އިނގިރޭސިން ރޮއްވާލުމަށްފަހު އާޖެންޓީނާ ފައިނަލަށް

ފީފާ ވޯލްޑް ކަޕުގެ ފޯރގަދަ ސެމީ ފައިނަލުގައި ވަރުފގަދަ އިންގްލެންޑްގެ މައްޗަށް ކުރިހޯދައި، އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފިއެވެ. މި ނަތީޖާއާއެކު ފައިނަލްގައި އާޖެންޓީނާ ބައްފދަލުކުރާނީ ސްޕެއިން އެވެ.

މެޗަށް ނުކުތް އިރު، އާޖެންޓީނާ އިން މަސައްކަތްކުރަމުން ދަނީ ވިދިވިދިގެން ދެ ވޯލްޑް ކަޕް ހޯދުމަށެވެ. އަދި އިނގިރޭސީން މަސައްކަތްކުރަމުން ދިޔައީ ވޯލްޑް ކަޕް 1966 އަށްފަހު ބައިނަލްގުވާމީ ތައްޓެއް ނުލިބި އޮތުމަށް ނިމުމެއް ގެނައުމަށެވެ.

އާޖެންޓީނާ އާއި އިންގްލެންޑަކީ ވަރުގަދަ ތާރީޚެއް އޮތް ދެ ވާދަވެރިންނެވެ. ވޯލްޑް ކަޕަށް ބަލައިލާ އިރު، މި ދެ ޓީމު ވަނީ ފަސް ފަހަރަކު ބައްދަލުކޮށްފައެވެ. އޭގެ ތެރެއިން އެންމެ މައްސަލަ ބޮޑުވީ ވޯލްޑް ކަޕް 1986 ގެ ކުއާޓާ ފައިނަލް މެޗުގައެވެ. އެ މެޗަކީ އާޖެންޓީނާގެ ޑިއޭގޯ މަރަޑޯނާ އަތުން ޖެހި ހިތްގައިމު ގޯލަކާއެކު އިންގްލެންޑް ކަޓުވާލި މެޗެވެ.

އިނގިރޭސީންނާ ދެކޮޅަށް ސެމީ ފައިނަލުގައި އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ ކުޅުނު މެޗު ފެށިގެންދިޔައީ ވެސް ވަރަށް ޕުރެޝަރުގައެވެ. ގިނަ ފައުލްތަކެއް ފެނިގެންދިޔަ މި މެޗުގައި ފުރަތަމަ ލަނޑު ކާމިޔާބުކުރީ އިންގްލެންޑުންނެވެ. 55 ވަނަ މިނެޓުގައި ގޯޑޮން ކާމިޔާބުކުރި ލަނޑާއެކު އިނގިރޭސީންގެ މުޅި ޓީމު އެއްކޮށްހެން ޑިފެންސަށް ފައިބައިގެން އާޖެންޓީނާ ލަނޑެއް ޖެހިޔަނުދީ ހިފަހައްޓަން މަސައްކަތްކުރިއެވެ.

ނަމަވެސް ދުނިޔޭގައި މިވަގުތު ހުރި އެންމެ މޮޅު ކުޅުންތެރިޔާ ހުއްޓުވާނެ ފޯމިޔުލާއެއް އެއްވެސް ޓީމަކަށް ހޯދިފައިނުވާއިރު އިނގިރޭސީންނަށް ވެސް އެ ބުރަ އުފުލަންޖެހުނެވެ. މެޗުގެ އެންމެ ފަހު ވަގުތުކޮޅުގެ ތެރޭގައި މެސީގެ ދެ އެސިސްޓުން ކާމިޔާބުކުރި ދެ ލަނޑާއެކު ފަހަތުން އަރައި އިނގިރޭސިން ފަހާލުމަށްފަހު އާޖެންޓީނާ ވަނީ ވޯލްޑް ކަޕުގެ ފައިނަލުގެ ދެވަނަ ޖާގަ ކަށަވަރުކޮށްފައެވެ.

މިއީ މެސީއާއެކު އާޖެންޓީނާ ވޯލްޑް ކަޕުގެ ފައިނަލުގައި ކުޅޭނެ 3ވަނަ ފަހަރެވެ. އެހެނީ 2014ވަނަ އަހަރުގެ ފައިނަލުގައި ވަނީ ޖަރުމަނާއެކު ކުޅެ ނާކާމިޔާބުވެފައެވެ. އަދި 2022ވަނަ އަހަރުގެ ފައިނަލުގައި ފްރާންސް ބަލިކޮށް ދުނިޔޭގެ ތަށި ހޯދާފައިވާއިރު މިފަހަރުގެ ވެސް ރަނަރަޕް ނުވަތަ ޗެމްޕިއަންކަން އާޖެންޓީނާއަށް ލިބޭނެއެވެ.

މިހާތަނަށް ވޯލްޑް ކަޕްގައި ޖެހިޖެހިގެން ދެ ފައިނަލަށް ދަތުރުކުރީ އިޓަލީ، ބްރެޒިލް، އާޖެންޓީނާގެ އިތުރުން ނެދަލޭންޑްސްއާއި ފްރާންސެވެ. އޭގެ ތެރެއިން ދެ ފައިނަލުން މޮޅުވެފައި އޮތީ ބްރެޒިލާއި އިޓަލީ އެކަންޏެވެ. އާޖެންޓީނާއިން 1986 އަކާއި 1990 ވަނަ އަހަރު ފައިނަލުގައި ކުޅުނު ނަމަވެސް، 1990 ގައި ނިންމާލީ ރަނަރަޕްގެ ގޮތުގައެވެ. އެހެންކަމުން އިތުރު ފައިނަލަކާއެކު އާޖެންޓީނާއަށް ވަނީ ހާއްސަ ޝަރަފެއް ހޯދިފައެވެ.

އާޖެންޓީނާއަށް މިއީ ތަފާތު ޗެލެންޖިން ވޯލްޑް ކަޕެކެވެ. ގަދަ 32 ގައި ކޭޕް ވާޑާ ދެކޮޅަށް ކުޅުނު މެޗު އިތުރު ވަގުތަށް ގޮސްގެން ކާމިޔާބުވި އިރު، މިސްރު ކައިރިންވެސް ނުކެޓީ ކިރިޔާއެވެ. އަދި ސްވިޒަލޭންޑް ކައިރިންވެސް މޮޅުވީ އިތުރު ވަގުތަށް ގޮސްގެންނެވެ. އެ ހުރިހާ މެޗެއްގައިވެސް އާޖެންޓީނާ ތަފާތު ދެއްކީ ކެޓުމާ ގާތުގައި އޮއްވައެވެ.

ސްޕެއިން އަދި އާޖެންޓީނާ ބައްދަލުކުރާ ފައިނަލް މެޗު އޮންނާނީ ޖުލައި 19ވާ އާދީއްތަ ދުވަހުގެރޭ 12 ޖަހައިރު އެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *