ފީފާ ވޯލްޑް ކަޕުގެ ގަދަ 16ގައި ޕެރަގުއޭ ބަލިކޮށް ފްރާންސް ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ. ފްރާންސް މެޗު ކާމިޔާބުކުރީ 1-0އިންނެވެ.
ޕެރަގުއޭގެ ފަރާތުން މެޗުގައި ފެނިގެންދިޔައީ ގަދަފަދަ ކުޅުމެކެވެ. އެގޮތުން ވަނީ 12 ފައުލް ކޮށްފައެވެ. ފްރާންސްގެ ޙަޤީޤީ މޮޅު ކުޅުމެއް ޕެރަގުއޭ ކުރިމަތީގައި ނުދެއްކުނެވެ.
މެޗުގައި ޖެހި ހަމައެކަނި ލަނޑު ފްރާންސުން ކާމިޔާބުކުރީ ލިބުނު ޕެނަލްޓީއަކުން މެޗުގެ 70ވަނަ މިނެޓުގައި ކީލިއަން އެމްބާޕޭއެވެ. އޭނާގެ މި ލަނޑާއެކު މިވަނީ މިފަހަރުގެ ރަން ބޫޓަށް ވާދަކުރާ ކުޅުންތެރިންގެ އެންމެ މައްޗަށް މެސީއާ އެއްވަރަށް ޖެހިލައިފައެވެ.
މެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ގޭމް ކޮންޓްރޯލްކުރީ ފްރާންސުންނެވެ. ނަމަވެސް ޕެރަގުއޭގެ ކުޅުންތެރިން ވަނީ ފްރާންސް ހިފަހައްޓަން އެގޮތް މިގޮތަށް މަސައްކަތްކޮށްފައެވެ.
މީގެކުރިން ވެސް މި ދެ ޓީމު ވަނީ އެކި ފަހަރުމަތިން ބައްދަލުކޮށްފައެވެ. އެގޮތުން 2017ގައި ކުޅުނު އެކުވެރިކަމުގެ މެޗެއް 5-0އިން ފްރާންސް ވަނީ ޕެރަގުއޭގެ މައްޗަށް ކުރި ހޯދައިފައެވެ. އަދި 2014ގައި ވެސް ކުޅުނު އެކުވެރިކަމުގެ މެޗެއްގައި މި ދެ ޓީމު ބައްދަލުކޮށް ވަނީ 1-1އިން އެއްވަރުވެފައެވެ. ހަމައެއާއެކު 1998ގެ ވޯލްޑް ކަޕުގައި ވެސް ގަދަ 16ގައި މި ދެ ޓީމު ވާދަކޮށް ވަނީ ޕެރަގުއޭ ކަޓައިފައެވެ. އެ މެޗު ފްރާންސް ކާމިޔާބުކުރީ މެޗުގެ ފުރިހަމަ ވަޤުތު ހަމަވެ ކުޅުނު އިތުރު ހާފުގެ ތެރޭގައި ކާމިޔާބުކުރި ލަނޑުންނެވެ.
ހީކުރި ގޮތަށް ފުރަތަމަ ހާފުގައި ޕެރަގުއާއީން ނިންމީ ފަހަތް ފުރާލައިގެން ތިބޭށެވެ. ފްރާންސްގެ ނުރައްކަލުން ފުރިގެންވާ އެޓޭކެއް އެއްވެސް ޖާގައެއް ނުދޭން ވިސްނާ، ކުރިއަށް އެރުމަށް ޕެރަގުއާއީ ވިސްނާފައި ނުވާ އިރު، ފުރަތަމަ ހާފުގައި އެއްކޮށް ކަހަލަ ގޮތަކަށް ބޯޅަ ގެންގުޅުނީ ފްރާންސެވެ.
ފުރަތަމަ ކޮޅުގައި ހަމަލާއެއްވެސް ފެނިގެން ގޮސްފައި ނުވާ އިރު، 22 ވަނަ މިނެޓުގައި ނަލްޓީ އޭރިއާ ބޭރުން މަނޫ ކޯނޭ ފޮނުވާލި ހަމަލާ، ޕެރަގުއާއީ ޑިފެންޑަރު ގުސްތާވޯ ގޮމޭޒް ވަނީ ބްލޮކްކޮށްފައެވެ. އަދި އޭގެ 10 މިނެޓްފަހުން ކޯނަރެއްގެ ތެރެއިން ޕެނަލްޓީ އޭރިއާ ތެރޭ ހުއްޓައި ލިބުނު ބޯޅައަކުން، ޖޫލްސް ކޫންޑޭ ފޮނުވާލި ހަމަލާ އަމާޒުވީ ޕެރަގުއާއީ ކީޕަރު އޯލެންޑޯ ހިލް އަތަށެވެ.
ޕެރަގުއާއީން ލިބުނު މަދު ފުރުސަތުތަކުގައި ކައުންޓާ ކުރަން މަސައްކަތް ކުރި އިރު، ޕެނަލްޓީ އޭރިއާ ބޭރުން ޖޫނިއާ އަލޮންސޯ ފޮނުވާލި ހަމަލާ، ފްރާންސް ޑިފެންޑަރު ޑަޔޮޓް އުޕަމެކާނޯ ވަނީ ބްލޮކްކޮށްފައެވެ.
މާ ބޮޑު ނުރައްކަލެއް ފްރާންސަށް ކުރިޔަ ނުދީ ޕެރަގުއާއީން ނިންމާލި އިރު، ފްރާންސުން ދެވަނަ ހާފު ފެށީވެސް ކުރިއަށް ކުޅުންތެރިން ގިނަކޮށްގެންނެވެ. ޕެރަގުއާއީން ކުޅެމުންދިޔަ ލޯ ބްލޮކް ޑިފެންސިވް ކުޅުން ފޫއަޅުވާލަން ކުރިއަށް ކުޅުންތެރިން ގިނަކުރަން ކުރި މަސައްކަތުގައި ފްރާންސުން ވަނީ ޕެރަގުއާއީއަށް ޕްރެޝަރު ބޮޑުކޮށްފައެވެ.
އެޑްރިއަން ރެބިއޯއާއި ކޯނޭ އޭރިއާ ބޭރުން ގޯލެއް ޖެހޭތޯ މަސައްކަތް ކުރި ނަމަވެސް، އެކަންވެސް ކާމިޔާބު ނުވެގެން ދަނިކޮށް، ފްރާންސަށް ގޯލް ޖަހަން ފުރުސަތު ފަހުވީ 67 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީންނެވެ.
ޕެނަލްޓީ އޭރިއާ ތެރެއިން ފްރާންސްގެ ޑިޒައިރޭ ޑޫއޭ ހަލުވިކަމާއެކު ދެ ކުޅުންތެރިން ނައްޓާލިތަނާ ޑިއޭގޯ ގޮމޭޒް ކުރި ފައުލަކާ ގުޅިގެން، ރެފްރީ ޕެނަލްޓީ ދިނީ ވީއޭއާރް ބަލައިފައެވެ. ފުރަތަމަ ރެފްރީ ފައުލެއް ނޫން ކަމަށް ދޫކޮށްލި ނަމަވެސް ފަހުން ޕެނަލްޓީ ދީފައިވާ އިރު، އެ ޕެނަލްޓީ ކާމިޔާބުކޮށް ގޯލް ޖަހައިދިނީ އެމްބާޕޭއެވެ.
އެއީ މި ވޯލްޑް ކަޕްގައި އެމްބާޕޭ ޖެހި ހަތްވަނަ ގޯލެވެ. އެއާއެކު އެމްބާޕޭ ވަނީ އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީއާއެކު މި ވޯލްޑް ކަޕްގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިންގެ ލިސްޓުގެ އެންމެ ކުރިއަށް ޖެހިލައިފައެވެ. ދެ ކުޅުންތެރިންވެސް ވަނީ މިފަހަރު މިހާތަނަށް ހަތް ގޯލް ޖަހައިފައެވެ.
ކުއާޓާ ފައިނަލުގައި ފްރާންސުން މިފަހަރު ނުކުންނާނީ މޮރޮކޯއާ ދެކޮޅަށެވެ. މޮރޮކޯއަކީ 2022ވަނަ އަހަރުގެ ސެމީ ފައިނަލުގައި ވެސް ކުޅުނު ޓީމެކެވެ. އަދި އެ ފަހަރުގެ ރަނަރަޕް ފްރާންސާ ދެކޮޅަށް މޮރޮކޯ ނުކުންނަ މެޗަކީ ފޯރިގަދަ މެޗަކަށް ވެގެންދާނެ ކަމާމެދު އެއްވެސް ޝައްކެއް ނެތެވެ.
މޮރޮކޯ މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކުރީ ގަދަ 16ގައި ކެނަޑާ 3-0 އިން ބަލިކޮށްގެންނެވެ.
