ޙައްޖަށްދާން އެދޭމީހާ ތިމާގެ ކިބައިގައި ހުރި ކިޔަމަންތެރިކަން ޢަމަލުން ހާމަކުރާށެވެ!

އެއަށްވުރެ ގާތުން ވިސްނައިލަމާ ހެއްޔެވެ؟ ﷲ ތައާލާ އަހަރެމެންނަށް ރިޒުޤާއި ސަލާމަތް ޞިއްޙަތާއި ބޭނުންވާނެ އެހެންކަންކަން ﷲ ތަޢާލާ މިންވަރުކުރެއްވެވުމުން ޝުކުރުވެރިވެ ނަމާދުކޮށް ހެޔޮ ޢަމަލުތައް ނުކުރެވޭނަމަ ﷲ ތަޢާލާގެ ރަޙްމަތަށް އެދެވޭނީވެސް ކިހިނަކުންހެއްޔެވެ؟

އަހަރެމެންނަށް ﷲ ތަޢާލާ ވަނީ 24 ގަޑިއިރުގެ ވަގުތު ކޮންމެ ދުވަހަކު ދެއްވަވައިފައެވެ. 24 ގަޑިއިރު ދެއްވެވުމަށްފަހު މިއަންގަވަނީ އެއިގެ ތެރެއިން 24 މިނިޓު ނަމާދުކުރުމުގައި ހޭދަކުރުމަށެވެ. ކޮންމެ 60 މިނިޓަކުން އެންމެ މިނިޓެކެވެ!

އަހަރެމެންނަށް މިއުޅެނީ އެވަރުވެސް ނުކުރެވިގެންނެވެ. ޢަމުދުން ފަތިސްނަމާދު ނުކުރވިގެންނެވެ. ފަތިސް ނަމާދަކީ ދުވަހުގެ ފެށުންކަމުގައި ހަދަންޖެހޭ ނަމާދެވެ! ފަތިސްނަމާދުނުކުރާ މީހުންވެސް ޙައްޖަށްދާން ބޭނުންވާހަކަ ދައްކައެވެ! ޙައްޖަށް ދަނީ ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރުމުގެ ގޮތުންނެވެ. ﷲ ތަޢާލާއަށް ކިޔަމަންތެރި ނުވެ ހުންނަ މީހާ ފުރަތަމަކުރަން އޮތްކަމަކީ ކިޔަމަްތެރިކަން އަދާކުރުމެވެ.

ފަތިސްނަމާދުގެ ވާހަކަ މިގޮތަށް ފާހަގަމިކުރީ އެންމެ ގިނަބައަކު އެންމެ ބޮޑަށް އިހްމާލްވާ ނަމާދަކީ އެއީ ކަމުގައިވާތީއެވެ! ފަތިސްނަމާދުގެ އިހުސުންނަތުގެ ދެރަކްޢަތަކީ ދުނިޔެއާއި ދުނިޔޭގައިވާހައިތަކެއްޗަކަށްވުރެ ﷲ ތަޢާލާގެ ޙަޟްރަތުގައި ލޮބުވެތިކަން ބޮޑު ނަމާދަކަށްވާތީއެވެ! ޙަޤީޤަތަކީ ކޮންމެ ނަމާދަކީވެސް ހަމަ ކޮންމެހެންވެސް ކުރަންޖެހޭ ނަމާދެއް ކަމެވެ.

ފަތިސްނަމާދަށް ފަރުވާތެރިވެ ޖަމާއަތުގައި ކުރެވޭނީ ﷲ ތަޢާލާއަށް ވަރަށް ކިޔަމަންތެރި މީޙުންނަށެވެ! އިބިލީހުގެ ވަސްވާސްތަކުން ސަލާމަތްވެ އަރާމު ނިދި ދޫކޮށްލައި ﷲ ތަޢާލާއަށްޓަކައި ނަމާދުކުރެވޭނީ ﷲ ތަޢާލާއަށް ކިޔަމަންތެރިވާ މީހުންނަށެވެ! ފަތިސް ނަމާދުގެ މުހިންމުކަމުގެ ވާހަކަ ދައްކަންޖެހެނީ މިފަދަ މުހިންމު އެތައް ބައިވަރު ސަބަބުތަކެއް ހުރުމުންނެވެ.

ވީމާ ޙައްޖަށް ދިއުމަށް އުންމީދުކުރާ މީހާ ފުރަތަމަކަމެއްގެ ގޮތުން ފަރުޟު ފަސްނަމާދަށް ރައްކައުތެރިވާށެވެ! ޚާއްޞަކޮށް ފަތިސްނަމާދަށް ރައްކައުތެރިވެ ތިމާގެ ކިޔަމަންތެރިކަން ޢަމަލުން ދައްކާށެވެ! ﷲ ތަޢާލާ ތިބާއެދޭ އެންމެހައި ކަންކަން ފުއްދަވައި ދެއްވަވާނެތެވެ! އިން ޝާ ﷲ

– އިސްލާމީ ތިލަފަތުގެ ދަރުސަކުން

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *