ވޯލްޑް ކަޕް 2026 ގެ ކުއާޓާ ފައިނަލް ތިންވަނަ މެޗުގައި އިންގްލެންޑުން ނޯވޭ ބަލިކޮށް، ސެމީ ފައިނަލަށް ދަތުރު ކޮށްފިއެވެ.
އެމެރިކާގެ މަޔާމީ ސްޓޭޑިއަމްގައި މިރޭ ކުޅުނު ކުއާޓާ މެޗު އިތުރު ވަގުތަށް ގޮސްގެން އިންގްލެންޑުން ކާމިޔާބުކުރީ 2-1 އިންނެވެ. މިއީ 2018 ވަނަ އަހަރަށްފަހު އިންގްލެންޑުން ސެމީއަށް ދިޔަ ފުރަތަމަ ފަހަރެވެ. 2022 ވަނަ އަހަރު ގަތަރު ވޯލްޑް ކަޕުން އިންގްލެންޑް ކެޓީ ކުއާޓާ ފައިނަލުންނެވެ.
ނޯވޭއިން މެޗަށް ނުކުތީ އެންޓޯނިއޯ ނޫސާގެ ބަދަލުގައި އަންދްރޭސް ޝެލްޑެރުޕްއަށް ފުރަތަމަ 11 އިން ފުރުސަތު ދީގެންނެވެ. އަނެއްކޮޅުން އިންގްލެންޑުން މިރޭވެސް ބުކަޔޯ ސަކާގެ ބަދަލުގައި ނޮނީ މަޑުއެކޭއަށް ފުރުސަތު ދީފައިވާ އިރު، ރަތް ކާޑާ ގުޅިގެން ޖެރެލް ކުއަންސާ ސަސްޕެންޝަނުގައި ހުރުމުން ޑިފެންސަށް ފުރަތަމަ 11 އަށް ނުކުތީ ޖޯން ސްޓޯންސްއެވެ.
ފުރަތަމަ ކޮޅުގައި ފެނުނީ އިންގްލެންޑުން ބޯޅަ ހިފެހެއްޓިތަނެވެ. އެހެން ނަމަވެސް ނުރައްކަލެއް ނެތިއެވެ. ނޯވޭއިން ދިޔައީ ހަމަޖެހިލައިގެން މަޑުމަޑުން ޑިފެންސިވް ވިސްނުމެއްގައި މަޑުކޮށްލައިގެން ކުޅެމުންނެވެ.
ނޯވޭން 36 ވަނަ މިނެޓުގައި ލީޑުވެސް ނެގިއެވެ. އިންގްލެންޑް ކެޕްޓަން ހެރީ ކޭން އަތުން ގެއްލުނު ބޯޅައެއް ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު، އިންގްލެންޑް ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެން ނޯވޭއަށް ގޯލް ޖަހައިދިނީ ޝެލްޑެރަޕްއެވެ. ހުރަހެއް ކަހަލަ ގޮތަކަށް ދިޔަ ބާރު ހަމަލާ ސީދާ ގޯލަށް ވަނީ ޕިކްފޯޑް އަތްމަތިން ދަނޑީގައި ޖެހިފައެވެ.
އޭގެފަހުން ހާފު ނިމުމުގެ ފުލުފުލުގައި ނުރައްކާ ކުރީ ނޯވޭއިންނެވެ. އޭރިއާ ބޭރުން އެލެކްޒެންޑާ ސޯލޮތު ފޮނުވާލި ހަމަލާ ބޭރަށް ދިޔަ އިރު، ޕެނަލްޓީ އޭރިއާ ބޭރުން ކެޕްޓަން މާޓިން އޮޑެގާޑް ފޮނުވާލި ހަމަލާ މަތަކުރީ ޕިކްފޯޑެވެ. އަދި 43 ވަނަ މިނެޓުގައި ކައުންޓާގައި ސޯލޮތު އަދި ހާލަންޑް މުޅިން ހުހަށް ކުރިއަށް އެރި އިރު، ފަހަތުގައި އޮތީ އިންގްލެންޑްގެ ސްޓޯންސް އެކަންޏެވެ. އެ ބޯޅަ މާ ލަސްވުމުން ފުރުސަތު ގެއްލި ސޯލޮތު ދިނީ ސްޓޯންސް ފަޔަށެވެ.
ހާފު ނިމެން ދަނިކޮށް، އިތުރު ވަގުތުގައި އިންގްލެންޑަށް އެއްވަރު ކޮށްދިނީ ފޯމުގައި ހުރި ޖޫޑް ބެލިންހަމްއެވެ. އެންތަނީ ގޯޑަން ދިން ބޯޅަ، ޕެނަލްޓީ އޭރިއާ ތެރެއިން ހުސްވެލުމަށްފަހު ބެލިންހަމް ފޮނުވާލީ ތިރިންނެވެ. އެ ގޯލާއެކު ދެވަނަ ހާފު ހުޅުވިގެން ދިޔައެވެ.
ދެވަނަހާފުގެ ކުރީކޮޅުގައި އަނެއްކާވެސް ނޯވޭއިން ބޮޑަށް ނުރައްކާ ކުރި އިރު، 53 ވަނަ މިނެޓުގައި ހާލަންޑް ބޮލުން ފޮނުވާލި ހަމަލާ ދިޔައީ ޕިކްފޯޑް އަތަށެވެ. އަދި އޭގެ ދެމިނެޓް ފަހުން 55 ވަނަ މިނެޓުގައި ލިބުނު ކޯނަރެއްގައި ޕެޓްރިކް ބާގް ފޮނުވާލި ހަމަލާ، އިންގްލެންޑް ކީޕަރު ޕިކްފޯޑް މަތަކުރުމާއެކު ލިބުނު ރީބައުންސް ބޯޅަ، ޓޯބްޔޯން ހެގެމް، އިންގްލެންޑްގެ ގޯލުގެ ތެރެއަށް ވަނީ ފޮނުވާލާފައެވެ. އެއީ ގޯލެއް ނޫން ކަމަށް ވީއޭއާރް ބެލުމަށްފަހު ރެފްރީ ނިންމީ ކޯނަރުގެ ކުރިން ހާލަންޑް، އިންގްލެންޑްގެ އެލިއަޓް އެންޑަސަން ކޮށްޕާލާފައި އޮތުމުންނެވެ.
ފުރިހަމަ ވަގުތުގައި އެއްވަރުވެ، އިތުރު ވަގުތަށް ގޮސްފައިވާ އިރު، އިތުރު ވަގުތުގެ ފުރަތަމަ ކޮޅުގައި އިންގްލެންޑުން ގޯލް ޖަހައި މެޗު އަނބުރާލިއެވެ. މިފަހަރުވެސް ބެލިންހަމްއެވެ. ޕެނަލްޓީ އޭރިއާ ބޭރުން މޯގަން ރޮޖާސް ފޮނުވާލި ބާރު ހަމަލާ، ނޯވޭ ކީޕަރު ނީލަންޑް މަތަކުރުމާއެކު ލިބުނު ރީބައުންސް ބޯޅަ ބެލިންހަމް ގޯލަށް ވައްދާލީ ފަސޭހަކަމާ އެކުގައެވެ.
އިތުރު ވަގުތުގެ ދެވަނަ ހާފަށް ނޯވޭ އިން ނުކުތީ ބަދަލަކާއެކުގައެވެ. އެއީ ހާލަންޑްގެ ބަދަލުގައި ޔޯގެން ސްޓްރާންޑް ލާސަން ކުރިއަށް ނެރެގެންނެވެ.
އޭގެފަހުން ދެވަނަ ހާފުގައިވެސް އިތުރު ގޯލަކާ ބޮޑަށް ގާތަށް ޖެހިލީ އިންގްލެންޑުންނެވެ. އެގޮތުން 110 ވަނަ މިނެޓުގައި ޕެނަލްޓީ އޭރިއާ ބޭރުން ސްޕެންސް ފޮނުވާލި ހަމަލާ އަދި ރީބައުންސް ބޯޅައިން ޕެނަލްޓީ އޭރިއާ ތެރެއިން ސަކާ ފޮނުވާލި ހަމަލާ ވެސް މަތަކުރީ ނޯވޭ ކީޕަރު ނީލަންޑެވެ.
ފަހު ވަގުތުކޮޅު އިންގްލެންޑުން އެއްކޮށް ޑިފެންސްކޮށް ހިފަހައްޓާލި އިރު، އެޓީމުން ސެމީގައި ނުކުންނަން ޖެހޭނީ އާޖެންޓީނާއާއި ސްވިޒަލޭންޑް ކުޅޭ ކުއާޓާ ފަހު މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ.
