަލާ، އާޖެންޓީނާ ކީޕަރު މާޓިނޭޒް ވަނީ މަތަކޮށްފައެވެ.
އާޖެންޓީނާއިން ވަނީ ފީފާ ވޯލްޑް ކަޕްގެ ތަށި ތިން ފަހަރެއްގެ މަތިން އުފުލާލައިފައެވެ. އެއީ 1978، 1986 އަދި އެންމެ ފަހުން 2022 ގައެވެ. އޭގެ އިތުރުން އާޖެންޓީނާ ވަނީ ލިއޮނެލް މެސީއާއެކު 2014 ގެ ވޯލްޑް ކަޕް ފައިނަލަށް ދަތުރުކޮށްފައެވެ. ނަމަވެސް ފައިނަލުގައި 1-0 ގެ ނަތީޖާއަކުން ޖަރުމަން އަތުން ވަނީ ބަލިވެފައެވެ. ވޯލްޑް ކަޕް 2018 ގެ ގަދަ 16 އާ ހިސާބުން ކެޓި ނަމަވެސް، އެންމެ ފަހުގެ ވޯލްޑް ކަޕްގައި އާޖެންޓީނާ އިން ތަފާތު ދެއްކިއެވެ. ވާދަވެރި ފައިނަލެއްގެ ގޮތުގައި ފާހަގަކުރެވުނު އެ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަނުންގެ ގޮތުގައި ކުޅުނު ފްރާންސް އަތުން އާޖެންޓީނާ މޮޅުވީ ޕެނަލްޓީ ޝޫޓްއައުޓްގައެވެ.
